ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރާ އެއް ގަޒިއްޔާއަކުން ހުކުމް ކުރި ލ. ދަނބިދޫ، އަފްޒާ، އަހުމަދު އާމިރު ދޫކޮށްލުމުގެ އަމުރަކަށް އެދި ހެބިއަސް ކޯޕަސްގެ މައްސަލައެއް ކްްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
އެ މައްސަލަ ކްރިމިނަލް ކޯޓަށް މިރޭ ހުށަހެޅުއްވީ އާމިރުގެ ގާނޫނީ ވަކީލު އަބްދުﷲ ޝާއިރުއެވެ. އާމިރަކީ އަދީބުގެ ކުރީގެ ބޮޑީގާޑެކެވެ.
އާމިރު 10 އަހަރަށް ޖަލަށްލާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދަތުރުފުޅު ކުރެއްވި ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައެވެ.
އަދީބާ އެއް ގަޒިއްޔާއަކުން އެ މައްސަލާގައި އާމިރުގެ މައްޗަށް ހުކުމް ކޮށްފައިވާތީ އޭނާ ދޫކޮށްދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ގައި ޝާއިރު މިއަދު ވަނީ އެދިވަޑައިގެންފައެވެ. ނަމަވެސް އަދިވެސް އޭނާ ދޫކޮށްފައެއްނުވެއެވެ.
ޝާއިރު މިއަދު ކަރެކްޝަންސް އަށް ފޮނުވި ސިޓީގައި ވަނީ އަދީބުގެ މައްޗަށް ކޮށްފައިވާ ތަހުގީގުތަކާއި ހިންގާފައިވާ ޝަރީއަތްތަކަކީ ސިޔާސީ ނުފޫޒުން ހިންގާފައިވާ ޝަރީއަތްތަކެއް ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވާ ކަމަށެވެ.
އެހެންއެކަން އޮތުމުން އަދީބާ އެއް ގަޒިއްޔާއަކުން ހުކުމް ކުރި އޭނާގެ މުވައްކިލު އާމިރުގެ މައްޗަށް ކުރި 10 އަހަރުގެ ޖަލު ހުކުމްވެސް ބާތިލުވާނެކަން ވަރަށް ސާފު ކަމަށް ޝާއިރު ސިޓީގައި ވިދާޅުވެފައިވެ އެވެ.
އެހެންކަމުން މިހާރު އާމިރު ޖަލު ބަންދުގައި ބަހައްޓާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ޝާއިރު ވަނީ ވިދާޅުވެފަ އެވެ. އަދި އެއީ ޖިނާއީ ކުށެއް ކަމަށްވެސް ވަނީ ބުނެފަ އެވެ.
"އަހުމަދު އާމިރު، ލ. ދަނބިދޫ، ވަގުތުން ވަގުތަށް މިނިވަންކޮށްދިނުމަށާއި އަހުމަދު އާމިރުގެ މިނިވަންކަން ގެއްލޭގޮތަށް މި ސިޓީ ލިބޭ ވަގުތުން ފެށިގެން ތިޔަ ސާވިސްގެ ބެލުމުގެ ދަށުގައި ބަހައްޓާބަމަ، އެ ބަހައްޓާ ބެހެއްޓުމަކީ ގާނޫނާ ޚިލާފަށް ބަންދުގައި ބެހެއްޓުމެވެ. އަދި ގާނޫނާ ޚިލާފަށް އެކި އެކި ފަރާތްތައް ބަންދުގައި ބެހެއްޓުމަކީ ޖިނާއީ ކުށެއް ކަމާއި އަދި ގާނޫނާ ޚިލާފަށް ބަންދުކުރެވިފައިވާ ފަރާތްތަކަށް ބަދަލުދޭންޖެހޭނެ ކަމެއްކަން ހަނދުމަކޮށްެދެކެވެ،" ޝާއިރު ފޮނުވި ސިޓީގައިވެއެވެ.