އުންމުހާތުލް މުއުމިނީންގެ ތެރެއިން: އުންމުލް މުއުމިނީން އައްސައްޔިދާ ޖުވައިރިއްޔާ ބިންތި އަލްހާރިޘް ރަޟިޔަﷲ ޢަންހާ

(5 އޭޕްރިލްގެ އަދަދާގުޅޭ)

މުރައިސީޢު ހަނގުރާމަ

މުޞްޠަލިޤުވަންހައިގެ ރައީސް الحارث ހީފުޅުކުރައްވައިގެން ހުންނެވިގޮތާ ޚިލާފަށް، ކައުސާހިބާ صلّى اللّـه عليه وسلّم އެހާކުއްލިގޮތަކަށް އިސްލާމީ ލަޝްކަރާއިގެން ވަޑައިގެން އަލްމުރައިސީޢަށް ވެރިވެވަޑައިގަތުމުން އޭނާގެ ހިތްޕުޅަށްވަނީ އަމަށަކު ބިރުވެރިކަމެއް ނޫނެވެ. އެހެންކަމުން ޖަމާޢަތެއްގެ މީހުނާއެކު އޭނާ ފިލައިވަޑައިގެންނެވިއެވެ. މުޞްޠަލިޤުވަންހައިގެ މީހުން އެއްކޮށްގެން އުޅުން ޢަރަބި ޤަބީލާތަކުގެ އެތައްބަޔަކުވެސް ފިލައިގެން ހިނގައްޖެއެވެ. الحارث بن أبى ضرار އެހާބޮޑަށް ބިރުފުޅުގެން ވަޑައިގަތުމުގެ އެހެން ސަބަބެއްވެސް އޮތެވެ. އެއީ އޭނާ މުސްލިމުންގެ ޚަބަރު ހޯއްދަވަން ފޮނުއްވި ޖާސޫސަކު މުސްލިމުންގެ އަތްދަށުގައި ހައްޔަރުވެ އެމީހާ ޤަތުލުވުމެވެ.

الحارث بن أبى ضرار ފިލާވަޑައިގެންނެވިކަމުގައިވިޔަސް، އޭނާގެ އެކޮއްކޮއާއި ޤަބީލާގެ މީހުން ކަނޑައެޅީ މުސްލިމުންނާ ދެކޮޅަށް ވަރުގަދަޔަކަށް ހަނގުރާމަ ކުރުމަށެވެ. އިސްލާމްދީނުގެ ނަބިއްޔާ
صلّى اللّـه عليه وسلّم ހަނގުރާމަ ފެއްޓެވުމުގެ ކުރީން މުޞްޠަލިޤުވަންހައިގެ މީހުނަށް ހަތިޔާރު ބަހައްޓަން ނަސޭހަތްދެއްވިއެވެ. އިސްލާމްވުމަށް ދަޢުވަތު ދެއްވިއެވެ. عمر الفاروق رضى اللّـه عنه އަށް ވިދާޅުވިއެވެ. ޝަހާދަތުގެ ދެކަލިޔަ ކިޔުމަށް ދުޝްމިނުންނަށް ގޮވާލައްވާށެވެ. އޭރުން އެބައިމީހުންގެ ޖާނާއި މާލަށް އަމާންކަން ލިބޭނެކަމަށްވެސް އަންގަވާށެވެ. عمر رضى اللّـه عنه އެގޮތަށް ޢަމަލުކުރެއްވިޔެވެ. عمر ގެފާނު ގޮވައިލެއްވިއެވެ. قُولُوالا إله إلاّ اللّـه، تمنعوابها انفسكم واموالكم ނަމަވެސް މުޞްޠަލިޤުވަންހައިގެ މީހުންގެ ނަސީބު ދެރަކަމުން އެނަސޭހަތްޕުޅަކަށް ބޮލެއް ނުލެނބިއެވެ. އެމީހުން ހަނގުރާމަ އިޢުލާނުކޮށް އިސްލާމީ ލަޝްކަރާ ދިމާޔަށް ދުނިއުކާން ފެށިއެވެ. އެބައިމީހުން އުކިދުނީގެ ތެރެއިން ދުންޏެއް، މުސްލިމް މުޖާހިދެއްގެ ހަށިކޮޅަށް އަމާޒުވިއެވެ.

