ފަހު ވަގުތު ދާދު އާއި ދަގަނޑޭ ޖެހި ދެ ލަނޑުން ބޫޓާންގެ މައްޗަށް ރާއްޖެ ކުރި ހޯދައިފި

މިރޭގެ މެޗުގައި ބޫޓާން ކޮޅަށް ދާދު ލަނޑު ޖެހުމުން ދަގަނޑޭ އޭނާ އުރާލަނީ. ދަގަނޑޭގެ ދެ ލަނޑާއެކު މިރޭ ރާއްޖެ މޮޅުވީ 4-2 ލަނޑުން -- ސަން ފޮޓޯ: ފަޔާޒް މޫސާ

މެޗުގެ ފަހު ވަގުތު ބަދަލު ކުޅުންތެރިޔާ ހަސަން ނާއިޒް (ދާދު) އާއި ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ޖެހި ލަނޑާއެކު ބޫޓާން އަތުން މޮޅުވެ، ހަ ޕޮއިންޓާއެކު ރާއްޖެއިން ވޯލްޑް ކަޕް ކޮލިފައިން ނިންމާލައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ބޫޓާންއާ ދެކޮޅަށް ކުޅުނު ވޯލްޑް ކަޕް ކޮލިފައިންގެ އޭޝިއާ ސަރަހައްދުގެ ގްރޫޕް ސީގެ މެޗުން ރާއްޖެ މޮޅުވީ 4-2 ލަނޑުންނެވެ.

މި މެޗަށް ނުކުތް ރާއްޖޭގެ ފުރަތަމަ 11 ގައި ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާގެ ސަބަބުން ބައިވެރިނުވެވުނު ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އާއި އަސަދުﷲ އަބްދުﷲ (އަސައްކޮ) ހިމަނާފައިވެއެވެ.

މެޗުގެ ފުރަތަމަ ހަމަލާ އުފައްދައި ލަނޑުޖަހާނެ ފުރުސަތު ތަނަވަސްކޮށްފައިވަނީ ރާއްޖެއިންނެވެ. މެޗުގެ ފަސް ވަނަ މިނެޓްގައި ހަމްޒާ މުހައްމަދު (ހަމްޕު) ވަރަށް ރީތިކޮށް ބޫޓާން ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ އަސައްކޮގެ ފަޔަށް ރަނގަޅަށް އަރާގޮތެއް ނުވި އެވެ. އަސައްކޮގެ ކަކުލުގަ ޖެހިފައި ބޯޅަ ދިޔައީ ގޯލްގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

މި މެޗުގެ ހަ ވަނަ މިނެޓްގައި ބޫޓާން އިން ވަނީ ލަނޑެއް ކާމިޔާބުކޮށް، ލީޑު ނަގައިފަ އެވެ. މިލަނޑު ބޫޓާނަށް ކާމިޔާބުކޮށްދިނީ ޗެންޗޯ ގައެލްސްޓަން އެވެ. ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން ގައެލްސްޓަންއަށް ލިބުނު ބޯޅަ ރާއްޖޭގެ ގޯލްގެ ތެރެއަށް ފޮނުވާލީ މާބޮޑު އުނދަގުލެއް ނެތި އެވެ.

ބޫޓާނުން ލަނޑުޖަހައި ލީޑު ނެގުމުން ރާއްޖޭގެ ކުޅުން ވަރުގަދަ ކުރިތަން ފެނިގެންދިޔަ އެވެ. އެ ލަނޑަށްފަހު ރާއްޖެ އިން ބޫޓާންގެ ގޯލަށް ނުރައްކާކުރެވޭތޯ މަސައްކަތްކުރި އެވެ. ނަމަވެސް ފުރަތަމަ ހާފްގައި ރާއްޖޭގެ ކުޅުންތެރިން އުފެއްދި ގިނަ ހަމަލާތައް ބޫޓާންގެ ޑިފެންޑަރުން އަދި ގޯލްކީޕަރު ހަރީ ގުރުންޖް ވަނީ ދިފާއުކޮށްފަ އެވެ. އޭގެ ތެރޭގައި އަސައްކޮ އަދި އަހްމަދު ނާޝިދު (ނައްޓޭ) އުފެއްދި ހަމަލާ ފާހަގަކޮށްލެވެއެވެ.

މި މެޗުގެ 29 ވަނަ މިނެޓްގައި ބޫޓާނަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެ، ރާއްޖޭގެ ގޯލަށް ބޫޓާންގެ ޗެންޗޯ އަމާޒުކޮށް ފޮނުވާލި ބާރު ބޯޅަ ކީޕަރު އިމްރާން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފަ އެވެ.

މެޗުގެ 36 ވަނަ މިނެޓްގައި ރާއްޖެއަށް ނަތީޖާ ހަމަހަމަކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ބޫޓާންގެ ޕެނަލްޓީ އޭރިޔާ ބޭރުން ދަގަނޑޭ ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅަ އެޓީމުގެ ކުޅުންތެރިއެއްގެ ގައިގަ ޖެހިފައި ބްލޮކްވެގެން ބޭރަށް ނުކުތް ގަޑީގަ އަސައްކޮއަށް ލިބުނު ބޯޅައިން ފޮނުވާލި ހަމަލާ ބޫޓާންގެ ކީޕަރު ވަނީ މަތަކޮށްފަ އެވެ.

