ޝުމްބާ އަޅުގަނޑަށް މަރުގެ އިންޒާރުދިން: ޕީޕީއެމްގެ ކައުންސިލް މެމްބަރު ޒާހިދު

ޅ. ހިންނަވަރު ނައިލޯނުގެ އަހްމަދު އަޝްރަފް (ޝުމްބާ ގޮންގ) މިއަދުގެ އަޑުއެހުމަށްފަހު ކޯޓުން ނެރެނީ ---- ފޮޓޯ: އަހްމަދު އަންވަރު

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރާ ގާތްގުޅުމެއް އޮންނަ ބޭފުޅެއް ކަމުގައިވާ ޅ. ހިންނަވަރު ނައިލޯނުގެ އަހްމަދު އަޝްރަފް (ޝުމްބާ ގޮންގ) މަރުގެ އިންޒާރުދީފައިވާ ކަމަށް ޕީޕީއެމްގެ ކައުންސިލް މެމްބަރު ސ. ހިތަދޫ ކޮމަންޑޫގެ ޒާހިދު ރަމީޒު ބުނެފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކިބަސްދެމުން ޒާހިދު ބުނީ މަރާލާނެ ކަމަށް ބުނެ ޝުމްބާ އިންޒާރުދިނީ ވައިބާ ޓްވިޓާ އަދި އެސްއެމްއެސް މެދުވެރިކޮށް ކަމަށެވެ.

ޒާހިދު ބުނީ ތަފާތު އެކި ނަންބަރުތަކުން ޝުމްބާ އޭނާ އަށް އިންޒާރުގެ އެސްއެމްއެސްތަކެއް ފޮނުވާފައިވާ ކަމަށެވެ. އަދި އެ އެސްއެމްއެސްތައް ފޮނުވުމަށްފަހު އޭގެ ސްކުރީން ޝޮޓުތަކެއް ޕީޕީއެމްގެ ވައިބާ ގްރޫޕަކަށްލުމަށްފަހު އެއާ ބެހޭގޮތުން ވާހަކަދައްކަން ފެށި ކަމަށް އޭނާ ބުންޏެވެ.

އޭގެއިތުރުން ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލާފައިވާ ފޮޓޯއަކާއި ރާއްޖެއިން ބޭރުގައި އެކި މީހުން މަރާލާފައިވަ ފޮޓޯތަކެއް އޭނާގެ އާއިލާގެ އެކި މީހުންގެ ފޯނުތަކަށް ފޮނުވާފައިވާ ކަމަށް ވެސް ޒާހިދު ބުންޏެވެ.

ޝުމްބާގެ މައްޗަށް ބިރުދެއްކުމުގެ ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތަފާތު އެކި ދުވަސްމަތިން ތަފާތު އެކި މޮބައިލް ނަންބަރުތަކާއި ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ޒާހިދު ގެ ފުރާނައަށާއި މުދަލަށް ގެއްލުންދޭނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ބުނެއެވެ.

އެ މައްސަލާގައި ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ ދައުލަތުން ހުށަހެޅި އިތުރު ހެކީންގެ ހެކިބަސް ނެގުމެވެ.

comment ކޮމެންޓް