ކައުސާހިބާ صلّى اللّـه عليه وسلّم އެހައިތަނުން އިސްލާމީ ލަޝްކަރު ހަނގުރާމަޔަށް ސަފުހެއްދެވިއެވެ. ސަފުތަކުގެ ތަރުތީބު ދެމެހެއްޓުމަށް އިރްޝާދު ދެއްވިއެވެ. ހަމައެއާއެކު މުޞްޠަލިޤުވަންހައިގެ މީހުންނާ އެކީއެކައްޗަކަށް ޙަމަލަދޭން އަމުރުކުރެއްވިއެވެ. މާގިނައިރެއްނުވެ މުޞްޠަލިޤުވަންހައިގެ މީހުން ބަލިވެއްޖެއެވެ. ދިހަމީހުން ޤަތުލުވެ، އެހެން އެންމެން ހައްޔަރުވެއްޖެއެވެ. ހައްޔަރުވި މީހުންގެ ޢަދަދަކީ ހަސަތޭކަ ކަމަށާއި، ހަތްސަތޭކަ ކަމަށް ރިވާޔަތްތައް ހުރެއެވެ. ހައްޔަރުވި މީހުންގެ ތެރޭގައި އެވަންހައިގެ ރައީސް الحارث بن أبى ضرار ގެ ދަރިކަނބަލުން السّيّدة برّة بنت الحارث ވެސް ހިމެނިވަޑައިގެންނެވިއެވެ. ޤަތުލުވި މީހުންގެ ތެރޭގައި އެކަމަނާގެ ފިރިކަލުން مسافع بن صفوان ވެސް ހިމެނުނެވެ. ހައްޔަރުވީ މީހުންގެ އިތުރަށް ދެހާސް ޖަމަލާއި ފަސްހާސް ބަކަރި މުސްލިމުންނަށް ޣަނީމާގެ ގޮތުގައި ލިބުނެވެ.

ޣަނީމާ ބެއްސެވުމުން السّيّدة برّة بنت الحارث ލިބިވަޑައިގަތީ މަޝްހޫރު އަންޞާރިއްޔަ ޞަޙާބީއެއްކަމުގައިވާ ثابت بن قيس بن الشّمّاس رضى اللّـه عنه އަށެވެ. السّيّدة برّة އަކީ ނުހަނު ހިތްވަރުފުޅުގަދަ ޢަޒުމުފުޅު ވަރުގަދަ ބޭކަނބަލެކެވެ. އަޅުވެތިކަމުގައި އިންނަވާކަށެއް އެކަމަނާގެ ހިތްޕުޅެއް ނުރުހުނެވެ. އެކަމަނާ ثابت އާ ވާހަކަދައްކަވައިގެން މުކާތިބު އަޅަކަށްވެވަޑައިގެންނެވިއެވެ. ثابت އެކަމަނާގެ މިނިވަންކަމުގެ އަގެއްކަމުގައި ކަނޑައެޅުއްވީ ނުވަ އޫޤިއްޔަތުގެ ރަނެވެ. السّيّدة برّة އެއަގާ ރުހިވަޑައިގެން އެއްބަސްވުމެއް އެކަށައެޅުއްވިއެވެ. ނަމަވެސް އެކަމަނާގެ އަތްޕުޅަކު އެވަގުތު އެއްވެސް އެއްޗެއްނެތެވެ. އެހެންކަމުން އެކަމަނާ ޤަޞްދުކުރެއްވީ މިނިވަންކަމުގެ އަގުއަދާކުރެއްވުމަށްޓަކައި މީހުންގެ އަތުން އެހީހޯއްދެވުމަށެވެ. އެކަމަނާ އެހީހޯއްދެވުމުގެ ބޭނުންފުޅުގައި، ކައުސާހިބާ صلّى اللّـه عليه وسلّم ގެ އަރިހަށް ވަޑައިގެންނެވިއެވެ.

برّة - أمّ المؤمنين

السّيّدة برّة بنت الحارث ކައުސާހިބާ صلّى اللّـه عليه وسلّم ގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ.

"އޭ މާތް اللّـه ގެ ރަސޫލާއެވެ. އަޅުގަނޑަކީ ބަނުލްމުޞްޠަލިޤުގެ ރައީސްގެ ދަރިފުޅެވެ. މިއަދު އަޅުގަނޑު މިވަނީ ރަނުގެ ތަޚްތަކުން ބިންމައްޗަށް ވެއްޓި، ހިރަފުހާ މޮޑެވިފައެވެ. ކަންމިހެން ހުރިކަމުގައިވިޔަސް، އަޅުގަނޑަށް މިނިކަމެތިކަމާ ރުހެވޭނީ ކިހިނަކުންތޯއެވެ. އަޅުގަނޑުގެ ސާހިބާ
ثابت بن قيس ވަނީ ނުވަ އޫޤިއްޔަތުގެ ރަންދިނުމުން އަޅުގަނޑު މިނިވަންކޮށްދެއްވަން ވިދާޅުވެފައެވެ. އެކަމަކު އަޅުގަނޑު މިއަދު މިއިން ޙާލަތުން އަޅުގަނޑުފަދަ އާރެއްބާރެއްނެތް ނިކަމެއްޗަކަށް އެހާގިނަ ޢަދަދެއްގެ ރަން އަދާކުރެވޭނީވެސް ކިހިނަކުންތޯއެވެ. އެހެންކަމުން، ކަލޭގެފާނު އަޅުގަނޑަށް އެހީތެރިވެވަޑައިގެންދެއްވުން އެދެމެވެ."

މުސްލިމުންގެ ޙިކުމަތްތެރި ޤާއިދަށް السّيّدة برّة އަކީ މުޞްޠަލިޤުވަންހައިގެ ރައީސުގެ ދަރިކަނބަލުންކަން އެނގިވަޑައިގަތުމުން، އެމާތް ސާހިބާ ޤަޞްދުކުރެއްވީ އެކަމަނާ މެދުވެރިކުރައްވައި މުޞްޠަލިޤުވަންހައިގެ މައްޗަށް އިތުރު ފަތަޙައެއް ހޯއްދެވުމަށެވެ. ހަނގުރާމައިގެ މައިދާނުގައި އެވަންހައިގެ މީހުންގެ ހަށިތަކާއި މުދާތައް ޣަނީމާކުރެއްވި ފަދައިން އެބައިމީހުންގެ ހިތްތަކާއި ސިކުނޑިތައްވެސް މިލްކުކުރެއްވުމަށެވެ. އެކަމުގެ ވަސީލަތެއްގެގޮތުން މުޞްޠަލިޤުވަންހައާ ދަނބިދަރިކަމުގެ ގުޅުމުން ގުޅިވަޑައިގަތުމަށެވެ. މުސްލިމުންނާއި މުޞްޠަލިޤުވަންހައާ ޅިޔަންފަހަރިކަމުގެ ގުޅުމުން ގުޅުއްވައިލެއްވުމަށެވެ.

އިތުރު ސާހިބާ ޙަދީޘުކުރެއްވިއެވެ. "ތިޔައަށްވުރެ މާރަނގަޅު ގޮތެއް އެބައޮތެވެ. އެގޮތަކީ އަހުރެން، ކަމަނާގެ އަގުއަދާކޮށް، ކަމަނާ މިނިވަންކޮށްދިނުމެވެ. އެއާއެކު ކަމަނާއާ ކާވެނިކުރުމެވެ."
السّيّدة برّة ނުހަނު އުފާފުޅުން އެކަން ޤަބޫލުކުރެއްވިއެވެ. އިތުރު ސާހިބާ صلّى اللّـه عليه وسلّم އެކަމަނާ މިނިވަންކޮށްދެއްވިއެވެ. އެއަށްފަހު އެކަމަނާއާ ކާވެނިބައްލަވައިގެންނެވިއެވެ. އިތުރު ސާހިބާ صلّى اللّـه عليه وسلّم އެކަމަނާގެ ނަންފުޅު جويرية އަށް ބަދަލުކުރެއްވިއެވެ.

أمّ المؤمنين السّيّدة جويرية رضى اللّـه عنــها ކައުސާހިބާ صلّى اللّـه عليه وسلّم ގެ އަރިހަށް އެހީހޯއްދަވަން ވަޑައިގެންނެވި ވާހަކަ، إبن إسحاق ރިވާކުރައްވައިފައިވަނީ أمّ المؤمنين السّيّدة عائشة صدّيقة رضى اللّـه عنــها ގެ ސަނަދުންނެވެ. أمّ المؤمنين السّيّدة عائشة رضى اللّـه عنــها ވިދާޅުވެފައިވެއެވެ.

السّيّدة جويرية އަކީ ވަރަށް ރީތި ބޭކަނބަލެކެވެ. އެކަމަނާގެ މޫނުފުޅު ތާޒާވެފައި އުޖާލާއެވެ. އެކަމަނާއަކީ ނުހަނު ބަލާޣަތްތެރި، ބަސްފުޅުތައް ފޮނި ބޭކަނބަލެކެވެ. އެކަމަނާ ވަޑައިގަތުމާއެކު އެކަމަނާގެ ރީތިކަން ފެނިފައި އަހަންނަށް ވަރަށް އަސަރުކުރިއެވެ. ކައުސާހިބާގެ އަރިހުގައި އެކަމަނާގެ ބޭނުންފުޅުގެ ވާހަކަ ވިދާޅުވުމުން ކައުސާހިބާ صلّى اللّـه عليه وسلّم ޙަދީޘުކުރެއްވިއެވެ. "ތިޔައަށްވުރެ މާރަނގަޅު ގޮތަކަށް ކަމަނާ އުންމީދެއް ނުކުރައްވަމުތޯއެވެ؟" އެކަމަނާ ވިދާޅުވިއެވެ. "އޭ މާތް اللّـه ގެ ރަސޫލާއެވެ! އެއީ ކޮންގޮތެއްތޯއެވެ؟" ކައުސާހިބާ ޙަދީޘުކުރެއްވިއެވެ. "އެގޮތަކީ އަހުރެން ކަމަނާގެ އަގުއަދާކޮށް، ކަމަނާ މިނިވަންކޮށްދިނުމެވެ. އެއަށްފަހު ކަމަނާއާ ކާވެނިކުރުމެވެ." السّيّدة جويرية ވިދާޅުވިއެވެ. "އޭ މާތް اللّـه ގެ ރަސޫލާއެވެ! އަޅުގަނޑު ތިޔަގޮތާ ރުހިޤަބޫލުވަމެވެ."

