އުންމުހާތުލް މުއުމިނީންގެ ތެރެއިން: އުންމުލް މުއުމިނީން އައްސައްޔިދާ ޖުވައިރިއްޔާ ބިންތި އަލްހާރިޘް ރަޟިޔަﷲ ޢަންހާ

އެކަމަނާގެ "ހެނދުންކޮޅަކީވެސް ތަންމަތިކޮޅަކީވެސް، އަރަހުށި މާތް اللّـه سبحانه وتعالى އަށް އަޅުކަންކުރެއްވުމެވެ. އެކަމަނާއަކީ އިތުރު ސާހިބާ صلّى اللّـه عليه وسلّم ގެ ގަނޑުވަރަށް ވަޑައިގަތުމަށްފަހު އަޅުވެރި ޒާހިދާއަކަށް ބަދަލުވެވަޑައިގެންނެވި ރައީސްޒާދީއެކެވެ. އެކަމަނާއަކީ އެކަމަނާގެ މިނިވަންކަމުން އެތައްސަތޭކަ އިންސާނުންގެ މިނިވަންކަމުގެ އަގު އަދާކުރެއްވި ނަސީބުވެރި ބޭކަނބަލެކެވެ. އެކަމަނާއަށްވުރެ ތިމާގެ ޤައުމަށް ބަރަކާތްތެރި އެއްވެސް އަންހެނަކު އިންސާނީ ތާރީޚު ދުވަހަކުވެސް ދެކެފައެއް ނުވެއެވެ. އާދެ، އެކަމަނާއަކީ އިސްލާމްދީނުގެ ނަބިއްޔާ صلّى اللّـه عليه وسلّم ގެ ލޮބުވެތި އަނބިކަނބަލުން
أمّ المؤمنين السّيّدة جويرية بنت الحارث رضى اللّـه عنــها އެވެ.

+ + + + + +

ނަންފުޅާއި ނަސަބުފުޅު

ޚުޒާޢަތުވަންހައިގެ ގޮފިތަކުގެ ތެރެއިން އެއްގޮތްޕަކީ މުޞްޠަލިޤުވަންހައެވެ. އެވަންހައިގެ ރައީސަކީ الحارث بن أبى ضرار އެވެ. މުޞްޠަލިޤުވަންހައިގެ މީހުން ދިރިއުޅުނީ ޖިއްދާއާއި ރާބިޣާ ދެމެދު ރަތްކަނޑުގެ އައްސޭރީގައި އޮންނަ ޤުދައިދެވެ ކިޔުނު ސަރަޙައްދުގައެވެ. الحارث بن أبى ضرار އަކީ އޭނާގެ މުއްސަނދިފުޅުކަމާއި އޭނާއަށް މީހުން ކިޔަމަންވެ ބޯލަނބާ މިންވަރާއި، އޭނާގެ ވިސްނުންތެރިކަމާމެދު އިންތިހާޔަށް ފަޚުރުވެރިވެވަޑައިގަންނަވާ ވެރިޔެކެވެ. މުޞްޠަލިޤުވަންހައަކީވެސް ޢަރަބީންގެ ތެރޭގައި ޤަދަރުހުރި ދަރިކޮޅެކެވެ. ހަނގުރާމަވެރިކަމާއި، ހިތްވަރުގަދަކަމަށް ނަންހިނގައިފައިވާ ބައެކެވެ. މަގުފޭރުމާއި ތަޅާފޮޅުމުގައި މަޝްހޫރު ބައެކެވެ. މުޞްޠަލިޤުވަންހައާއި ޤުރައިޝުވަންހައިގެ ގުޅުން ވަރަށްބޮޑެވެ. ޚާއްޞަކޮށް އެވަންހައިގެ ރައީސް حارث بن أبى ضرار އަކީ ޤުރައިޝުންގެ އިތުބާރުކުރެވޭ އެކުވެރިޔެކެވެ. އެއްބަޔަކު އަނެއްބަޔެއްގެ އުފަލާއި ހިތާމައިގައި އަބަދުވެސް ބައިވެރިވެއެވެ. އަދި ކީއްތޯއެވެ. ދެބައިމީހުންވެސް ތިބެނީ އެއްބަޔަކު އަނެއްބަޔަކަށްޓަކައި ޤުރްބާންވާންވެސް ތައްޔާރަށެވެ. އެގޮތުން ޤުރައިޝުން މުސްލިމުންނާ ކުރާ ހަނގުރާމަތަކުގައި މުޞްޠަލިޤުވަންހަ، ޤުރައިޝުންނާ ބައިވެރިވެއެވެ.

