އެފްއޭއެމްގެ އިންތީޚާބުގައި އެ އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ މަގާމުތަކަށް ވަކިވަކިން ކުރިމަތިލެވޭނެ ގޮތަށް އެފްއޭއެމްގެ ކޮންގްރެސްއިން މިއަދު ފާސްކޮށްފިއެވެ.
މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ފަސް ވަނަ ދުވަހު ފާސް ކުރި، އެފްއޭއެމްއިން އަލަށް އެކުލަވައިލި އަސާސީ ޤަވާއިދުގައި ވަނީ އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލާ މީހަކު އޭނާގެ ޓީމުގެ ފަރާތުން އެކްސްކޯގެ އެހެން މަގާމުތަކަށް މެންބަރުންގެ ނަންތަކެއް ހުށަހަޅައިފި ނަމަ، އިންތީޚާބީ ކޮންގްރެސްގައި އެމަގާމުތަކަށް ހުށަހެޅި ނަންތަކަށް ވަކިވަކިން ވޯޓަށް އަހާ ގޮތަށެވެ.
ނަމަވެސް މިއަދު ބޭއްވި ކޮންގްރެސްއަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ހުށަހަޅާފައިވަނީ އެފްއޭއެމްގެ މެންބަރު ކުލަބުތަކުން އެފްއޭއެމްގެ އެކްސްކޯގެ މަގާމުތަކަށް ނަން ހުށަހަޅާ ގޮތަށެވެ.
އެފްއޭއެމްގެ ކޮންގްރެސްއަށް ފަހު ނޫސްވެރިންނާ ވާހަކަ އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުޙައްމަދު ޝަވީދު ވިދާޅުވީ، ކުރިން އެގޮތަށް ހުށަހެޅީ ވަކި ވަކިން ކުރިމަތިލުމުން ދައުރުގެ ކޮންމެވެސް ހިސާބަކުން ލީޑާޝިޕާ ހިތްހަމަނުޖެހި ލީޑާޝިޕަށް ބުރޫ އެރުމުގެ ފުރުސަތު ނުދިނުމަށް ކަމަށެވެ.
"އަޅުގަނޑުމެންނަށް މިފެންނަނީ ގިނަ ފަހަރަށް ދައުރުގެ ވަކި ހިސާބަކުން އެކުގައި އުޅުއްވި ބޭފުޅުންގެ މެދުގައިވެސް ހިޔާލު ތަފާތުވުން އުފެދި ލީޑާޝިޕަށް ބުރުއާރާތަން. އެހެންވެ އަޅުގަނޑުމެން ބޭނުން ނުވީ އެފްއޭއެމްއަށް އެހެންވާން. މީގައި މިސާލަކީ ކެބިނެޓްގެ މިސާލު. ރައީސް ނަންތައް ހުށަހެޅުއްވީމަ މަޖިލީހުން ފާސް ކުރާ އުސޫލުން މީގައި ކޮންގްރެސް އިން ނަންތަކަށް ވޯޓް ދޭނީ،" ޝަވީދު ވިދާޅުވިއެވެ.