ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ މިލްކިއްޔާތުގައި ލައްކައަކަށްވުރެ ގިނަ ރުފިޔާ ހުރިކަމަށް ބުނެ މާލީ ބަޔާން އާންމުކޮށްފި އެވެ.
ރޮޒައިނާގެ މިލްކިއްޔާތުގައި އެއްވެސް ވިޔަފާރިއެއް ނެތް ކަމަށް މާލީ ބަޔާނުގައި ވަނީ ބުނެފަ އެވެ. ނަމަވެސް ރޮޒައިނާގެ 35 ޕަސެންޓް ހިއްސާ ޑޮނާޑު އިންވެސްޓްމެންޓް ޕްރައިވެޓް އަދި ފަސް ޕަސެންޓް ހިއްސާ އެމްޓީސީސީގައި އޮންނަ ކަމަށް މާލީ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ރޮޒައިނާގެ މާލީ ބަޔާންނުގައި ހިމަނާފައިވާ ތަފްސީލުތަކަކީ މެއި 28، 2014 އިން ފެށިގެން މިދިޔަ އަހަރުގެ މެއި 27ގެ ނިޔަލަށް ހިނގާފައިވާ މާލީ ހިސާބުތަކެކެވެ. މެއި 28، 2014 އަކީ މިހާރު އިންތިހާބުވެފައިވާ މަޖިލީހުގެ މެމްބަރުން މަގާމުގެ ހުވާ ކުރި ދުވަހެ އެވެ. އެހެންކަމުން މަޖިލީހުގެ މެމްބަރުން މާލީ ބަޔާން ހުށަހަޅަންޖެހޭނީ މަގާމާ ހަވާލުވި ދުވަހުން ފެށިގެން ކުރިއަށް އޮތް އެއް އަހަރުގެ މުއްދަތަށެވެ.
- އަހަރު ނިމުނުއިރު މިލްކިއްޔާތުގައި ހުރި ފައިސާ - 194،140.86 ރުފިޔާ
- މަޖިލީހުގެ މުސާރައާއި އިނާޔަތް އަދި އެހެނިހެން ގޮތް ގޮތުން - 1،722،511.00 ރުފިޔާ
މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒުގެ ގާނޫނާއި މަޖިލީހުގެ ގަވާއިދުގެ ދަށުން މެމްބަރުންގެ މާލީ ބަޔާން އާންމު ކުރަން ލާޒިމެއް ނޫނެވެ.
ގާނޫނު އަސާސީގެ 76 ވަނަ މާއްދާގައިވާ ގޮތުން ކޮންމެ މެމްބަރަކު ވެސް އަހަރަކު އެއްފަހަރު މާލީ ބަޔާން މަޖިލީހުގެ އަމީންއާންމަށް ހުށަހަޅަން ޖެހޭނެ އެވެ.
ގާނޫނު އަސާސީގެ 76 ވަނަ މާއްދާ
- ކޮންމެ މެމްބަރަކުމެ ކޮންމެ އަހަރަކު އެއްފަހަރު އެ މީހެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތު ތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމަށް ހުށަހަޅަންވާނެ އެވެ. އަދި މިގޮތުން ދޭ މައުލޫމާތުގައި އެ މީހަކު އަދާކުރާ އެހެން ވަޒީފާތަކާއި އެ ވަޒީފާތަކުގެ ޒިންމާތައް ހިމަނަންވާނެ އެވެ.
މިހާތަނަށް މާލީ ބަޔާން އާންމު ކުރި މަޖިލިސް މެމްބަރުންގެ ތެރޭގައި ހިމެނެނީ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) އާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު އާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފެވެ.