Last Updated: 9 year 8 month ago

ވޯލްޑްކަޕް ކޮލިފައިން: ރާއްޖެ 4-2 ބޫޓާން

ބުލޮގު ޚުލާސާ

ވޯލްޑް ކަޕް ކޮލިފައިން އޭޝިއާ ޒޯންގެ ގްރޫޕް 'ސީ'ގައި ރާއްޖެއާއި ބޫޓާން ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ!

މިރޭގެ މެޗަށް މިދެޓީމް ނުކުންނައިރު:

  • 1984، ސެޕްޓެމްބަރު 21ގެ ފަހުން މިދެޓީމު ހަތްފަހަރެއްގެ މަތީން ވާދަކޮށްފައިވާއިރު، ބޫޓާނަށް ރާއްޖެ އަތުން އެންމެ ފަހަރަކުވެސް މޮޅުވެވިފައެއް ނުވޭ.
  • އެންމެ ފަހުން، ވޯލްޑްކަޕް ކޮލިފައިންގައި ބޫޓާންގައި އެޓީމާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ވަނީ 3-4 އިން މޮޅުވެފައި.
  • މިދިޔަ އަހަރުގެ ޑިސެމްބަރުގައި އިންޑިއާގައި އޮތް ސާފް ސުޒުކީ ކަޕްގައި ރާއްޖެ ވަނީ 3-1 އިން ބޫޓާން އަތުން މޮޅުވެފައި.
  • ނޭޕާލްގައި 2013 ވަނަ އަހަރުގެ އޮތް ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން ރާއްޖެ މޮޅުވީ، 8-2 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން.

22:58

މެޗު ނިމިއްޖެ. ރާއްޖެ 4، ބޫޓާން 2.

22:57

ރާއްޖެ އަނެއްކާވެސް ލަނޑު ޖަހައިފި. ގޯލް ޖެހީ ދަގަނޑޭ. ބޫޓާން އޭރިޔާ ތެރޭގައި ހުރެފައި ވަރަށް ރީތިކޮށް ދަގަނޑޭ ކާމިޔާބުކުރި ލަނޑެއް.

22:56

ސެންޓޭ ވަރަށް ރީތިކޮށް ބޫޓާން ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ހަމްޕު ގޯލަށް ފޮނުވާލި ނަމަވެސް ކީޕަރު އަތުގައި ޖެހިފައި ކޯނަރަކަށް ބޯޅަ ބޭރު.

22:54

"90- ފަހުހާފުގެ އިތުރުވަގުތުގެ ގޮތުގައި 4 މިނިޓް.

22:50

"87- ރާއްޖެ ލަނޑުޖަހައިފި. ރާއްޖެއަށް ލީޑު ނަގައިދިނީ ދާދު. ރާއްޖެއަށް ލިބުނު ކޯނަރަކުން ސެންޓޭ ހުރަސްކޮށްލި ބޯޅަ ދާދު ބޮލުން ޖަހައި ގޯލްތެރެއަށް ފޮނުވާލީ.

22:49

"86- ބޫޓާން ޓީމުގެ ޗިމީ ޑޯޖީގެ ބަދަކުގފައި ކުޅެން އެރީ، ދާން ބަހާދުރު.

22:48

ބޫޓާން ކުޅުންތެރިއަކަށް އަނިޔާވެގެން އަށިގަނޑުގައި ދަނޑުން ބާލައިފި. އެޓީމުން އަނެއްކާވެސް ބަދަލެއް.

22:47

ރާއްޖޭ ޓީމުން މިވަނީ ބަދަލެއް ގެނެސްފައި. އަސަދުﷲގެ ބަދަލުގައި ކުޅެން އަރާފައި ވަނީ، ހަސައްނަ ނާއިޒް (ދާދު).

22:43

"80- ދަގަނޑޭ ވަރަށް ރީތިކޮށް ފޮނުވާލި ޕެނަލްޓީ ކީޕަރު އަތުގައި ޖެހިފައި ގޯލްގެ މެދަށް.

22:42

"79- ރާއްޖެއަށް ޕެނަލްޓީއެއް. ބޫޓާން ޕެނަލްޓީ އޭރިޔާ ތެރޭން އެޓީމު ކުޅުންތެރިއަކު ދަގަނޑޭއަށް ފައުލް ކުރީ.

22:41

"77- ރާއްޖޭ ޓީމުން ބަދަލެއް. އިސްމާއީލް އީސާގެ ބަދަލުގައި ކުޅެން އެރީ އަލީ ފާސިރު (ސެންޓޭ).

