މުލިއާގެ ކައިރިން ފެނުނު އައިއީޑީ: ހަތަރު ވަނަ މީހާ ވެސް ސަލާމަތް ވެއްޖެ

2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މުލީއާގެ ކައިރީގައި އައިއީޑީއެއް ބޭއްވި މައްސަލައާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލި މީހުން ---- ސަން ފައިލް ފޮޓޯ: އަހްމަދު އާޒިފް

މުލިއާގެ ކައިރީ ޕާކުކޮށްފައި އޮތް ޕިކަޕެއްގައި އައިއައިޑީއެއް ބޭއްވި މައްސަލާގައި ކުށް ސާބިތުވި ކަމަށް ކްރިމިނަލް ކޯޓުން ނިންމި ހަތަރު ވަނަ މީހާގެ ހުކުމް ވެސް ހައި ކޯޓުން ބާތިލް ކޮށްފިއެވެ.

އެމައްސަލާގައި ކުށް ސާބިތުވެ ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ, ހއ. ހޯރަފުށި، އާރޯ، އަހުމަދު މަމްދޫހު އާއި މ. ހީރޯ މުހައްމަދު އުބައިދު އިބްރާހިމް އަދި ތ. ތިމަަރަފުށި، ވިލާ، ޒިހާން އަހުމަދުގެ އިތުރުން ހ.މިޓާޒް ތަލްއަތު މުހައްމަދުގެ މައްޗަށެވެ.

އެ ހަތަރު މީހުންގެ ތެރެއިން ޒިހާން ފިޔަވައި ދެން ތިބި މީހުނަށް ކުރި ހުކުމް މަތީ ކޯޓުތަކުން ވަނީ މީގެ ކުރިން ބާތިލް ކޮށްފައެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ޒިހާންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 17 އަހަރުގެ ޖަލު ހުކުމް އިއްޔެ ހައި ކޯޓުން ވަނީ ބާތިލް ކޮށްފައެވެ.

ޒިހާން މިނިވަންކުރި ހުކުމުގައި ބުނެފައިވަނީ, އެ މައްސަލައާ ގުޅިގެން ޓެރެރިޒަމްގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމެއް މީގެ ކުރިން ވަނީ ސުޕްރީމް ކޯޓުން ބާތިލް ކޮށްފައި ކަމަށެވެ.

އެހެން ކަމުން ސުޕްރީމް ކޯޓުގެ އެ ހުކުމަށް ރިއާޔަތްކޮށް ޒިހާންގެ މައްޗަށް ވެސް ކޮށްފައިވާ ހުކުމް ބާތިލް ކުރަން ހައި ކޯޓުން ވަނީ ނިންމާފައެވެ.

މުލިއާގެ ކައިރީގައި އައިއީޑީއެއް ކަމަށް ޝައްކު ކުރެވޭ އެއްޗެއް ބޭއްވި މައްސަލައިގައި އެ ހަތަރު މީހުން ހައްޔަރު ކުރީ 2015 ނޮވެމްބަރު މަހުއެވެ. އެއީ 'ފިނިފެންމާ' ގޮއްވާލި ހާދިސާއަށް ފަހު ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހަލަބޮލިވެފައި އޮތް ދުވަސް ވަރެކެވެ.

comment ކޮމެންޓް