ޖޭމީ ވާޑީ ކާމިޔާބް ކޮށްދިން ދެ ގޯލާ އެކު 2-0ގެ ނަތީޖާ އަކުން ސަންޑަލޭންޑްގެ މައްޗަށް ކުރި ހޯދައި ލެސްޓާ ސިޓީން އިނގިރޭސި ޕްރިމިއާ ލީގް ހޯދުމާ ގާތަށް ޖެހިލައިފި އެވެ.
އެ މޮޅާ އެކު ލެސްޓާ އޮތީ ލީގު ތާވަލުގެ އެއްވަނައިގައި 72 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް ޓޮޓެންހަމް އަށް 65 ޕޮއިންޓް ލިބޭ އިރު އެ ޓީމް ވަނީ މިރޭ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު 3-0ގެ ނަތީޖާ އަކުން ކާމިޔާބް ކޮށްފައެވެ.
ސަންޑަލޭންޑްގެ ސްޓޭޑިއަމް އޮފް ލައިޓްގައި ކުޅުނު އެ މެޗުގައި ދެ ޓީމްގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އިރު ފުރަތަމަ ހާފްގައި ގޯލު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ ސަންޑަލޭނެޑަށެވެ. ފުރަތަމަ ހާފްގެ އެންމެ ފަހު ވަގުތު ކޮޅުގައި ލެސްޓާގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެ ސަންޑަލޭންޑުގެ ފަބިއޯ ބޮރިނީ ފޮނުވާލި އެ ހަމަލާ ލެސްޓާގެ ކީޕަރު ވަނީ ހުޝިޔާރު ކަމާ އެކު ދިފާއު ކޮށްފައެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި މިރޭ ސަންޑަލޭންޑް އާއި ލެސްޓާ ސިޓީ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
ލެސްޓާގެ ދެ ގޯލު ވެސް ދެ ވަނަ ހާފްގައި ފެނިގެން ދިޔައިރު ފުރަތަމަ ގޯލު މެޗުގެ 66 ވަނަ މިނެޓްގައި އެ ޓީމުން އުފެއްދި ކައުންޓަރ އެޓޭކެއްގައި ވާޑީ ކާމިޔާބް ކުރީ ޑެނިއަލް ޑްރިންކްވޯޓާރ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.
އެ ގޯލަށް ފަހު ވެސް ލެސްޓާއިން ރަނގަޅު ކުޅުމެއް ދައްކައި ސަންޑަލޭންޑުގެ ގޯލަށް ނުރައްކާ ކުރިއިރު އެ ޓީމުން ވެސް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
ލެސްޓާއިން އެ މެޗުގައި ކާމިޔާބް ކުރި ދެވަނަ ގޯލު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސްމިނެޓްގެ ތެރެއިން އެންމެ ފަހު ވަގުތު ކޮޅުގައި ވާޑީ ކާމިޔާބް ކުރީ މެދު ރޮނގު މަތިން ހިފައިގެން ދިޔަ ބޯޅަ، ކައިރީގައި ހުރި ކުޅުންތެރިއާ ކައިރިން ނައްޓާލާފައި ގޯލް ކީޕަރު ވެސް ބީޓް ކޮށްފައެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި މިރޭ ސަންޑަލޭންޑް އާއި ލެސްޓާ ސިޓީ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
މެޗަށް ފަހު ވާހަކަ ދައްކަމުން ލެސްޓާގެ ކޯޗު ކުލައުޑިއޯ ރަނިއެރީ ބުނީ ސަޕޯޓަރުންގެ އުންމީދުތައް އޭނާ އަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި އެ އުންމީދު ފުރިހަމަ ކޮށްދިނުމަށް އޭނާ ހުރީ ކެތްމަދުވެފައި ކަމަށެވެ.
"އަހަރެމެންނަށް އަދި ލީގެއް ކަށަވަރެއް ނުވޭ. ކުރިއަށް އެބަހުރި ވަރަށް ވަރުގަދަ އުނދަގޫ މެޗުތަކެއް. މިވަގުތު އެންމެ ބޮޑަށް ސަމާލުކަން މިދެނީ އެ މެޗުތަކަށް،" ރަނިއެރީ ބުންޏެވެ.
ލީގުގައި ލެސްޓާ އަށް ބާކީ ހަ މެޗު އޮތްއިރު، އޭގެތެރެއިން ތިން މެޗުން މޮޅުވެގެން އެ ޓީމަށް ލީގު ކަށަވަރު ވާނެއެވެ.