މިދިޔަ އަހަރު އާސަންދަ ބަޖެޓުގެ 60 އިންސައްތަ ފާމަސީތަކަށް ޚަރަދުކުރަން ޖެހުނު: ޒީނިޔާ

ބޭސް ފިހާރައެއްގައި އާސަންދަ ބޯޑެއް.. --ސަން ފޮޓޯ/ އިބްރާހިމް ނާއިޝް

އާސަންދަ ބަޖެޓުން އެންމެ ބޮޑު ޚަރަދެއް ކުރަންޖެހެނީ ފާމަސީތަކުގެ ބިލްތަކަށް ކަމަށާއި، އެގޮތުން ނިމުނު އަހަރު އާސަންދަ ބަޖެޓުގެ 60 އިންސައްތަ ޚަރަދުކުރަން ޖެހުނީ ފާމަސީތަކުގެ ބިލްތައް ދެއްކުމަށް ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނީޔާ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޒީނިޔާ ރޭ ފާހަގަކުރެއްވި ގޮތުގައި ފާމަސީތަކުގެ އިތުރުން ދެން އެންމެ ބޮޑު ޚަރަދެއް ހިނގަނީ އަމިއްލަ ކްލިނިކްތަކާއި ހޮސްޕިޓަލްތަކަށެވެ. އަދި ރާއްޖެއިން ބޭރުން އާސަންދައިގެ ޚިދުމަތް ފޯރުކޮށްދޭ ހޮސްޕިޓަލްތަކަށްވެސް ބޮޑު ޚަރަދެއް ކުރަންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

"ޕޭބަލް މި އިންނަނީ ސަރުކާރުގެ ސެކްޓަ އަކަށް ޕޭއައުޓް އެއް ނުކުރާނެ. ޕްރައިވެޓް ސެކްޓައަށް އެކަނި ޕޭ ކުރަން ޖެހެނީ،" ޒީނިޔާ ވިދާޅުވިއެވެ.

އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ --

ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް އާސަންދައަށް ކުރި ޚަރަދު ވަނީ އިތުރުވެފައެވެ. މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އާސަންދައިގެ އެކި ސްކީމްތަކަށް 1.18 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.2 އިންސައްތައިގެ އިތުރުވުމެކެވެ. އެހެން ނަމަވެސް، ދަޢުލަތުން މެޑިކަލް ވެލްފެއާއަށް ކުރި ޚަރަދު ވަނީ 30.9 އިންސައްތަ ދަށްވެފައެވެ.

ރާއްޖެއިން ބޭރުގެ ޚިދުމަތްތަކާ ގުޅޭގޮތުން ޒީނިޔާ ވިދާޅުވީ، މިހާރުވެސް އިންޑިއާ، ސްރީލަންކާ، ތައިލޭންޑް އަދި ޔޫއޭއީ ހިމެނޭހެން ބޭރުގެ 57 ވަރަކަށް ހޮސްޕިޓަލާއެކު އެއްބަސްވުންތައް ހަދާފައިވާ ކަމަށެވެ. މި އެއްބަސްވުންތައް ހަދަނީ ޚިދުމަތުގެ ފެންވަރަށާއި، އަގުތަކަށާއި އަދި އެންމެ ފަހުގެ ޚިދުމަތްތައް ލިބޭ މިންވަރަށް ބަލާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް ބޭނުންވާ ޑޮކްޓަރީ ބޭހާއި ސިއްހީ ސާމާނު އެތެރެކޮށް ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ސްޓޭޓް ފާމާގެ ނަމުގައި އާ ކުންފުންޏެއް އުފައްދާފައެވެ.

މިއީ ކުރިން އެސްޓީއޯ އިން ކުރަމުން އައި ބޭހުގެ ވިޔަފާރި އެއްކޮށް ބަދަލުކޮށް، މި އަހަރުގެ ޖުލައި މަހުން ފެށިގެން ހުރިހާ ސަރުކާރު ބޭސްފިހާރަތަކެއް ހިންގަމުން އަންނަ މައި ކުންފުންޏެވެ. ނަމަވެސް، އަދިވެސް ބޭސް ނުލިބޭތީ އާންމުންގެ ކަންބޮޑުވުންތަކަށް ހައްލެއް ލިބިފައި ނުވާކަން ފާހަގަކުރެވެއެވެ.

މިއަހަރަށް އާސަންދަ ސްކީމްތަކަށް ދަޢުލަތުން 2.02 ބިލިޔަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާއިރު، މެޑިކަލް ވެލްފެއާގެ ޚިދުމަތްތަކަށް 409 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

އާސަންދަ ކޮމްޕެނީއަކީ ބޭސްފަރުވާގެ ޚަރަދު ހަމަޖެއްސުމަށް ދައުލަތުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް 2011 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ.

comment ކޮމެންޓް