އަލް ޤައިދާ ޖަމާޢަތުގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިންގެ ވަސިއްޔަތާއި، އޭނާ ލިޔެފައިވާ ސިޓީތަކެއް އެމެރިކާ ސަރުކާރުން އާންމުކޮށްފި އެވެ.
އުސާމާ ބިން ލާދިން މަރާލާފައި ވަނީ އެމެެރިކާ ސިފައިން އަފްގާނިސްތާނުގައި ހިންގި އޮޕަރޭޝަނެއްގައި، 2011 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.
އޭނާގެ މަރަށް ފަސް އަހަރު ވާން ކައިރިވެފައިވާ އިރު އެމެރިކާ ސަރުކާރުން އާންމުކުރި އޭނާގެ ވަސިއްޔަތާއި ސިޓީތަކުގައި އުސާމާ ބިން ލާދިން ވަނީ، އޭނާ މަރުވުމުން ކޮށްދޭންވީ ބައެއް ކަންކަމާއި، އިރުޝާދުތަކެއް ލިޔެ، އަދި އެމެރިކާއާއި އެހެނިހެން ބައެއް ގައުމުތަކަށް އިންޒާރުތަކެއް ދީފަ އެވެ.
މި ލިޔެކިޔުންތައް އެމެރިކާގެ އޮފިސް އޮފް ނޭޝަނަލް ޑިރެކްޓަރ އޮފް އިންޓެލިޖެންސުން އާންމުކުރީ، ގާނޫނުގައިވާ ގޮތުން އެ ލިޔުންތައް "ޑީކްލެސިފައި" ވުމުންނެވެ.
1990 ވަނަ އަހަރު ބިން ލާދިން ލިޔެފައިވާ އޭނާގެ އޭނާގެ ވަސިއްޔަތުގއި ވާ ގޮތުން، އޭނާގެ އަމިއްލަ މިލްކިއްޔާތުގައި 29 މިލިޔަން އެމެރިކާ ޑޮލަރު ހުންނާނެ އެވެ. އުސާމާ ބިން ލާދިންއަކީ ސައުދީ އަރަބިއްޔާގެ ވިޔަފާރިވެރި "ބިން ލާދިން އާއިލާ"ގެ މީހެކެވެ.
އޭނާ ބުނެފައިވަނީ، ސޫދާނުގައި ރައްކާކޮށްފައި ހުރި އެ 29 މިލިޔަން ޑޮލަރު އޭނާ އެދެނީ، މާތްﷲ ގެ މަގުގައި ޖިހާދު ކުރުމުގެ ކަންކަމުގައި ހޭދަ ކުރުމަށެވެ. އަދި އެ ފައިސާއިން ކުޑަ މިންވަރެއް އޭނާގެ އާއިލާއަށް ރައްދު ކޮށްދިނުމަށް ވެސް އުސާމާ އެދިފައި ވެ އެވެ. ނަމަވެސް އެ ފައިސާ ހޯދޭނީ ސޫދާނުގެ ކޮންތަނަކުން ކަމެއް އޭނާ ބުނެފައި ނުވާ އިރު، މިއަދާއި ހަމައަށް ވެސް އެ 29 މިލިޔަން ޑޮލަރު ހޯދިފައެއް ނުވެ އެވެ.
އުސާމާ 2008 ވަނަ އަހަރު ލިޔެފައިވާ ސިޓީއެއްގައި އޭނާ އެދިފައި ވަނީ، އޭނާ މަރުވެއްޖެ ނަމަ އޭނާއަށް ހެޔޮ ދުއާ ކޮށްދިނުމަށާއި، އޭނާގެ ނަމުގައި ގިނަ ގިނައިން ސަދަގާތް ކޮށްދިނުމަށެވެ.
މަސްދަރު: ސީއެންއެން