ގދ. ތިނަދޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ތިން ވަނަ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިރޭ ބުނީ އެ މައްސަލައާ ގުޅިގެން މިރޭ އިރާކޮޅުގެ ވަގުތެއްގައި ހައްޔަރުކޮށްފައި ވަނީ 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ގދ. ތިނަދޫ އިން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ވަނީ އިތުރު ދެ މީހަކު ފުލުހުން ހައްޔަރުކޮށްފަ އެވެ. އެ މީހުންގެ ބަންދަށް 10 ދުވަސް ކޯޓުން ވަނީ ޖަހައިދީފަ އެވެ.
އެ މައްސަލާގައި ފުލުހުން މީގެ ކުރިން ހައްޔަރުކޮށްފައި ވަނީ ތިނަދޫ ފެނަކަ ބުރާންޗުގެ އެސިސްޓެންޓް މެނޭޖަރު އިބްރާހިމް އަހުމަދު އާއި އެ އިންޖީނުގޭ ޑުރައިވަރު މުހައްމަދު ޔާމީން އެވެ.
ތިނަދޫ އިންޖީނުގޭގައި އަލިފާން ރޯވެފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ހާދިސާގައި އިންޖީނުގޭގައި ހުރި ހުރިހާ އިންޖީނެއް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފަ އެވެ. އެ ހާދިސާގެ ސަބަބުން ތިނަދު އަށް ކަރަންޓު ލިބުނީ ފަސް ދުވަސް ފަހުން ނެވެ.