السّيّدة جويرية ގެ ބައްޕާފުޅު الحارث އަށް އޭނާގެ ދަރިކަނބަލުން ހައްޔަރުވިކަން އެނގިވަޑައިގަތުމުން އޭނާގެ ހިތްޕުޅަކަށް ކެތެއްނުވިއެވެ. އޭނާގެ ދަރިކަނބަލުން މިނިވަންކުރެއްވުމަށްޓަކައި މަދީނާއަށް ވަޑައިގެންނެވިއެވެ. އޭނާ ކައުސާހިބާ صلّى اللّـه عليه وسلّم ގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. "އޭ محمّد ގެފާނެވެ. އަޅުގަނޑަކީ މުޞްޠަލިޤުވަންހައިގެ ރައީސެވެ. އެހެންކަމުން ކަލޭގެފާނަށްވެސް އެނގިވަޑައިގަންނަވާނެފަދައިން އަޅުގަނޑުގެ ދަރިފުޅަކަށް ކަނީޒެއްގެ ގޮތުގައެއް ނުއިނދެވޭނެއެވެ. ކަލޭގެފާނު އޭނާ މިނިވަންކޮށްދެއްވާށެވެ." ކައުސާހިބާ صلّى اللّـه عليه وسلّم ޙަދީޘުކުރެއްވިއެވެ. "ތިޔަކަންތައް ޚުދު جويرية އެދޭގޮތަކަށް ދޫކޮށްލުން ކިހިނެއްވާނެބާވައެވެ؟" الحارث އެގޮތް ޤަބޫލުކުރައްވައިގެން جويرية ގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. " محمّد ގެފާނުވަނީ ދަރިފުޅުގެ މިނިވަންކަމުގެ މައްސަލަ، ދަރިފުޅު ރުހޭގޮތަކަށް ދޫކޮށްލައްވައިފައެވެ. އެހެންވީއިރު ބައްޕަގެ އަގުވައްޓައިނުލާށެވެ!" السّيّدة جويرية ވިދާޅުވިއެވެ. "އަޅުގަނޑު މާތް اللّـه އާއި އެކަލާނގެ ރަސޫލާ ޚިޔާރުކޮށްފީމެވެ."

عبد اللّـه بن زياد ގެ އަރިހުން ރިވާވެފައިވެއެވެ. أمّ المؤمنين السّيّدة جويرية رضى اللّـه عنــها ގެ ބައްޕާފުޅު الحارث بن أبى ضرار އަށް އޭނާގެ ދަރިކަނބަލުން ހައްޔަރުވެވަޑައިގެންނެވިކަން އެނގިވަޑައިގަތުމުން ވަރަށްގިނަ ޖަމަލުތައް ހިއްޕަވައިގެން މަދީނާއަށް ދަތުރު ފެއްޓެވިއެވެ. ފިދުޔަ ދެއްވައިފައި އޭނާގެ ދަރިކަނބަލުން މިނިވަންކުރެއްވުމަށްޓަކައެވެ. މަދީނާގެ ރަށްބޭރަށް ވަޑައިގެންފައި އޭނާ ގެންނެވި ޖަމަލުތަކުގެ ތެރޭގައި އޮތް އެންމެ ރީތި، އެންމެ ރަނގަޅު ދެ ޖަމަލު، މަދީނާގެ ރަށްބޭރުގެ ވާދީއެއްކަމުގައިވާ ވާދިލްޢަޤީޤުގައި ފޮރުއްވިއެވެ. އޭނާ ޤަޞްދުކުރައްވައިގެން ހުންނެވީ، އެނބުރިވަޑައިގަންނަވާއިރު އެ ދެ ޖަމަލު ގެންދެވުމަށެވެ. އޭނާ ކައުސާހިބާ صلّى اللّـه عليه وسلّم ގެ އަރިހަށް ވަޑައިގެން، އޭނާ ގެންނެވި ޖަމަލުތައް ހުށަހަޅުއްވައިފައި ވިދާޅުވިއެވެ.

"އޭ محمّد ގެފާނެވެ! ކަލޭގެފާނު ވަނީ އަޅުގަނޑުގެ ދަރިފުޅު ހައްޔަރުކުރައްވައިފައެވެ. މި ޖަމަލުތައް ބަހައްޓަވައިފައި އޭނާ މިނިވަންކޮށްދެއްވާށެވެ!"

އިތުރު ސާހިބާ صلّى اللّـه عليه وسلّم ޙަދީޘުކުރެއްވިއެވެ. "ކަލޭގެ ވާދިލްޢަޤީޤުގައި ފޮރުވި ދެ ޖަމަލު ނުގެނައީ ކީއްވެގެންހެއްޔެވެ؟"

(ނުނިމޭ)

comment ކޮމެންޓް