ލޯންޗުކޮޅަށް ނާރަން ފުލުހުންނަށް އެންގީ "ޗީފް" އަންގައިގެން: ޕާޕާ

ބޮން ގޮއްވި މައްސަލައިގައި ހައްޔަރު ކޮށްފައިވާ ސިފައިންގެ ބަޑި ގުދަނުގެ ކުރީގެ ވެރިޔާ

ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅުކުރެއްވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮވިފަހުން އެ މައްސަލަ ތަހުގީގުކުރަން ދިޔަ ފުލުހުން ލޯންޗުކޮޅަށް ނާރަން އެންގީ "ޗީފް" އެންގެވުމުން ކަމަށް އެ މައްސަލާގައި ދައުވާ އުފުލާފައިވާ މއ. ކުރިކީލަގޭ ކާނަލް އަހްމަދު ފަޔާޒު އަލީ ރިޒާ ވިދާޅުވެއްޖެ އެވެ.

ނަމަވެސް އެ ވިދާޅުވާ "ޗީފް"އަކީ ކޮން ބޭފުޅެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ފަޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާއަށް ޖަވާބުދާރީވަމުން އޭނާ ވިދާޅުވީ އެ ދައުވާ އަށް އިންކާރު ކުރައްވާ ކަމަށެވެ.

ފަޔާޒު ވިދާޅުވީ އޭނާ ފިނިފެންމާ ލޯންޗު ކައިރިއަށް ވަޑައިގަތީ އެ އޭގައި އެއްޗެއްގޮވިތާ އެތައް އިރެއް ފަހުން ކަމަށެވެ. އޭނާ ވަޑައިގެންނެވި އިރު އަޒުމަތު ނަމަކަށް ކިޔާ ފުލުހަކު ލޯންޗުކޮޅު ކައިރީގައި ހުރި ކަމަށާއި ފުލުހުން ލޯންޗަށް އަރަން ބޭނުން ނަމަ އޭނާ އެތަނަށް ވަޑައިގަތުމުގެ ކުރިން ވެސް ލޯންޗަށް އެރޭނެ ކަމަށެވެ.

"އަޅުގަނޑު ދިޔުމުގެ ކުރިން ކީއްވެތޯ ފުލުހުން ލޯންޗަށް ނާރަންވީ،" ފަޔާޒު ވިދާޅުވި އެވެ.

ފަޔާޒު ވިދާޅުވީ އެ ދުވަހު އޭނާ ހުންނެވީ ޗުއްޓީގައި ކަމަށާއި އޭނާ އަކީ އޭރު ރައީސުލްޖުމްހޫރިއްޔާގެ ސެކިއުރިޓީގެ އިންޗާޖު ކަމުގައިވާ އިރު، ފިނިފެންމާ ކައިރިއަށް ވަޑައިގެން އޭނާ ފުލުހުންނަށް އެންގެވީ ސިފައިން ލޯންޗުކޮޅަށް އަރައި ޗެކްކުރުމުން ނޫނީ ފުލުހުންނަށް އެއަށް ނޭރޭނެ ކަމުގައި ކަމަށެވެ. އަދި އެގޮތަށް އެންގެވީ "ޗީފް" ވިދާޅުވެގެން ކަމަށް ވެސް ފަޔާޒު ވިދާޅުވި އެވެ.

ފަޔާޒުގެ މައްޗަށް ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާ ތަހުގީގުކުރުމުގެ ގޮތުން "ސީނަށް" ދިޔަ ފުލުހުންނަށް ލޯންޗުކޮޅަށް އެރުން މަނާކޮށް، ފުލުހުންގެ ވާޖިބުއަދާކުރުމަށް ފަޔާޒު ހުރަސްއަޅުއްވާފައިވާ ކަމަށެވެ.

އެ ދައުވާ އުފުލީ ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ، އެ މާއްދާގެ (ނ) ދަށުންނެވެ.

އެ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ވަނީ ގާނޫނީ ވަކީލެއްގެ އެހީތެރިކަމާ އެކުގައި ކަމަށާއި މިއަދު މައްސަލަ ތާވަލްކުރިކަން ކުރިން އެނގިވަޑައިގެންފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މާދަމާ ޝަރީއަތް ބޭއްވިޔަސް އެ މައްސަލައާއިގެން ކުރިއަށްދާން ތައްޔާރަށް ހުންނެވި ކަމަށް ފަޔާޒު ވިދާޅުވި އެވެ.

އެ މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ގާޒީ އަހްމަދު ރަޝީދާއި ގާޒީ ސައީދު އިބްރާހީމް އަދި ގާޒީ އިބްރާހީމް އަލީ އެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ގާޒީ އަހްމަދު ރަޝީދެވެ.

އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ދެން އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހު އެވެ.

comment ކޮމެންޓް