"އެފްއޭއެމް ކަންކަމުގައި އަތޮޅުތެރެއަށް ބަސް ކިޔުމުގެ ފުރުސަތު ދިނުމަށް އެފްއޭއެމްގެ ކޮންގްރެސްގައި އަތޮޅު ތެރޭގެ ޒޯންތައް ތަމްސީލު ކުރުމުގެ ފުރުސަތު ނުލިބުމަކީ ދިވެހި ފުޓްބޯޅައަށް ލިބުނު ކަޅު ދުވަހެއް ކަމަށް އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުޙައްމަދު ޝަވީދު ވިދާޅުވެއްޖެ އެވެ.
އެފްއޭއެމްގެ އަސާސީ ގަވާއިދުގައި ހިމެނޭ ބައެއް މާއްދާތައް ފާސް ކުރުމަށް މިއަދު ދަރުބާރުގޭގެ ފާށަނާ މާލަމްގައި ބޭއްވި އެކްސްޓްރާ އޯޑިނަނަރީ ކޮންގްރެސްގައި އެފްއޭއެމް އިން އަލަށް އެކުލަވާލި އަސާސީ ގަވާއިދުގައި ހިމެނުމަށް ނިއުރޭޑިއަންޓް ހުށަހަޅާފައިވާ އިސްލާހްތަކުގެ ތެރެއިން އިސްލާހުގައިވާ ގޮތުން އެފްއޭއެމްގެ ކޮންގްރެސްގައި އަތޮޅު ތެރެ ތަމްސީލު ކުރުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ.
ކޮންގްރެސް އަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަވީދު ވިދާޅުވީ އެފްއޭއެމް ކޮންގްރެސްގައި އަތޮޅު ތެރެއަށް ފުރުސަތު ދިނުމަކީ ފީފާ އިން ވެސް ބޭނުންވެގެން ހުށަހެޅި ޚިޔާލެއް ކަމަށާއި ނަމަވެސް މިދިޔަ އަހަރު ސެޕްޓެމްބަރު މަހު 5 ވަނަ ދުވަހު ބޭއްވި ކޮންގްރެސްގައި އެ ހުށަހެޅުމަށް ވޯޓް ދިން ކުލަބުތަކުން، މިއަދު އެހުށަހެޅުމާ ދެކޮޅާށް ވޯޓް ދިނީ "ޔޫތު މިނިސްޓްރީގެ ބޭފުޅުން ނުފޫޒު ވަދެގެން ބަދަލުވި ކަމެއްކަމަށް ދެކޭ" ކަމަށެވެ.
"އަޅުގަނޑު ވަރަށް ބޭނުންވި ކަމެއް އަތޮޅުތެރޭގެ ޒޯންތަކުގެ ބަސް ލިބިގެން އެފްއޭއެމްގެ ކަންކަން ކުރިއަށް ގެންދިއުން. ނަމަވެސް ބަޔަކު މަސައްކަތް ކުރަމުންދިޔައީ ނުރަނގަޅު ގޮތަށޭ އަޅުގަނޑު ދަންނަވާނީ. ހިތާމަޔަކީ އޭރުގެ ކޮންގްރެސްގައި ހުށަހެޅުމަށް ވޯޓް ދިން ފަރާތްތަކުން މިއަދު އެހުށަހެޅުމާ ދެކޮޅާށް ވޯޓް ދިންކަން. އަޅުގަނޑު ގަބޫލު ކުރަނީ އެ ކްލަބުތަކަށް ޔޫތު މިނިސްޓްރީގެ ބޭފުޅުންގެ ނުފޫޒު ވަދެގެން ކަމަށް ބަދަލު ވެގެން ދިޔައީ." ޝަވީދު ވިދާޅުވި އެވެ.
ޝަވީދު ވިދާޅުވީ ހަމައެކަނި ކޮންގްރެސްގައި ވަކި ޑިވިޝަންތަކަކުން ކުލަބުތަކަށް މަދު އަދަދެއްގެ ކުލަބުތަކަކަށް އެކަނި ފުރުސަތު ލިބުމުން ކޮރަޕްޝަންގެ ކަންކަން ހިންގުމަށް ފަސޭހަ ވެގެންދާނެ ކަމަށާއި، އެގޮތަށް ނިންމުމަކީ ވަރަށް ނާތަހުޒީބު ކަމެއް ކަމަށެވެ.
އަދި އިސްލާހްގެ ސަބަބުން އެފްއޭއެމްގެ ލީޑާޝިޕަށް ދެން އަންނަ ބަޔަކަށް މުހިންމު ވާނީ ހަމައެކަނި ފުރަތަމަ ޑިވިޝަންގެ ކުލަބުތަކަށް އެކަނި ޚިދުމަތް ކުރުން ކަމަށާއި އެފްއޭއެމްގެ ނިންމުމުންތަކުގައި އަތޮޅު ތެރޭގެ ޒޯންތަކަށް އެ ފުރުސަތު ނުލިބުމުން އަތޮޅު ތެރެ އެބޭފުޅުންނަކަށް މުހިންމެއް ނުވާނެ ކަމަށް އެފްއޭއެމްގެ ރައީސް ކަމަށް ވަޑައިގަތުމަށް ވާހަކަ ދެކެވޭ ފަރާތްތަކަށް އިޝާރާތް ކުރައްވައި ޝަވީދު ވިދާޅުވި އެވެ.
އެފްއޭއެމް އިން މިދިޔަ އަހަރު ބޭއްވި ކޮންގްރެސްގެ އަސާސީ ގަވާއިދުގެ ދިހަ ވަނަ މާއްދާގެ (ނ) ގައިވާ ގޮތުން އަތޮޅު ތެރޭގެ ނުވަ ޒޯންގެ ތެރެއިން ކޮންމެ ޒޯނަކަށް އެފްއޭއެމްގެ ކޮންގްރެސްގައި ފުރުސަތު ލިބިގެންދާނެ އެވެ.
ނަމަވެސް މިމާއްދާގެ މިނުކުތާ އެފްއޭއެމްގެ އަސާސީ ގަވައިދުގައި ނުހިމެނޭ ގޮތަށް ނިއުއިން ހުށަހެޅި މާއްދާއަށް ވޯޓް ދިން ބޭފުޅުންގެ ތެރޭގައި އަތޮޅު ތެރެއަށް ނިސްބަތްވާ މަހިބަދޫ ދާއިރާގެ ޠާރިގްއާއި ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ޗެއާމަން ދާންދޫ ދާއިރާގެ މެންބަރު އަޙްމަދު އަސްއަދު ހިމެނެ އެވެ.