ފީފާގެ މެމްބަރު އެސޯސިއޭޝަންތަކާ ބެހޭ ކޮމެޓީން ރާއްޖޭގެ މައްސަލައެއް ބަލަމުން އަންނަ އިރު އެ ކަމުގެ ސަބަބުން ރާއްޖެއަށް ސަސްޕެންޝަނެއް އަޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އެފްއޭއެމް ނޯމަލައިޒޭޝަން ކޮމެޓީގެ ޗެއާމަން މުހައްމަދު ޝަވީދު ވިދާޅުވެއްޖެ އެވެ.
އެފްއޭއެމްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަވީދު ވިދާޅުވީ، ފީފާގެ ރިފޯމް އެޖެންޑާއާ ހިލާފަށް އެފްއޭއެމްގެ އަސާސީ ގަވާއިދު ފާސްކޮށްފައިވާތީވެ އެސޯސިއޭޝަންތަކާ ބެހޭ ކޮމެޓީގެ އެޖެންޑާގައި ރާއްޖޭގެ އެ މައްސަލަ ހިމެނި މިއަދު ގޮތެއް ނިންމާނެ ކަމަށާއި އެކަމަގެ ސަބަބުން ސީދާ ސަސްޕެންޝަނެއް އައުމުގެ ފުރުސަތު ބޮޑުކަމަށެވެ.
"ރާއްޖެއަށް ސީދާ ސަސްޕެންޝަނެއް ނައިސްފި ނަމަ ދެން އޮންނާނެ ގޮތަކީ ނޯމަލައިޒޭޝަން ކޮމެޓީގެ މުއްދަތު އިތުރުކޮށް އަސާސީ ގަވާއިދު އިސްލާހު ކުރަން ފުރުސަތު ދިނުން،" ޝަވީދު ވިދާޅުވި އެވެ.
ޝަވީދު ވިދާޅުވީ، މިއަދު އޮންނަ ފީފާގެ އެ ބައްދަލުވުމުގެ ކުރިން އޭނާ ވަރަށް ގިނަ އެސޯސިއޭޝަންތަކަކާ ގުޅާފައިވާ ކަމަށާއި ރާއްޖެއަށް ސަސްޕެންޝަނެއް އަޔަނުދޭނެ ގޮތަކަށް މަސަތްކަތްކޮށްދެއްވުމަށް އެދެފައިވާނެ ކަމަށެވެ.
ރާއްޖެއަށް ސަސްޕެންޝަނެއް އައުމުގެ ބިރުހީވެފައިވާ މި ދަނޑިވަޅަކީ ވޯލްޑް ކަޕް ކޮލިފައިންގައި ގައުމީ ޓީމް ދެ މެޗަކާއި އޭއެފްސީ ކަޕްގައި ރާއްޖޭގެ ދެ ކުލަބަކަށް މުހިންމު މެޗުތަކެއް ވެސް ހުރި ދަނޑިވަޅެކެވެ. އެހެންކަމުން މިއަދުގެ އެ ނިންމުމުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅަ ހަޔާތުގައި ފިލައިގެން ނުދާނެ ވަރުގެ ލައްގަނޑެއް ޖެހޭނެކަމަށް ޝަވީދު ވިދާޅުވި އެވެ.
ފިފާފެގެ އެސޯސިއޭޝަންތަކާއި ބެހޭ ކޮމެޓީން މިއަދު ނިންމާ އެ ނިންމުން ތަންފީޒު ކުރާނީ މާދަމާ އޮންނަ ފީފާގެ އެގްޒެކްޓިވް ކޮމެޓީގައި ވޯޓަށްއަހައި ވަކިގޮތަކަށް ފާސްކޮށްފައެވެ.