އިސްލާމްދީނުގެ ނަބިއްޔާ صلّى اللّـه عليه وسلّم ގެ ބިޢުޘަތުގެ ދެއަހަރުކުރީން، މުޞްޠަލިޤުވަންހައިގެ ރައީސް الحارث بن أبى ضرار އަށް ހަނދެއްފަދަ ދަރިކަނބަލަކު ލިބިވަޑައިގެންނެވިއެވެ. ޢާއިލާގެ ފަރާތުން އެކަމަނާއަށް އެރުވި ނަންފުޅަކީ برّة އެވެ. އެކަމަނާ ބޮޑުފުޅުވީ އިންތިހާދަރަޖައިގެ އަރާމާއި، އުފަލާއި ނިޢުމަތުގައެވެ. "ޝާހީ" މާޙޫލެއްގައެވެ. އެކަމަނާއަށްޓަކައި އާޔާއިންނާއި، ނޯކަރުންވަނީ ޚާއްޞަކުރެވިފައެވެ. އެކަމަނާގެ ބައްޕާފުޅުގެ އަތްޕުޅުގައި ފައިސާ، ފެނަށްވުރެ ތިޔާގިއެވެ. އެހެންކަމުން އޭނާ އެކަމަނާގެ ތަރުބިޔަތަށް ޚަރަދުކުރެއްވީ އެއްވެސް ހިސާބެއްކިތާބެއް ނެތިއެވެ.

ޒަމާނުގެ ބުރުތައް ފުރިހަމަވަމުންގޮސް އެކަމަނާ ޒުވާންކަމުގެ އޮޅިގިރާކުރެއްވިއިރު އެކަމަނާއަކީ ފިސާރި ބުރުޞޫރަފުޅުރީތި، ގޮތްހުރި، އަދަބު އަޚްލާޤު ރީތި ބޭކަނބަލެކެވެ. މުޅި އެވަންހައިން އެންމެ ރީތިފުޅުކަމަށް މަޝްހޫރުވެވަޑައިގެންފައިވަނީ އެކަމަނާއެވެ. ހަމައެފަދައިން އުޅުއްވުމާއި ގުޅުއްވުމުގައިވެސް އެންމެ ރީތި ނަން ލިބިވަޑައިގެންފައިވަނީ އެކަމަނާއަށެވެ. އެހެންކަމުން އެކިފަރާތްފަރާތުން އެކަމަނާގެ ކާވެނިފުޅަށްއެދި ހުށަހެޅުންތައް އޮހެމުންދިޔައެވެ. އެކަމަނާގެ ޢާއިލާއިން އެހުށަހެޅުންތަކާމެދު ވިސްނައި ބެލުމަށްފަހު ކަނޑައެޅީ ހަމަ އެ ޤަބީލާގެ އަލަށް ވިދަމުންއައި ޒުވާނެއްކަމުގައިވާ مسافع بن صفوان އާ އެކަމަނާގެ ކާވެނިފުޅުކޮށްދިނުމަށެވެ.

