ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިންސާފުވެރި ނިހާއީ ހުކުމެއް ކޮށްދެވޭނީ ސުޕްރީމް ކޯޓުންކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވިދާޅުވެއްޖެއެވެ.
ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރަށް ޖަލަށް ލާފައިވާ ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ރަނގަޅު ހުކުމެއް ކަމަށް ހައިކޯޓުން ނިންމި ނިންމުން ޕީޖީގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ އެވެ. ބޭސްފަރުވާއަށް އިނގިރޭސި ވިލާތަށް ވަޑައިގެން މިހާރު ހުންނެވި ނަޝީދުގެ އިސްތިއުނާފު މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އެމަނިކުފާނުގެ ޣައިރު ހާޒިރުގަ އެވެ.
އެމައްސަލައިގެ މިއަދު ބޭއްވި އަޑުއެހުމުގައި އިސްތިއުނާފު ކުރަން ބޭނުންވާ ނުކުތާތަށް ފާހަގަކުރަމުން ނަޝީދުގެ ވަކީލާ ހިސާން ހުސައިން ވިދާޅުވީ، ކްރިމިނަލް ކޯޓުގައި ނަޝީދުގެ މައްސަލަ ބެއްލެވި ތިން ގާޒީންގެ ތެރެއިން ދެ ގާޒީންނަކީ މައްސަލައިގެ މަސްލަހަތު އޮތް ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދުގެ ގާތް ދެބޭފުޅުން ކަމަށެވެ. އަދި އަބްދުﷲ ގާޒީގެ އިސް ގާޒީ ކަމުގެ ދަށުން ގިނަ ދުވަސްތަކެއް ވަންދެން ގާޒީ އަބްދުލް ބާރީ ޔޫސުފް އާއި ގާޒީ އަބްދުﷲ ދީދީ މަސައްކަތް ކުރައްވާފައި ވުމުން އެ ދެ ގާޒީން ހިމެނޭ ބެންޗަކުން މައްސަލަ އިންސާފުވެރިކޮށް ނުބެލޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
މިހާރު ހައިކޯޓުގެ މާލޭ ބްރާންޗުގައިވެސް ނަޝީދުގެ މައްސަލަ ބެލުމަށް ތިބީ ކުރިން ކްރިމިނަލް ކޯޓުގައި އެމައްސަލަ ބެލި ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންނަށް ވުމުން ހައިކޯޓުގައިވެސް އެމައްސަލަ އިންސާފުވެރިކޮށް ނުބެލޭނެ ކަމަށް ހިސާން ވިދާޅުވި އެވެ. އަދި އެ ދެ ފަނޑިޔާރުންގެ އިތުރުން ދެން ތިބި ތިން ފަނޑިޔާރުންވެސް ނަޝީދުގެ މައްސަލަ ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ރަނގަޅަށް ކަމަށް ބުނުމުން ފަނޑިޔާރުންނަށްވެސް ދެން މައްސަލަ ނުބެލޭނެ ކަމަށް ދެކޭ ކަމަށް ހިސާން ވިދާޅުވި އެވެ.
"އެހެންކަމުން ނަޝީދުގެ މައްސަލައަށް ނިހާއީ ހުކުމެއް އިއްވޭނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަމަށް ގަބޫލުކުރަން،" ކަމަށް ހިސާން ވަނީ ވިދާޅުވެފަ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ނަޝީދުގެ ވަކީލުން ވަނީ ގިނަ ނުކުތާތަކެއް ފާހަގަކޮށްފަ އެވެ. އެގޮތުން ނަޝީދުގެ މައްޗަށް ދައުވާކޮށް މައްސަލަ ކުރިއަށް ގެންގޮސް ހުކުމް ކުރީ އެމަނިކުފާނުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއް އޮތް ކަންވެސް އަދި ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގުވެސް ކުރިއަށް ނުގެންގޮސް ކަމަށް ވަކީލު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެގޮތަށް މައްސަލައެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ އޭރުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށް ބަންދުގައި ބެހެއްޓުމަށް ނަޝީދު އަމުރުކުރި ކަމެއްވެސް އަދި އެހުރިހާ އަމަލެއް ހިންގީ ނަޝީދުކަމެއްވެސް ދައުލަތަށް ކްރިމިނަލް ކޯޓުގައި ސާބިތުކޮށްދެވިފައި ނުވާ ކަމަށް ނަޝީދުގެ ވަކީލުން ވިދާޅުވި އެވެ. އޭގެ އިތުރުން އޭރުގެ ޕްރޮސެކިއުޓަރު ޖެނެރަލް މުހުތާޒު މުހުސިން ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވީ ސަރުކާރުގެ ނުފޫޒުން ކަމަށް ދޭހަވާގޮތަށް މުހުތާޒު ވާހަކަފުޅުދައްކަވާފައިވާ ކަމަށާއި އެކަމާއި ގުޅިގެން ކަންކަން ސާފު ކުރުމަށް މުހުތާޒު ސުޕްރީމް ކޯޓަށް ހާޒިރުކޮށްދިނުމަށް ނަޝީދުގެ ވަކީލުން ވަނީ އެދިފަ އެވެ.
ނަޝީދުގެ މައްޗަށް ކުރެވިފައިވަނީ އިންސާފުވެރި ހުކުމެއް ނޫންކަމަށް ބުނެ މީގެކުރިންވެސް ފާހަގަކޮށްފައިވާ ނުކުތާތައް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައިވެސް ނަޝީދުގެ ވަކީލުން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ވަކީލެއްގެ ފުރުސަތު ނުދީ މައްސަލަ ކުރިއަށް ގެންދިޔުމާއި، މައްސަލައަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ނުދީ މައްސަލައިގެ ހުކުމްކޮށް ނިންމާފައިވާ ކަމަށް ނަޝީދުގެ ވަކީލުން ވިދާޅުވި އެވެ.
ނަޝީދުގެ ފަރާތުން ހުށަހަޅާ ނުކުތާތައް މިއަދު ހުށަހަޅައި ނުނިމޭތީ އަވަސް މުސްތަގުބަލެއްގައި އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވި އެވެ. އަދި ފަހަރެއްގައި މާދަމާވެސް ބޭއްވިދާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.