22:39

ރެފްރީއާ ދިމާއަށް ހިތްހަމަނުޖެހިގެން ކޮންމެވެސް އެއްޗެކޭ ބުނުމުން އަޑުބަރޭއަށް ރީނދޫކާޑެއް ދައްކައިފި.

22:38

"75- ބޫޓާނުން ބަދަލެއް. ޑަވާ ޝެރީންގެ ބަދަލުގައި ކުޅެން އެރީ ސޯނަމް ޓޮބްގޭ.

22:37

ބޫޓާނުން ބަދަލެއް ގެންނަން ތައްޔާރުވަނީ.

22:29

ބޫޓާނަށް މެޗުގެ ލީޑު ލިބިފައި އޮތުމުން އެޓީމުގެ ކުޅުންތެރީން ވަގުތު ދުއްވާލަން މަސައްކަތްކުރާތަން ފެންނަނީ.

22:28

"64- ބޫޓާންގެ ކެޕްޓަން ކަރްމާއަށް ރީނދޫ ކާޑެއް ދައްކައިފި.

22:27

ބޫޓާން ގޯލް ކުރިމައްޗަށް ލިލީ ހުރަސްކޮށްލި ބޯޅަ ނައްޓޭ ބޮލުންޖަހައި ފޮނުވާލި އެހެން ނަމަވެސް ގޯލަށް އަމާޒެއް ނުވި.

22:26

"63- ދަގަނޑޭ ބޯޅަ ހިފައިގެން ބޫޓާން ގޯލް އޭރިޔާތެރެއަށް ވަންނަނިކޮށް ބޫޓާން ކުޅުންތެރީން ބޯޅަ ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލައިފި.

22:25

ބޫޓާން ކީޕަރަށް ފަރުވާ ދިނުމަށްފަހު އަލުން ކުޅެން ފަށައިފި.

22:23

ބޫޓާންގެ ގޯލް ކީޕަރަށް އަނިޔާވެގެން މިވަގުތު މިވަނީ ކުޅުން މެދުކެނޑިފައި.

22:21

"58- މިފަހަރު ދަގަނޑޭ ބޯޅަ ހިފައިގެން ބޫޓާން ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ އެޓީމުގެ ޑިފެންޑަރެއްގެ ކައިރިން ނައްޓާލާފައި ގޯލަށް ފޮނުވާލި ބޯޅަ ދިޔައީ ގޯލް އަރިމަތީ ދަނޑިކައިރިން ބޭރަށް.

22:20

"57- ބޫޓާން ޕެނަލްޓީ އޭރިޔާ ތެރޭން އަސައްކޮށް ހަމްޕުއަށް ޖައްސާލި ބޯޅަ ހަމްޕު ގޯލަށް ފޮނުވާލި ނަމަވެސް ގޯލަށް އަމާޒެއް ނުވި.

22:17

"48- ޝެރިން ޑޯޖީ ވަރަށް ރީތިކޮށް ފޮނުވާލި ޕެނަލްޓީ ގޯލް ތެރެއަށް. ބޫޓާން 2، ރާއްޖެ 1.

22:10

ބޫޓާނަށް ޕެނަލްޓީއެއް. އެޓީމަށް ޕެނަލްޓީ ލިބުނީ، ރާއްޖޭ ޕެނަލްޓީ އޭރިޔާ ތެރޭން ލިލީގެ އަތުގައި ބޯޅަ ޖެހުމުން.

22:08

ދެވަނަ ހާފް ފަށައިފި.

21:52

ފުރަތަމަ ހާފް ނިމިއްޖެ. ރާއްޖެ 1، ބޫޓާން 1.

21:51

ބޫޓާން ކީޕަރު ބޯޅަ އަތަށް ނެގުމަށް ފަހު މާބޮޑަށް ލަސްކުރުމުން އެޓީމު ޕެނަލްޓީ އޭރިޔާ ތެރޭން ރާއްޖެއަށް ނުސީދާ ހިލޭޖެހުމެއް.

21:50

"45- ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ގޮތުގައި 2 މިނިޓް.

21:49

ފުރަތަމަ ހާފްގެ ފުރިހަމަ ވަގުތު ހަމަވާން ބާކީ އެއް މިނިޓް. ރާއްޖެ 1-1 ބޫޓާން.

21:47

"42- ދަގަނޑޭ ވަރަށް ރީތިކޮށް ބޫޓާން ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރި އަސައްކޮއަށް ޖައްސާލި ބޯޅަ، އަސައްކޮ މެއިން ކޮންޓްރޯލްކުރަން އުޅުމުގެ ތެރޭގައި ބޯޅަ އަތުގައި ޖެހުނީ.

