ސީނާ ޒާހިރުގެ ބަހުގެ ހޫނު ހަމަލާތަކެއް މަޖިލީސް މެމްބަރުންނަށް

ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސްކަން ކުރެއްވި ސީނާ އަހުމަދު ޒާހިރު މީގެ ކުރިން "ސަން" އަށް އިންޓަވިއު ދެއްވަނީ: ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަހުމަދު ޒާހިރު (ސީނާ ޒާހިރު)އަކީ ވިދާޅުވާން ޖެހޭ އެއްޗެއް ފަސްނުޖެހި ވިދާޅުވާ ބޭފުޅެކެވެ. ބަސް ވިދާޅުވުމުގައި ހާލަތާއި ދަނޑިވަޅަށް އެމަނިކުފާނު ބައްލަވާކަން، ސުރުހީތަކުން 'މިހާރު' ފެންނާނެ އެވެ. އެމަނިކުފާނުގެ ކުރިފުޅުމަތީގައި "ބޭނުން އެއްޗެއް ގޮވުމަށް" ޖާގަ ވެސް ނުދެއްވާނެކަން ހާއްސަ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު އެމަނިކުފާނު ބެލެހެއްޓެވި އިރު ފެންނާނެ އެވެ.

އަނެއްކާ ވެސް މިއޮތީ އެފަދަ ހާލަތަކެވެ. މަޖިލިސް މިހާރު ހިނގަމުންދާ ގޮތާމެދު އެމަނިކުފާނު ފާޑުވިދާޅުވަމުން ގެންދަވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ނަމަވެސް މިފަހަރު ކުރިއަށް ވުރެ ހޫނު ބަހުގެ ހަމަލާތަކެއް އެމަނިކުފާނު ވަނީ މަޖިލީހަށް ރައްދު ކުރައްވާފަ އެވެ. ހާއްސަކޮށް މަޖިލީހުގައި ތިއްބެވި ސަރުކާރު ހިންގާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނަށެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން އިއްޔެ ބޭއްވި ހަފްލާގައި ޒާހިރު ވިދާޅުވީ އިންސާނީ ހައްގުތައް ގާނޫނުގައި ލިޔެވި، އެ ހައްގުތަކަކީ ކޮބައިކަން އެނގުމުން އެ ނިމުނީ ނޫން ކަމަށާއި ހައްގުތައް ހިމާޔަތް ކުރަން އެނގުމަކީ މުހިންމު ކަމެއް ކަމަށެވެ.

އިންސާނީ ހައްގުތައް ބައެއް ފަހަރު ގެއްލެނީ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ މެމްބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށް ޒާހިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހައްގުތައް ގެއްލިއްޖެ ނަމަ ދާން ޖެހޭ މުއައްސަސާތަކުން ފިޔަވަޅު ނާޅައިފި ނަމަ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ދާން ޖެހޭނެ ކަމަށެވެ. ނަމަވެސް މަޖިލީހުގެ ކޮމިޓީން ވެސް އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ޒާހިރު ވިދާޅުވި އެވެ.

"މަޖިލީހުގައި ތިއްބެވި ބޭފުޅުންނަކީ އަޅުގަނޑުމެން ޓެކްސް ދައްކައިގެން 85،000 ރުފިޔާގެ މުސާރަ އާއި ކޮމިޓީ އެލަވަންސަށް 20،000 ރުފިޔާ އަދި ދެ ލައްކަ ރުފިޔާގެ މެޑިކަލް އިންޝުއަރަންސް ދީފައި ތިބި މީހުން. އަޅުގަނޑުމެންގެ ހައްގުތައް ހިމާޔަތް ކުރަން ތިބޭ މީހުން. އޭގެ ބަދަލުގައި މީހުންގެ ކަރުގައި ހިފައި، ގަޔަށް އަރައި ހަދާކަށް ނޫން. އެތަނަށް ދިޔައިމާ އެތަނަކުން ވިދާޅެއް ނުވެވޭނެ، ތިމަންނަމެންނާ ބެހޭ ކަމެއް ނޫނޭ، މިތަނަކުން ނުބެލޭނެ އޭ،" ޕީޕީއެމް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ސީނާ ޒާހިރު ވިދާޅުވި އެވެ.

ސެޕްޓެމްބަރު 29، 2011: ޕީޕީއެމް އުފެއްދުމުގެ މަރުހަލާގައި އާންމުންގެ ހިޔާލު ހޯދުމަށް ބޭއްވި ހަރަކާތެއްގައި ޒާހިރު ވާހަކަފުޅު ދައްކަވަނީ-- ސަން ފައިލް ފޮޓޯ

ޒާހިރު އެހެން ވިދާޅުވެފައި ވަނީ އޭނާ ދަރިކަނބަލުން އަދި ހައި ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ ހައްގުތައް ގެއްލޭ ކަމަށް ބުނެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހުށަހެޅި މައްސަލަ ކޮމެޓީން ބޭރުކޮށްލާފައި ވަނިކޮށެވެ. އަޒްމިރަލްދާ އެ މައްސަލަ ކޮމެޓީ އަށް ހުށަހެޅުއްވީ، ޖޭއެސްސީން އެ މައްސަލައަށް ޖަވާބެއް ދެއްވާފައި ނުވާތީ އެވެ. ކޮމިޓީން ނިންމާފައި ވަނީ ޖޭއެސްސީއަކީ މިނިވަން މުއައްސަސާއަކަށް ވާތީ އެ ކޮމިޝަނުގެ ނިންމުންތައް ބެލުމުގެ އިހްތިސާސް ކޮމިޓީއަށް ލިބިގެން ނުވާ ކަމަށެވެ.

ސީނާ ޒާހިރު އިއްޔެ ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން، ސަރުކާރަށް ނިސްބަތްވާ މެމްބަރުން މަޖިލީހުގައި ތިއްބަވަނީ "ފެހި ފިތަށް ނުފިތިގެން" ކަމަށް ޒާހިރު ވިދާޅުވި އެވެ.

...ކޮންމެ ބިލެއް ހުށަހެޅިޔަސް ސަރުކާރުން ހުށަހަޅާ ގޮތަށް 'ފާސް ކުރަނީ'. ތިއްބަވަނީ ފެހި ފިތަށް ނުފިތިގެން. ހަމަ އިށީންނަވާ ގޮތަށް ފިތަށް ފިތާލައްވަނީ. ދެން އެ ބިލު ފާސްވީ. ދެން އެ ތަންފީޒު ކުރަން ބަލާއިރު އަޅުގަނޑުމެންގެ އެތައް ހައްގެއް އެބަ ގެއްލޭ،ސީނާ ޒާހިރު

އޮކްޓޯބަރު 15، 2011: ޕީޕީއެމް އުފެއްދުމަށް ބޭއްވި ޖަލްސާގެ ރިޔާސަތުގައި-- ސަން ފައިލް ފޮޓޯ

ޒާހިރު ވިދާޅުވީ މުޖުތަމައުގައި ހައްގުތައް އެންމެ ބޮޑަށް ގެއްލިފައި ވަނީ އަންހެނުންގެ ކަމަށާއި، ނަމަވެސް މަޖިލީހުގައި ތިއްބަވާ އަންހެން މެމްބަރުން ވެސް އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރަން އެކަށީގެންވާ މަސައްކަތެއް ނުކުރައްވާ ކަމަށެވެ.

"މަޖިލީހުގައި ތިއްބެވި އަންހެން ބޭފުޅުން. އެބޭފުޅުން އަންހެނުންގެ ހައްގުތަކަށް ފައިޓު ކުރައްވާތޯ؟ ނުކުރައްވާ! އެބޭފުޅުން ޑްރާމާ އާއި ފިލްމު ކުޅުއްވައި، އެ ސަކަރާތްތައް ޖައްސަވަނީ،" ޒާހިރު ވިދާޅުވި އެވެ.

އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރަން މަޖިލީހުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ޒާހިރު ވިދާޅުވި އިރު، ސަރުކާރު ހިންގާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވަނީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު ރޮޒައިނާ އާދަމްގެ މޫނަށް އަނގާގައި ހުރި ފެން 'ބުރުވާ'ލައްވާފަ އެވެ. އަދި ޕީޕީއެމް ނައިބު ލީޑަރު ރިޔާޒު ރަޝީދު ވަނީ މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ އަންހެން މެމްބަރުންތަކަކަށް، "ކާޅަށް" ގޮވާފަ އެވެ. ނަމަވެސް މަޖިލީހުގެ ރިޔާސަތުން އެ ވާހަކަތަކަށް ފިޔަވަޅެއް ނާޅުއްވަ އެވެ.

comment ކޮމެންޓް