ހަވީރު ނޫހުގެ މައްސަލަ ސިޔާސީ ނުކުރުމަށް އެ ނޫހުގެ ހަތަރު ހިއްސާދާރުންގެ ތެރެއިން ތިން ހިއްސާދާރަކު އިލްތިމާސް ކުރައްވައިފި އެވެ.
އެ ތިން ހިއްސާދާރުން އެކަމަށް އިލްތިމާސް ކުރެއްވީ އެ ތިން ބޭފުޅުން ގުޅިގެން ނެރުއްވާފައިވާ ޖޮއިންޓު ސްޓޭޓްމަންޓެއްގަ އެވެ.
ހަވީރު ނޫހުގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ހ. މީރުބަހާރުއާގޭ އިބްރާހީމް ރަޝީދު މޫސާ އާއި ގ. ކޮއްގިރި އަބްދުﷲ ފާރޫގު ހަސަން އަދި ހ. ޓައިމްލެސް މުހައްމަދު ނައީމް ވަނީ އިއްޔެ އާއި މިއަދު ދެ ބަޔާނެއް ނެރުއްވާފަ އެވެ.
އެ ނޫސްބަޔާނުގައި އެ ތިން ބޭފުޅުން އިލްތިމާސް ކުރައްވާފައި ވަނީ ހަވީރު ނޫހުގެ ކުރިމަގު ފަނާވެގެން ހިނގައިދާނެމަގުން ކަންތައްތައް ނުކޮށް ވާހަކަދައްކައިގެން މައްސަލަ ހައްލުކޮށްގެން ހުރިހާ ހިއްސާދާރުން ގުޅިގެން ހަވީރު ނޫސް އިތުރަށް ތަރައްގީކޮށް ކުރިއެރުވުމުގެ މަސައްކަތް ފެށުމަށެވެ.
ހަވީރު ނޫސް ފެށިގެން އައިގޮތާއި ހިއްސާދާރުންގެ މެދުގައި އަމަލު ކުރާނެ ގޮތަށް އެގްރީމެންޓާ ހަވާލާދީ ތަފްސީލުކޮށް ވަނީ ބަޔާންކޮށްފަ އެވެ.
އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު ހަސަން އަދި މުހައްމަދު ނައީމް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ މެދު ޝަރީއަތުން ވަކި ގޮތެއް ނިމެންދެން އެ ތިން ބޭފުޅުންގެ ބައިވެރިވުން ނެތް ގޮތަކަށް ހަވީރު ނޫސް ނުހިންގުމަށް ހ. ނީލްވިލާ މުހައްމަދު ޒާހިރު ހުސައިންގެ މައްޗަށް ސިވިލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.