21:43

"38- އަނެއްކާވެސް ރާއްޖޭ ޓީމުން ނުރައްކާތެރި ހަމަލާއެއް. ބޫޓާން ޕެނަލްޓީ އޭރިޔާތެރެއަށް ބޯޅަ ހިފައިގެން ވަދެ، ހަމްޕު ވަރަށް ބާރަށް ގޯލަށް ފޮނުވާލި ބޯޅަ ގޯލްގެ ހުރަސްދަނޑީގެ ތިރީގައި ޖެހިފައި ބޭރަށް ނުކުތީ.

21:42

"37- ރާއްޖެ ލަނޑު ޖަހައިފި. ރާއްޖެއަށް ނަތީޖާ ހަމަހަމަކޮށްދިނީ އަސަދުﷲ އަބްދުﷲ.

21:41

ދަގަނޑޭ ބޫޓާންގެ ޕެނަލްޓީ އޭރިޔާ ބޭރުން ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅަ އެޓީމުގެ ކުޅުންތެރިއެއްގެ ގައިގަ ޖެހިފައި ބްލޮކްވެގެން ބޭރަށް ނުކުތް ގަޑީގަ ލިބުނީ އަސައްކޮއަށް. އަސައްކޮ ފޮނުވާލި ބޯޅަ ކީޕަރު މަތަކުރީ.

21:39

"35- މެދުރޮނގާ ހިސާބުން ބޫޓާންގެ ހާފްތެރެއަށް ބޯޅަ ހިފައިގެން އައިސް ނައްޓޭ، ވަރަށް ރީތިކޮށް ޕެނަލްޓީ އޭރިޔާތެރޭން އީސައަށް ޖައްސާލި ބޯޅަ އީސަ ފޮނުވާލުމުގެ ކުރީން ބޫޓާން ކުޅުންތެރީން ކޯނަރަކަށް ބޯޅަ ބޭރުކޮށްލީ.

21:37

ބޫޓާން ހާފުގެ މެދެއްހާ ހިސާބުން ރާއްޖެއަށް ހިލޭ ޖެހުމެއް. ދަގަނޑޭ މަޑުމަޑުން މަތިން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

21:36

ދަނޑުގެ މެދެއްހާ ހިސާބުގައި ހުރެފައި، ލިލީ، ބޫޓާން ޕެނަލްޓީ އޭރިޔާތެރެއަށް ފޮނުވާލި ބޯޅައަށް އެރި އަސައްކޮ. އެހެން ނަމަވެސް އަސައްކޮއަށް ބޯޅަ ލިބުމުގެ ކުރީން އެޓީމުގެ ކީޕަރު ބޯޅަ މަތަކުރީ.

21:34

"29- ބޫޓާންގެ ހަމަލާއެއް ރާއްޖޭ ގޯލަށް. ބޫޓާންގެ ޗެންޗޯ ރާއްޖޭ ޕެނަޓީ އޭރިޔާ ތެރޭގައި ހުރެ ގޯލަށް އަމާޒުކޮށް ފޮނުވާލި ބާރު ބޯޅަ ކީޕަރު އިމްރާންގެ އަތުގައި ޖެހިފައި ކޯނަރަކަށް ބޭރު.

21:32

އާންމުގޮތެއްގައި ރާއްޖޭގެ ގައުމީ ޓީމު ކުޅޭ ވާދަވެރި މެޗުތައް ބަލައިލާން ގިނަ އަދަދެއްގެ ބަޔަކު ގަލޮޅު ދަނޑަށް ވަދެ ދަނޑު ފުރާލާ މަންޒަރު މީގެ ކުރީން ފެނިފައިވީ ނަމަވެސް މިރޭ މަންޒަރު ވަރަށް ތަފާތު. ދަނޑުގެ ދެކޮޅު ސިޑިބަރިއާއި، ގޮނޑިބަރިވެސް ފެންނަނީ ވަރަށް ހުސްކޮށް.

21:25

މެޗުގެ ފުރަތަމަ 20 މިނިޓްގެ ކުޅުން ނިމުނު އިރު ބޫޓާން މިވަނީ އެއް ލަނޑުގެ ލީޑެއް ނަގާފައި.