މި މެޗުގެ 37 ވަނަ މިނެޓްގައި ރާއްޖެއިން ވަނީ ލަނޑެއްޖަހައި، ނަތީޖާ ހަމަހަމަކޮށްފަ އެވެ. މި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ އަސައްކޮ އެވެ. ބޫޓާންގެ ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ބޯޅައިން އަސައްކޮ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ ތިރީ ކަނަށެވެ.

މި މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ރާއްޖެއަށް ލީޑު ހޯދުމަށް ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އެގޮތުން ހަމްޕުއަށް ލިބުނު ފުރުސަތުން ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެ އެވެ. ބޫޓާން ޕެނަލްޓީ އޭރިޔާތެރެއަށް ބޯޅަ ހިފައިގެން ވަދެ، ހަމްޕު ފޮނުވާލި ބާރު ހަމަލާ ގޯލްގެ ހުރަސްދަނޑީގެ ތިރީގައި ޖެހިފައި ނުކުތީ ބޭރަށެވެ. މި މެޗުގެ ފުރަތަމަ ހާފް ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފް ފެށިތާ މާގިނައިރުތަކެއް ނުވަނީސް ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޑިފެންޑަރު އަހްމަދު އަބްދުﷲ (ލިލީ) އަތުގައި ބޯޅައިން ޖެހުމުން ބޫޓާނަށް ޕެނަލްޓީއެއް ލިބިގެންދިޔަ އެވެ. މެޗުގެ 48 ވަނަ މިނެޓްގައި ބޫޓާނަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޝެރިން ޑޯޖީ އެވެ.

މި މެޗުގެ 58 ވަނަ މިނެޓްގައި ރާއްޖެއަށް އަލުން ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ދަގަނޑޭ ބޯޅަ ހިފައިގެން ބޫޓާން ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ އެޓީމުގެ ޑިފެންޑަރެއްގެ ކައިރިން ނައްޓާލާފައި އުފެއްދި ހަމަލާ ދިޔައީ ގޯލްގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މި މެޗުގެ 77 ވަނަ މިނެޓްގައި ބޫޓާނަށް ލީޑު ފުޅާކޮށްލުމަށް ފުރުސަތެއް ލިބިގެންދިޔަ އެވެ. ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ބޯޅައަކުން ބޫޓާންގެ މިޑްފީލްޑަރު ޑިވާޝް ސުއްބާ ފޮނުވާލި ހަމަލާ ދިޔައީ ގޯލްގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މި މެޗުގެ 79 ވަނަ މިނެޓްގައި ބޫޓާންގެ ޕެނަލްޓީ އޭރިޔާ ތެރެއިން ބޫޓާންގެ ޑިފެންޑަރަކު ދަގަނޑޭއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ރާއްޖެއިން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މި ޕެނަލްޓީ ރާއްޖެއަށް ކާމިޔާބުކޮށްދިނީ ދަގަނޑޭ އެވެ. އޭނާ ފޮނުވާލި ޕެނަލްޓީ އަމާޒުކޮށްލީ ގޯލްގެ މެދަށެވެ.

މި މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ރާއްޖެއިން ވަނީ ލީޑު ނަގައިފަ އެވެ. ރާއްޖެއަށް މިލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފްގައި ކުޅެން ނުކުތް ޒުވާން ފޯވަޑް ހަސަން ނާއިޒް (ދާދު) އެވެ.

މި މެޗުގެ ދެވަނަ ހާފްގެ އިތުރު ވަގުތުކޮޅު ތެރޭގައި ދަގަނޑޭ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްދީ، ރާއްޖެއަށް ލީޑު ފުޅާކޮށްދީފަ އެވެ. ނައްޓޭ ދިން ބޯޅައަކުން ބޫޓާންގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެ، ދަގަނޑޭ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ ތިރީ ކަނަށެވެ.

މި ނަތީޖާއާއެކު ރާއްޖެ އޮތީ ގްރޫޕް ސީގެ ހަތަރު ވަނައިގައި ލިބުނު ހަ ޕޮއިންޓާއެކު އެވެ. ގްރޫޕްގެ ފުލުގައި އޮތް ބޫޓާނަށް ކުޅުނު އެއްވެސް މެޗަކުން ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. ރާއްޖެ މޮޅުވެފައިވަނީ ބޫޓާންއާ ދެކޮޅަށް ކުޅުނު ދެ މެޗުންނެވެ.

މި ގްރޫޕްގައި މިއަދު ކުޅުނު އަނެއް މެޗުގައި ބައްދަލުކުރީ ޗައިނާއާއި ގަތަރު އެވެ. މި މެޗުން ޗައިނާ ވަނީ 2-0 ލަނޑުން މޮޅުވެ، ގްރޫޕްގެ ދެވަނަ ކަށަވަރުކޮށްފަ އެވެ. ލިބުނު 21 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައި ގަތަރު އޮތްއިރު، ދެވަނައިގައި އޮތް ޗައިނާއަށް ލިބިފައިވަނީ 17 ޕޮއިންޓެވެ. އަދި ގްރޫޕްގެ ތިން ވަނައިގައި އޮތް ހޮންކޮންއަށް ލިބިފައިވަނީ 14 ޕޮއިންޓެވެ.

comment ކޮމެންޓް