ރާއްޖޭގައި ހިންގާ ފާމަސީތައް ދެ ގިންތިއަކަށް ބަހާލާއި، އެ ގިންތިއަކާ އެއްގޮތަށް އަަސާސީ ބޭސްތައް ލިބޭނެ ގޮތް ހަމަޖައްސަން ހަ މަހުގެ މުއްދަތެއް މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީން (އެމްއެފްޑީއޭ)އިން ދީފިއެވެ.
އެމްއެފްޑީއޭއިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ފާމަސީތަކުގައި ބެހެއްޓުން ލާޒިމްކުރާ އަސާސީ ބޭހުގެ ލިސްޓު މުރާޖާކޮށް، އަދާ ހަމަކޮށްފައިވާކަމަށެވެ. އެކަން އެގޮތަށް ކޮށްފައިވަނީ ދިވެހިރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން ފޯރުކޮށްދޭންޖެހޭ އަސާސީ ބޭސްތައް މެދުނުކެނޑި ލިބޭނެކަން ކަށަވަރު ކުރުމަށްޓަކައި ކަމަށް އެ އޮތޯރިޓީން ބުންޏެެވެ.
އެމްއެފްޑީއޭވަނީ ފާމަސީތަކުން ލިބުން ލާޒިމުކުރާ އަސާސީ ބޭސްތައް ދެ ގިންތިއަކަށް ބަހާލާފައެވެ. އެގޮތުން މިހާރު ހިންގާ ފާމަސީތަކުން، އެ ފާމަސީއެއް ނިސްބަތްވާ ގިންތިއަކަށް ކަނޑައެޅިފައިވާ ބޭހުގެ މަދުވެގެން 80 އިންސައްތަ ބޭސް ލިބޭނެ އިންތިޒާމު މިއަދުން ފެށިގެން ހަ މަސްތެރޭގައި ލިބެން ހުންނަން ޖެހޭނެކަމަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.
މީގެ އިތުރުން އަލަށް ހުޅުވާ ފާމަސީ ރަޖިސްޓްރީ ކުރުމަށްފަހު، ބޭސް ވިއްކުމުގެ ހުއްދަ ދޫކުރާނީ ފާމަސީ ގިންތި ކުރެވިފައިވާ ގިންތީގައި ހިމެނޭ ހުރިހާ ބޭހެއް ހަމަކުރުމުން ކަމަށްވެސް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.
އެ އޮތޯރިޓީން އިތުރަށް ބުނެފައިވަނީ ފާމަސީތައް ގިންތި ކޮށްފައިވާ ގޮތުގެ ތަފުސީލު "ގައިޑްލައިން އޮން މިނިމަމް ރިކުއަމަންޓް އޮފް އެސެންޝިއަލް މެޑިސިންސް އިން ފާމަސީ"ގައި ހިމަނާފައިވާ ކަމަށެވެ. އަދި މި ގައިޑްލައިން އެމްއެފްޑީއޭގެ ވެބްސައިޓުންނާއި، ޞިއްޙީ ވުޒާރާގެ ވެބްސައިޓުގެ އިތުރުން ދިރިތި ޕޯޓަލްއިން ލިބެން ހުންނާނެކަމަށް ވެސް ވަނީ ބުނެފައެވެ.
މިކަމާ ގުޅޭ އިތުރު ތަފުސީލު އެ އޮތޯރިޓީގެ މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސްގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅައިގެން ހޯދޭނެ ކަމަށްވެސް އެމްއެފްޑީއޭއިން ބުންޏެވެ.
ރާއްޖޭން ބަލި މީހުންނަށް ބޭނުންވާ ބޭސް ނުލިބޭ މައްސަލަ ބޮޑުވެ، އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ސަރުކާރުން ވަނީ "ސްޓޭޓް ފާމާ" ގެ ނަމުގައި އާ ކުންފުންޏެއް އުފައްދައިފައެވެ. ނަމަވެސް އެ ކުންފުނި އުފެއްދި ފަހުން ވެސް ބޭސް ލިބުމުގައި ދިމާވެފައިވާ ދަތިތަކަށް އެކަށީގެންވާ ހައްލެއް ނުލިބޭކަމުގެ ކަންބޮޑުވުން އޮވެއެވެ.