ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ސްޕެއިންގެ ރެއާލް މެޑްރިޑް ބަލިކޮށް، މުބާރާތުން އެޓީމު ކަޓުވާލުމަކީ ހުވަފެނެއް ކަމަށް ޖަރުމަނުގެ ވޮލްފްސްބާގުގެ މިޑްފީލްޑަރު ޖޫލިއަން ޑްރެކްސްލާ ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގައި އަންނަ ބުދަ ދުވަހު ވޮލްފްސްބާގާ ދެކޮޅަށް ރެއާލް ނުކުންނާނީ ސްޕެނިޝް ލަލީގާގައި ބާސެލޯނާ އަތުން ލިބުނު ކާމިޔާބާއެކު އެވެ. އެލް ކްލެސިކޯ މެޗުން އެޓީމު މޮޅުވީ 2-1 ލަނޑުންނެވެ.
"މި ކުލަބަށް އެކަން ވުމަކީ ހުވަފެނެއް. އަހަރެމެންނަށް އެނގޭ ރެއާލްއާ ދެކޮޅަށް ކުޅޭ މެޗުގައި އަހަރެމެންގެ އެންމެ ރަނގަޅު ކުޅުން ދައްކަން ޖެހޭނެކަން. ރަނގަޅަށް ކުޅުމެއް ދައްކާނަމަ، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް. ރެއާލް އަކީ އަހަރެމެންނަށްވުރެ ރަނގަޅު ޓީމެއް. އަހަރެމެންނަކީ ކުޑަ ވޮލްފްސްބާގު. އެއީ ބޮޑު ރެއާލް މެޑްރިޑް. އެހެންކަމުން ފޭވަރިޓުންނަކީި ރެއާލް،" ޑްރެކްސްލާ ބުންޏެވެ.
ޗެމްޕިއަންސް ލީގުގައި ވޮލްފްސްބާގަށް ތިން ލަނޑު ކާމިޔާބުކޮށްދިން ޑްރެކްސްލާ ބުނީ، އެ މެޗުގައި ވޮލްފްސްބާގުން ކުޅޭނީ ހަމައެކަނި ޑިފެންސަށް ވިސްނައިގެން ނޫން ކަމަށާއި މެޗުގައި އެޓޭކު ވެސް ކުރާނެ ކަމަށެވެ.
"ރަނގަޅަށް ޑިފެންސްކޮށް، އަހަރެމެން އެޓޭކު ވެސް ކުރާނަން. ގޯލް ކުރިމަތީ ހުރެގެން ހަމައެކަނި ޑިފެންސްކޮށްގެނެއް ނުވާނެ. ރެއާލްއަކީ ދުނިޔޭގެ ކޮންމެ ސްޓޭޑިއަމެއްގައި ކުޅުނަސް ލަނޑުޖެހޭނެ ފެންވަރު ހުރި ޓީމެއް. އަހަރެމެން ޖެހޭނެ ލަނޑުޖަހާނެ ފުރުސަތުތައް ހޯދަން،" އޭނާ ބުންޏެވެ.
ޑްރެކްސްލާ ބުނީ, ބާސެލޯނާއާ ދެކޮޅަށް ކުޅޭ ނަމަ، އެޓީމުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅޭނެ ކަމަށާއި އެގޮތަށް ރެއާލްއަކީ ވެސް ތަފާތު ޓީމެއް ކަމަށެވެ.