21:22

ބޫޓާން ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި އޭރިޔާގެ ބޭރުގައި ހުރި ނައްޓޭއަށް އަސައްކޮ ޖައްސާލި ބޯޅަ ނައްޓޭ ގޯލަށް އަމާޒުކޮށް ފޮނުވާލި، އެހެން ނަމަވެސް ބޫޓާން ކުޅުންތެރިއެއްގެ ގައިގަ ޖެހިފައި ބޯޅަ ކޯނަރަކަށް ބޭރު.

21:21

ބޫޓާން ގޯލް އޭރިޔާއާ ދިމާލުން ދަނޑުގެ އަރިމަތިން ހަމްޕު ބޫޓާން ގޯލް އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ރާއްޖޭ ކުޅުންތެރިއަކަށް ލިބުމުގެ ކުރީން ބޫޓާން ޑިފެންޑަރުން ބޯޅަ ދިފާއުކޮށް ކުޅުމުގެ ތެރެއަށް.

21:15

ހަމްޕު ބޫޓާން ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެފައި އޭރިޔާތެރޭގައި ހުރި ދަގަނޑޭއަށް ވަރަށް ރީތިކޮށް ބޯޅަ ފޮނުވާލި. އެހެން ނަމަވެސް ދަގަނޑޭއަށް ބޯޅަ ލިބުމުގެ ކުރީން ބޫޓާން ކީޕަރު ބޯޅަ މަތަކުރީ.

21:12

"6- ބޫޓާން ލަނޑު ޖަހައިފި. ރާއްޖޭ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި، ބޫޓާންގެ ޗެންޗޯ ގައެލްސްޓަން ވަރަށް ރީތިކޮށް ބޯޅަ ގޯލަށް ފޮނުވާލީ.

21:11

ބޫޓާން ގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރި، ދަގަނޑޭއަށް އިސްމާއީލް އީސާ ޖައްސާލި ބޯޅަ، ދަގަނޑޭއަށް ގޯލަށް ފޮނުވާލެވޭގޮތެއް ނުވި.

21:08

"5 - ރާއްޖެއަށް ލަނޑު ޖަހާނޭ ރަނުގެ ފުރުސަތެއް ގެއްލުނީ. ހަމްޕު ވަރަށް ރީތިކޮށް ބޫޓާން ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ އަސަދުﷲގެ ފަޔަށް ރަނގަޅަށް އަރާގޮތެއް ނުވި. އަސައްކޮގެ ކަކުލުގަ ޖެހިފައި ބޯޅަ ދިޔައީ ގޯލްގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

21:05

މެޗު ފަށައިފި. ކިކްއޮފް ކުރީ ބޫޓާނުން.

ރާއްޖޭގެ ފުރަތަމަ 11:

  • އިމްރާން މުހައްމަދު - ގޯލްކީޕަރު
  • ސަމޫހު އަލީ (ސަމުއްޓޭ)
  • އަހްމަދު އަބްދުﷲ (ލިލީ)
  • އަސަދުﷲ އަބްދުﷲ (އަސައްކޮ)
  • އަލީ އަޝްފާގު (ދަގަނޑޭ) - ކެޕްޓަން
  • ސަމްދޫހު މުހައްމަދު
  • އިސްމާއިލް އީސާ
  • އަޝްއަދު އަލީ (އަޑުބަރޭ)
  • އަހްމަދު ނާޝިދު (ނައްޓޭ)
  • ހަމްޒާ މުހައްމަދު (ހަމްޕު)
  • ޝާފިއު އަހްމަދު (ޝާފީ)

ބަދަލު ކުޅުންތެރިން: އަބްދުﷲ ފަޔާޒް، ސަމާމް ގާސިމް (ސައްމޭ)، ހަސަން ނާއިޒް (ދާދު)، އަލީ ފާސިރު (ސެންޓޭ)، އަމްދާން އަލީ (އެންޑީ)، މުހައްމަދު ފައިސަލް، އަންސަރް އިބްރާހިމް (އަންކޮ)، މޫސާ ޔާމިން (ޔާމްބެ)

21:00

ބޫޓާންގެ ގައުމީ ސަލާމަށް ފަހު މިހާރު ކުރިއަށްދަނީ ރާއްޖޭގެ ގައުމީ ސަލާމް.

21:00

މެޗަށް ތައްޔާރުވުމަށް ދެޓީމް ދަނޑަށް ނުކުމެއްޖެ.

00:00

ޝެރިން ޑޯޖީ ވަރަށް ރީތިކޮށް ފޮނުވާލި ޕެނަލްޓީ ގޯލް ތެރެއަށް. ބޫޓާން 2، ރާއްޖެ 1.