ހިއުމަން ރައިޓްސް ކުއިޒްގެ ޗެމްޕިއަންކަަން އިމާދުއްދީން ސްކޫލުން ދިފާއު ކޮށްފި

ހިއުމަން ރައިޓްސް ކުއިޒު 2016ގެ ޗެމްޕިއަންކަން ދިފާއު ކުރި އިމާދުއްދީން ސްކޫލު -- ފޮޓޯ/އެޗްއާރުސީއެމް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި ޕީއެސްއެމްގެ ދިވެހި ރާއްޖޭގެ އަޑުން ގުޅިގެން ބޭއްވި އިންޓަ ސްކޫލް ހިއުމަން ރައިޓްސް ކުއިޒް 2016ގެ ތަށި، މިދިޔަ އަހަރުގެ ވެސް ޗެމްޕިއަން ސްކޫލް އިމާދުއްދީން ސްކޫލުން ދިފާއު ކޮށްފި އެވެ.

ދިވެހި ރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި ބޭއްވި ފައިނަލް މެޗު އިމާމުއްދީން ސްކޫލުން ކާމިޔާބު ކުރީ، ތާޖުއްދީން ސްކޫލާއި ބައްދަލުކޮށް، ކުޑަ ތަފާތަކުންނެވެ. މި ކުއިޒްގެ ފައިނަލުގައި އިމާދުއްދީން ސްކޫލުން 105 ޕޮއިންޓު ލިބުނު އިރު، ރަނަ އަޕް ޓީމު ތާޖުއްދީން ސްކޫލަށް ލިބުނީ 100 ޕޮއިންޓެވެ.

މި ހަފްލާގައި ޗެމްޕިއަން ޓީމަށް ތައްޓާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ، ކުރީގެ ޖަސްޓިސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަހްމަދު ޒާހިރު (ސީނާ) އެވެ.

ހިއުމަން ރައިޓްސް ކުއިޒަކީ، 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް، ހިއުމަން ރައިޓްސް ކޮމިޝަނުން ބާއްވަމުން އަންނަ އިންޓަ ސްކޫލް ކުއިޒު މުބާރާތެކެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު އިކްރާމް އަބްދުލްލަތީފު ވިދާޅުވީ، އަންނަ އަހަރު ޕީއެސްއެމް އިން މިހާރަށް ވުރެ ބޮޑު އެއްބާރުލުމެއް، ހިއުމަން ރައިޓްސް ކުއިޒް އިންތިޒާމުކޮށް ފޮނުވުމަށް ހިއުމަން ރައިޓްސް ކޮމިޝަނަށް ދޭނެ ކަމަށެވެ.

އެގޮތުން، ކުއިޒް މިހާރަށް ވުރެ ރަނގަޅަށް ފަރުމާ ކޮށް، ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުގެ އިތުރުން، ޓީވީ ޗެނަލަކާއި، އޮންލައިން ވެބްސައިޓުގެ އިތުރުން ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ކުއިޒު ފޮނުވާނެ ކަމަށް އިކްރާމް ވިދާޅުވި އެވެ.

comment ކޮމެންޓް