ޒުހާގެ މަރުގެ މައްސަލައިގައި ބިދޭސީ މީހާގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

ހައްވާ ޒުހާ މަރުވެފައި އޮއްވައި ނަގާފައިވާ ފޮޓޯއެއް ---

މިދިޔަ ޖެނުއަރީ މަހު ހަތްވަނަ ދުވަހު މަރާލާފައި އޮއްވައި ފެނުނު ލ. ގަން ތުނޑި، ބާބުލް އަވާލީ، ހައްވާ ޒުހާ 23، މަރާލި މައްސަލައިގައި ބިދޭސީއެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފިއެވެ.

ސަން އަށް އެނގިފައިވާގޮތުގައި ޒުހާ މަރާލި މައްސަލައިގައި ބިދޭސީ މީހާގެ މައްޗަށް ދައުވާކުރަން މިދިޔަ މަހު ފަހުކޮޅުގައި ފުލުހުން ވަނީ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވާފައެވެ.

ޒުހާ މަރާލި މައްސަލައިގައި ފުލުހުން ހައްޔަރުކުރި ދިވެހި އަންހެން މީހާ އާއި ފިރިހެން މީހާ ފުލުހުންގެ ބަންދުން ދޫކޮށްލާފައިވާއިރު އެމީހުންގެ މައްޗަށް ދައުވާ ކުރާކަށް ނުފޮނުވައެވެ. އެމައްސަލައިގައި މިހާރު ބަންދުގައި ހުރީ ބަންގުލަދޭސް މީހާ އެކަންޏެވެ.

ކްރައިމް އިންވެސްޓިގޭޝަންސް ކޮމާންޑުގެ ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް މުޙައްމަދު ރިޔާޒު ވިދާޅުވީ، ޒުހާ މަރާލާފައި ވަނީ އޭނާ މަރާލާފައި އޮއްވައި ފެނުނު ހ. ލާލުގޭގައި ހުސްކޮށް ހުންނަ ކޮޓަރިއެއްގެ ތެރޭގައި، ބިދޭސީއަކުކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.

ފުލުހުން ބުނީ ޕޯސްޓްމޯޓަމް ޕްރިލިމިނަރީ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު ހައްވާ ޒުހާ މަރުވެފައި ވަނީ އޭނާގެ ކަރުގައި ހިފައި ނޭވާ ހާސްކޮށްލުމުން ކަމަށެވެ.

comment ކޮމެންޓް