އެދުވަސްވަރު މަދީނާވަނީ އިސްލާމީ ދައުލަތުގެ ވެރިރަށަކަށްވެފައެވެ. އިސްލާމްދީނުގެ ނޫރުވަނީ ޢަރަބިކަރައިގައި ފެތުރިފައިއޮތް ޖާހިލިއްޔަތުގެ އަނދިރިކަމުގެ މައްޗަށް ވެރިވާންފަށައިފައެވެ. މުސްލިމުންގެ ދުރުވިސްނިވަޑައިގަންނަވާ ޤާއިދުވަނީ އިސްލާމީ ދައުލަތުގައި ޢަސްކަރީ ބާރެއް އުފައްދަވައިފައެވެ. އިތުރު ސާހިބާ صلّى اللّـه عليه وسلّم ގެންދެވީ ޢަސްކަރީގޮތުންނާއި މަޢުނަވީގޮތުން އެބާރަށް ތަމްރީނާއި ތަރުބިޔަތު ދެއްވަމުންނެވެ. އެންމެފުރަތަމަ ޢަރަބިކަރަ އެއަށްފަހު ވަށައިގެންހުރި ޢަދާވަތްތެރި ބާރުތައް ކަކޫމައްޗަށް ތިރިކުރެއްވުމަށްޓަކައެވެ. އެދުވަސްވަރު އެބާރުގައި ހިމެނުނު ސިފައިންގެ ޢަދަދު ކިތަންމެ މަދުކަމުގައިވިޔަސް، ހަތިޔާރު ކިތަންމެ ދޭސީކަމުގައިވިޔަސް، އެއުރެންގެ އީމާންކަމާއި ޔަޤީންކަން ވަރުގަދައެވެ. މުލައްދަނޑީގެ ބާރަށްވުރެ ބޮޑަށް އެބާރުގެ ސިފައިންގެ ޔަޤީންކަންއޮތީ ޖައްބާރުވަންތަ، ޢަޒީޒުވަންތަ اللّـه ގެ ރަޙްމަތްފުޅާމެދުގައެވެ. އެކަލާނގެ ދެއްވާ ނަޞްރާއި ފަތަޙާމެދުގައެވެ. ޝައްކެއްނެތްގޮތުގައި އެއީ ޢަސްކަރީ ބާރެއްގެ ކާމިޔާބީގެ އެންމެވަރުގަދަ ގެރެންޓީއެވެ.

ބަރަކާތްތެރި ހުވަފެންފުޅެއް

އިސްލާމީ ލަޝްކަރު ބަދުރުގެ މައިދާނުގައި ޤުރައިޝުންގެ މައިކަށި ބިންދައިލިއެވެ. ޤުރައިޝުން އިނދަޖައްސައިލިއެވެ. برّة بنت الحارث ގެ ބައްޕާފުޅާއި ފިރިކަލުންނަކީ ކުރީންވެސް ދެންނެވިފަދައިން ޤުރައިޝުންގެ ހިތާމަޔާއި އުފަލުގެ ބައިވެރީންނެވެ. މުސްލިމުންގެ އެންމެ ބޮޑެތި ޢަދުއްވުންނެވެ. އެބައިމީހުންގެ ހިތުގައި ފެޅި މުސްލިމުންނާ ޢަދާވަތްތެރިކަމުގެ ނިރު، ބަދުރުގެ ޙާދިޘާއަށްފަހުވަނީ ހެދިފޯދި ބިޔަގަހަކަށްވެފައެވެ. އެދެމީހުންގެ ހިތުގައި ބަދަލުހިފުމުގެ އަލިފާންރޯވެ ހުޅުއަރާންފެށިއެވެ. ނަތީޖާއެއްގެގޮތުން މުޞްޠަލިޤުވަންހަ ތައްޔާރުވާންފެށީ މަދީނާގެ މައްޗަށް އޮތްފުށް ވަތަށްޖަހައިލުމަށެވެ. އެކިގާކޮޅު ވަކިވަކިކޮށްލުމަށެވެ. މުޞްޠަލިޤުވަންހައިން ޢަރަބީންގެ އެހެނިހެން ޤަބީލާތަކާ ގުޅައިގެން މީހުން އެއްކޮށް އެބައިމީހުންގެ އަފުރާދީ ބާރު ވަރުގަދަކުރިއެވެ. ހަތިޔާރުތައް އުފައްދައި ތޫނުކޮށް ގުދަންކުރަމުން ގެންދިޔައެވެ.

