މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 11ވަނަ ދުވަހު އައިޖީއެމްއެޗުގައި ބެހެއްޓި އެމްއާރްއައި މެޝިނުން ޚިދުމަތް ހޯދާ މީހުންގެ އަދަދު ގިނަވުމުން އެ މެޝިނުން ޚިދުމަތް ދޭ ވަގުތު އިތުރުކޮށްފި އެވެ.
އައިޖީއެމްއެޗުގެ ސީއީއޯ ފަރުހަތު ޝަހީރު "ސަން" އަށް ވިދާޅުވީ އެމްއާރްއައި މެޝިނުގެ ޚިދުމަތް އެންމެ ފުރަތަމަ ދޭން ފެށި ދުވަސްވަރު ދުވާލަކު 14 މީހުން އެ މެޝިނުން ހިދުމަތް ހޯދަމުން ދިޔަ ކަމަށެވެ.
އޭނާ ވިދާޅުވީ މީގެ ދެ ހަފްތާ ކުރިން އެމްއާރްއައި މެޝިނުން ޚިދުމަތް ހޯދުމަށް ކިއުގައި ޖެހިފައި ތިބި މީހުންގެ އަދަދު ބަލާލިއިރު 550 ވަރަކަށް މީހުން އެ ޚިދުމަތަށް އެދިފައިވާ ކަމަށެވެ.
ފަރުހަތު ވިދާޅުވީ އެމްއާރްއައި މެޝިނުން ދޭ ޚިދުމަތް މިހާރު ފަށަނީ ހެނދުނު 8:00ގައި ކަމަށެވެ. އަދި އެ މެޝިނުން އާއްމުންނަށް ދޭ ޚިދުމަތް ނިންމާލަނީ ރޭގަނޑު 8:30ގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ފަރުހަތު ވިދާޅުވީ އެމްއާރްއައި މެޝިން ބެހެއްޓިފަހުން ދެ މަސްދުވަހުގެ ތެރޭގައި 572 މީހަކު އެ މެޝިނުން ޚިދުމަތް ހޯދާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިކަމާ ވަރަށް ވިސްނިން. އަޅުގަނޑުމެން ގަބޫލުކުރި ގޮތުގައި މި އަށްވުރެ ރަނގަޅަށް އަޅުގަނޑުމެންނަށް ޚިދުމަތް އެބަ ރައްޔިތުންނަށް ލިބެންވެސް އެބަޖެހޭ. އެކަން ރަނގަޅު ކުރަން މި ކުރި ކަމަކީ އަޅުގަނޑުމެން ޚިދުމަތް ދޭ ވަގުތު އިތުރުކުރީ. ޓެކްނީޝަނުންގެ ވަގުތު އިތުރުކޮށްލީ،" ފަރުހަތު ވިދާޅުވި އެވެ.
ފަރުހަތު ވިދާޅުވީ އެގޮތަށް އެކަން ކުރުމުގެ ނަތީޖާއެއްގެ ގޮތުން މިހާރު އެމްއާރްއައި ހެދުމަށް ކިއުގައި ތިބީ 200 ވަރަކަށް މީހުން ކަމަށެވެ. އަދި އެއީ ލިބިގެން ދިޔަ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި އެމްއާރްއައި ހެދުމަށް އޮތް ކިއު ސުމަކަށް ތިރިކުރުން. އަދި ހަމަ އެ ދުވަހެއްގައި އަންނަ އެމްއާރްއައި ލަސްވެގެން ދެތިން ދުވަހެއްގެ ތެރޭގައި ނިންމާލުން،" ފަރުހަތު ވިދާޅުވި އެވެ.