ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރުގެ ދެ ބޮޑީގާޑުން ޝަރީއަތް ނިމެންދެން ރިމާންޑު ޖަލުގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން އެގޮތަށް އަމުރުކުރީ އަދީބުގެ ދެ ބޮޑީގާޑުން ކަމުގައިވާ ލ. ދަނބިދޫ، އަފްޒާ އަހްމަދު އާމިރާއި މއ. ސިގްމާ ހަސަން ރިކާޒުގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ބޭއްވި މުއްދަތު މަޖިލީހުގައެވެ.
ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު މުއްދަތު މަޖިލީހުގައި ވިދާޅުވީ މުޖުތަމައުގެ ސަލާމަތާ ރައްކާތެރި ކަމަށްޓަކައި ޝަރީއަތް ނިމެންދެން އެ ދެ މީހުން ބަންދުގައި ބައިތިއްބަން އެދޭ ކަމަށެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ ޓެރަރިޒަމަކީ އެންމެ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށް ކަމުގައިވާއިރު އެ ދެމީހުންގެ މައްޗަށް ކުރެވެނީ ޓެރަރިޒަމްގެ ތުހުމަތު ކަމަށެވެ. ބަންދުން ދޫކޮށްލައިފިނަމަ އެ ދެ މީހުން ހެކީންނަށް ނުފޫޒު ފޯރުވަފާނެތީ އާއި ފިލާފާނެ ކަމަށްޓަކައި ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ޖެހޭ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
އެ މައްސަލައިގެ ޝަރީއަތް ވެސް ވަނީ ފެށިފައި ކަމަށާއި ދައުވާ އުފުލާފައި ވަނީ ވެސް އެކަށީގެންވާ ހެކިތަކާ އެކު ކަމަށް ވެސް ވަކީލު ވިދާޅުވިއެވެ.
ރިކާޒުގެ ގާނޫނީ ވަކީލު ވިދާޅުވީ ފުލުހުން ރިކާޒު ހައްޔަރު ކުރީ އޭނާ ބަންދުން ދޫކޮށްފައި އެއްމަސް ވަންދެން ބެހެއްޓުމަށްފަހު ކަމަށެވެ. އަދި އޭނާ އަކީ ތަހުގީގަށް އެއްބާރުލުން ދެމުންދިޔަ މީހެއް ކަމަށާއި ޝަރުތުކޮށްފައި ނަމަވެސް ބަންދުން ދޫކޮށްލަން އެދޭ ކަމަށެވެ.
"ކިތަންމެ ބޮޑު ޝަރުތެއް ކުރިޔަސް އެކަމަށް ގަބޫލުވާން ރިކާޒު ހުރީ ތައްޔާރަށް،" ވަކީލު ވިދާޅުވިއެވެ.
އާމިރުގެ ވަކީލު ވިދާޅުވީ ބަންދުގައި ބަހައްޓަން އަމުރު ކުރިޔަސް ފަސޭހަކަމާ އެކު ވަކީލުންނާ ބައްދަލުކުރެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް އަމުރުގައި ލިޔުއްވައިދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ފަނޑިޔާރުންގެ ބެންޗުން ނިންމީ މައްސަލައިގެ ބާވަތަށާއި ވަށައިގެންވާ ކަންތައްތަކަށް ރިއާޔަތްކުރާއިރު މުޖުތަމައުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ރިމާންޑު ޖަލުގައި ޝަރީއަތް ނިމެންދެން އެ ދެ މީހުން ބަންދުގައި ބެހެއްޓުމަށެވެ.