އިސްލާމްދީނުގެ ނަބިއްޔާ صلّى اللّـه عليه وسلّم އަށް އެ ޚަބަރު ލިބިވަޑައިގަތުމާއެކު ޤަޞްދުކުރެއްވީ ޢަސްކަރީ ފިޔަވަޅެއް އެޅުއްވުމުގެކުރީން އެޚަބަރުގެ ދޮގުތެދު ބެއްލެވުމަށެވެ. އެހެންކަމުން، އިތުރު ސާހިބާގެ ފިދާއީއެއްކަމުގައިވާ بريدة بن الحصيب الأسلمى رضى اللّـه عنه އެބައިމީހުންގެ ގާތަށް ފޮނުއްވިއެވެ. ކަންހުރިނެތްގޮތް ބައްލަވައިލެއްވުމަށެވެ. ޞައްޙަ މަޢުލޫމާތުގެ މައްޗަށް ބިނާކުރައްވައި ތަދުބީރުތައް ރޭއްވެވުމަށެވެ.

بريدة بن الحصيب الأسلمى رضى اللّـه عنه މުޞްޠަލިޤުވަންހައިގެ ގާތަށް ވަޑައިގެން އެޤަބީލާގެ ރައީސް الحارث بن أبى ضرار އާ ބައްދަލުކުރެއްވިއެވެ. އެޤަބީލާގެ ކުރިޔަށްތިބި މީހުނާ މަޝްވަރާކުރެއްވިއެވެ. ޒުވާނުންގެ ޢަސްކަރީ ހޭލަމޭލަވުން ލޯފުޅުން ދެކެވަޑައިގެންނެވިއެވެ. ހަތިޔާރު އުފައްދާ މީހުން އަވަދިނެތިކުރަމުން ގެންދިޔަ މަސައްކަތް ބައްލަވައިލެއްވިއެވެ. ޤަބީލާގެ އެންމެންގެ ޤަޞްދާއި ޢަޒުމް އޮތްގޮތް އޮޅުންފިލުއްވިއެވެ. އެއެންމެންގެވެސް ހިތްތަކަށާއި ސިކުނޑިތަކަށް ވެރިވެފައިވާތީ ފެނިވަޑައިގަތީ ހަނގުރާމައިގެ ފުރޭތައެވެ. ޚާއްޞަކޮށް ޤަބީލާގެ ރައީސް الحارث بن أبى ضرار ފާޅުގައި ވިދާޅުވީ އޭނާ މަދީނާއަށް ޙަމަލަދެއްވަން ޤަޞްދުކުރައްވާ ކަމުގައެވެ.

بريدة بن الحصيب رضى اللّـه عنه އެނބުރިވަޑައިގެން މުޞްޠަލިޤުވަންހައިގެ މީހުންގެ ބަސްމަގާއި ޢަމަލުތައް ހުރިގޮތުގެ ފުރިހަމަ ލަފްޒީ ތަސްވީރެއް ހުށަހެޅުއްވިއެވެ. އިސްލާމީ ދައުލަތުގެ ކޮމާންޑަރ އިން ޗީފް ހަމަ އެވަގުތު ދައުލަތުގެ ސަލާމަތަށްޓަކައި ރޭއްވެވުންތައް ރާއްވަވަން ފެއްޓެވިއެވެ. ނުހަނު ހަލުވި އަވަސް ފިޔަވަޅުތަކެއް އަޅުއްވާން ފެއްޓެވިއެވެ. އިސްލާމީ ލަޝްކަރަށް އަވަހަށް ހަނގުރާމަޔަށް ތައްޔާރުވުމުގެ އޯޑަރު ނެރުއްވިއެވެ. ނަތީޖާއެއްގެގޮތުން މަދީނާގެ މަސްރަޙު ގުގުމަންފެށި حيىّ على الجهاد ގެ ނަޣަރާގެ އަޑުންނެވެ. އެހާރުން އިސްލާމީ ސިފައިން ހަނގުރާމަޔަށް ތައްޔާރުވެގެން ނިކުމެއްޖެއެވެ. އިސްލާމީ މުޖާހިދުންގެ ޢަދަދަކީ ހަތްސަތޭކައެވެ. އެންމެ އިސްކޮމާންޑަރަކީ އިސްލާމްދީނުގެ ނަބިއްޔާ صلّى اللّـه عليه وسلّم އެވެ.

ކައުސާހިބާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންކުރެ أمّ المؤمنين السّيّدة عائشة رضى اللّـه عنها އާއި، أمّ المؤمنين السّيّدة أمّ سلمة رضى اللّـه عنها އަރިހުގައި ގެންދަވާގޮތަށް ހަމަޖެއްސެވިއެވެ. އިތުރު ސާހިބާގެ ނާއިބެއްގެ ޙައިޘިއްޔަތުން މަދީނާގެ މައްޗަށް ވެރިކުރެއްވީ زيد بن حارثة رضى اللّـه عنه އެވެ.

ކައުސާހިބާ صلّى اللّـه عليه وسلّم އިސްލާމީ ލަޝްކަރާއިގެން ހަލުވި ދަތުރުފުޅެއް ކުރައްވަމުން ވަޑައިގެން މުޞްޠަލިޤުވަންހައިގެ އެންމެ ޚާއްޞަ ފެނުގެ ޒަޚީރާކަމުގައިވާ މުރައިސީޢުގެ ކައިރިޔަށް މަޑުކުރައްވައި އެފެންގަނޑު އިސްލާމީ ލަޝްކަރުގެ ބާރުގެ ދަށަށްގެންދެވިއެވެ. އެއީ ހިޖްރައިން ފަސްވަނަ އަހަރުގެ ޝަޢުބާންމަހުގެ ދެވަނަ ދުވަހެވެ. މީލާދީން 626 ވަނައަހަރުގެ ޑިސެމްބަރުމަހުގެ ދުވަހެކެވެ. ދުޝްމިނުންގެ ފެނުގެ ޒަޚީރާތައް މުސްލިމުންގެ ބާރުގެ ދަށަށް ގެންދެވުމަކީ އިސްލާމްދީނުގެ ނަބިއްޔާ
صلّى اللّـه عليه وسلّم ގެ ވަރަށް ޚާއްޞަ ޢަސްކަރީ ޙިކުމަތުޢަމަލީއެކެވެ.

ކައުސާހިބާ صلّى اللّـه عليه وسلّم އިސްލާމީ ލަޝްކަރާއިގެން އަލްމުރައިސީޢުގެ ކާރިޔަށް ވަޑައިގަތުމުގެ ތިންރޭކުރީން އެއްރެޔަކު السّيّدة برّة بنت الحارث އަށް ވަރަށް ޚާއްޞަ ހުވަފެންފުޅެއް ފެނިވަޑައިގެންނެވިއެވެ. މަދީނާގެ އުދަރެހުން ހަނދުއަރައިގެންއައިސް އެކަމަނާގެ އުނގުފުޅަށް ވެއްޓުނީތީއެވެ. السّيّدة برّة ވިދާޅުވާގޮތުގައި އެހުވަފެންފުޅުގެ ވާހަކަ ދެއްކެވުމަކީ މަޞްލަޙަތާ ޚިލާފުކަމެއްކަމުގައި ފެނިވަޑައިގެން އެކަމަނާ އެހުވަފެންފުޅު ސިއްރުކުރެއްވިއެވެ. މުރައިސީޢު ހަނގުރާމައިގައި އެކަމަނާ ހައްޔަރުވެވަޑައިގަތުމުން އެހުވަފެންފުޅު ސީދާވުމުގެ ވަގުތުޖެހިއްޖެކަމަށް ހިތްޕުޅަށް ފެނިވަޑައިގެންނެވިއެވެ.

(ނުނިމޭ)

comment ކޮމެންޓް