އިންޖީނުގޭގެ ޓޭންކު ފޫގޮސް، ފޮއްދޫން ކަރަންޓު ކެނޑިއްޖެ

ނ.ފޮއްދޫ

ނ. ފޮއްދޫގައި ފެނަކަ އިން ހިންގަމުން އަންނަ އިންޖީނުގޭގައި ހުރި އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން އެ ރަށުން ކަރަންޓު ކެނޑިއްޖެ އެވެ.

ފޮއްދޫ ކައުންސިލްގެ ރައީސް މުހައްމަދު ސަނީ ސަން އަށް ވިދާޅުވީ އެ ރަށު އިންޖީނުގޭގައި ހުރި ބޮޑު އިންޖީނުގެ ޓޭންކް ފޫދިއުމުގެ ސަބަބުން ހެނދުނު 10:00 ހާއިރު ރަށުން ކަރަންޓު ދިޔައީ ކަމަށެވެ.

ސަނީ ވިދާޅުވީ މައްސަލަ ޖެހުނީ އެ ރަށުގައި ބާރުބޮޑު ގަޑިތަކުގައި ހިންގާ އިންޖީނުން ކަމަށާއި އިންޖީނުގޭގައި ހުންނަ ކުޑަ އިންޖީނުން މުޅި ރަށަށް ކަރަންޓު ފޯރުކޮށްނުދެވޭ ކަމަށެވެ.

"ބޮޑު އިންޖީނުގެ ޓޭންކް ފޫ ގޮސްގެން ނިއްވާލީ. ކުޑަ އިންޖީނަކުން މުޅި ރަށަކަށް ކަރަންޓެއް ނުހިފަހައްޓައި. ދެން ފުރަތަމަ ރަށުގެ އެއް ބައިން ދުއްވާލާފައި މަސައްކަތް ކުރަންވެގެން މުޅި ރަށުން ދުއްވާލީ،" ސަނީ ވިދާޅުވި އެވެ.

ސަނީ ވިދާޅުވީ މިހާރު ފެނަކައާ ގުޅިގެން މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް