ފީފާގެ އިންތިޚާބު: ފަސް ކެންޑިޑޭޓުންގެ އެންމެ ފަހުގެ ވާހަކަތައް

ފީފާގެ އިންތީޚާބުގައި ވާދަ ކުރާ ފަސް ކެނޑިޑޭޓުންގެ ޕޯސްޓަރެއް --- ފޮޓޯ/ ގޫގްލް

ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރުގެ އެއް އޮގަނައިޒޭޝަން ކަމަށްވާ ފުޓްބޯޅައިގެ މައި އިދާރާ ފީފާގެ އިންތިޚާބަށް ދުނިޔޭގެ 209 ގައުމުން މިއަދު ސްވިޒަލޭންޑްގެ ޒިޔުރިކަށް ޖަމާވާނެ އެވެ. މިއީ 18 އަހަރު ފަހުން ބާއްވާ ފީފާގެ އެންމެ ވާދަވެރި އިންތީޚާބެވެ. މިދިޔަ 18 އަހަރު ތެރޭގައި ބޭއްވި އިންތިޚާބުތަކުގައި މުޅިން ވެސް ޑޮމިނޭޓް ކުރަމުންދިޔައީ، ފީފާގެ އެތެރޭގެ ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ހޯދުމުގެ ތުހުމަތުގައި ސަންސްޕެންޑްކޮށްފައިވާ ފީފާގެ ކުރީގެ ރައީސް ސެފް ބްލެޓާ އެވެ.

މިއީ މިދިޔަ އަހަރު ޖުލައި މަހު ބޭއްވި ފީފާގެ އިންތީޚާބު ކާމިޔާބު ކުރުމަށް ފަހު، ކުރިމަތިވި ޕްރެޝަރުތަކާ ހެދި ބްލެޓާ އިސްތިއުފާ ދެއްވުމުން ބާއްވާ އިންތީޚާބެވެ. މިވޭތުވެ ދިޔަ ހަތް މަސް ދުވަހުގެ ތެރޭގައި ފީފާގެ ރިޔާސަތު ބަލަހައްޓާފައި ވަނީ ވަގުތީ ރައީސްއެއްގެ ހައިސިއްޔަތުން ފީފާގެ ނައިބު ރައީސެއް ކަމުގައިވާ ކެމެރޫންގެ އީސާ ހައްޔާޓޫ އެވެ. މިއަދު ފަށާ ކޮންގްރެސްގައި ވެސް ރިޔާސަތު ބަލައްހައްޓަވާނީ ޢީސާ ހައްޓޫ އެވެ.

ފީފާގެ އިންތީޚާބުގައި ފަސް ކެނޑިޑޭޓެއް ވާދަ ކުރެ އެވެ. އެއީ އޭޝިއާގެ ފުޓްބޯޅާއިގެ މައި އިދާރާ އޭއެފްސީގެ ރައީސް ބަހުރޭންގެ ޝައިޚް ސަލްމާން ބިން އިބްރާހިމް އަލް ޚަލަފީ އާއި ފީފާގެ ކުރީގެ ނައިބު ރައީސްއެއް ކަމުގައިވާ އުރުދުންގެ ޕްރިންސް ޙުސައިން ބިން ޢަލީ އާއި ޔޫއެފްއާގެ ކުރީގެ ސެކެޓްރީ ޖެނަރަލް ސްވިޒަލޭންޑާއި އިޓާލީ އަށް ނިސްބަތްވާ ޖިއާނީ އިންފެންޓީނޯ އާއި ފީފާގެ އެގްޒެކެޓިވް ކޮމިޓީގެ ކުރީގެ މެންބަރު ފްރާންސްގެ ޖްރޯމް ޝޭމްޕޭން އަދި ދެކުނު އެފްރީކާގެ ޓޮކްޔޭ ސެކްސްވޭލް އެވެ.

ފަސް ކެނޑިޑޭޓުންގެ ތެރެއިން ވާދަވެރިކަން އެންމެ ބޮޑީ ސަލްމާންއާއި އިންފެންޓީނޯ ދެމެދުއެވެ.

ތިރީގައި މިވަނީ އިންޓީޚާބުގައި ވާދަ ކުރައްވާ ފަސް ކެނޑިޑޭޓުންގެ އެންމެ ފަހުގެ ވާހަކަތަކެވެ.

އުރުދުންގެ ޕްރިންސް ޢަލީ ވިދާޅުވި އެއްވާހަކައަކީ އޭނާ ފީފާގެ އިންތީޚަބުގައި ވާދަ ކުރައްވަނީ އެއްވެސް މީހަކު ވިދާޅުވެގެން ނޫން ކަމަށެވެ. ޕްރިންސް ޢަލީގެ އެ އިޝާރާތް ކުރެއްވީ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ އޭއެފްސީގެ ރައީސް ޝައިޚް ސަލްމާން އަށް ދިން ބަހުގެ ހަމަލާއެކެވެ. ޔޫރަޕްގެ ބައެއް މީޑީއާތަކުން ތުހުމަތު ކުރާ ގޮތުގައި ސަލްމާން އިންތިޚާބު ވާދަ ކުރައްވަނީ ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައިވާ ޔޫއެފްއާގެ ރައީސް މިޝޭލް ޕްލެޓްނީ ވިދާޅުވެގެން ކަމެވެ.

ޕްރިންސް ޢަލީ "ޔާގީން ކަން ދެއްވަމުން ވިދާޅުވީ ފީފާގެ އެތެރެއަށް ސިޔާސީ ނުފޫޒު ނުވައްދަވާނެ ވާހަކަ އާއި އެއްވެސް މީހެއްގެ ޕްރެޝަރެއް އޭނާގެ ރައީސްކަމުގެ ދައުރުގައި ފީފާގައި ނޯންނާނެ ވާހަކަ އެވެ.

ޕްރިންސް ޢަލީ

"އަޅުގަނޑަކީ އެއްވެސް ވަކި ފަރުދެއް ތަމްސީލު ކުރަން ކުރިމަތިލި މީހެއް ނޫން. ފީފާގެ އެތެރެއަށް ސީޔާސީ ނުފޫޒެއް އަޅުގަނޑު ނުވައްދާނަން. އަދި އެއްވެސް މީހަކަށް ވެސް ފީފާގެ އެތޭގައި ނުފޫޒު ގަދަ ކުރުމުގެ ފުރުސަތެއް ނުދޭނަން. އަދި އަޅުގަނޑަކީ ގައުމީ އެސޯސިއޭޝަނަކުން މިއިންތިޚާބުގައި ވާދަ ކުރައްވާ ހަމައެކަނި ކެނޑިޑޭޓް"

އިންފެންޓިނޯގެ ވާހަކަތަކުގައި ނުސީދާ ގޮތުން ރައްދު ދެއްވީ ޝައިޚް ސަލްމާންއާއި ޕްރިންސް ޢަލީއަށެވެ. އެގޮތުން އިންފެންޓީނޯ ވިދާޅުވީ އޭނާއަކީ ޕޮލިޓީޝަނެއް ނޫން ކަމަށާއި ފުޓްބޯޅައަށް ޚިދުމަތް ކުރައްވަން ހުންނެވި ބޭފުޅެއް ކަމެވެ. މިވާހަކަފުޅަކީ ޝާހީ އާއިލާއަށް ނިސްބަތްވާ ސަލްމާންއާއި ޕްރިންސް ޢަލީ އަށް ނިސްބަތް ކުރި ވާހަކައެކެވެ. ތެދެއްމެ އެވެ. ޝައިޚް ސަލްމާންއަކީ ބަހްރެިންގެ ޝާހީއާއިލާއަށް ނިސްބަތްވާ ބޭފުޅެކެވެ. ތަރުތީބުވަމުން ގޮސް ބަހްރެއިންގެ ރަސްކަމުގެ ތަހުތު ޝައިޚް ސަލްމާން އަށް ވާރުތަވުން ގާތެވެ. ޕްރިންސް ޢަލީއަކީ ވެސް އުރުދުންގެ ޝާހީ ތަހުތު ވާރުތަވާ ހިސާބުގައި ހުންނެވި ބޭފުޅެކެވެ.

އަދި ސިޔާސި ކަންތައް ހުއްޓާލާފައި އެންމެން ވެސް ފުޓްބޯޅައަށް ޚިދުމަތް ކުރަން ހުސްވާ ނަމަ ދުނިޔެ އެކަން ބަލައިގަންނާނެ ކަމަށް އިންފެންތީނޯ ވިދާޅުވި އެވެ. އަދި ނުސީދާކޮށް އޭނާ ވިދާޅުވީ ވާދަ ކުރާ ކެނޑިޑޭޓުންގެ ތެރެއިން ފުޓްބޯޅައަށް ހުސްވެވެން ހުރީ ހަމައެކަނި ކެނޑިޑޭޓަކީ އޭނާކަމަށެވެ.

އިންފެންޓިނޯ

އަޅުގަނޑަކީ ޕޮލިޓީޝަނެއް ނޫން. އަޅުގަނޑަކީ ފުޓްބޯޅައިގެ މީހެއް އަދި މަސައްކަތް ކުރާ މީހެއް. ސިޔާސީ ކަންތައްތައް ހުއްޓާލުމަށް ފަހު ފުޓްބޯޅައިގެ ކަންތައްތަކާ އުޅޭ ނަމަ މުޅި ދުނިޔެ އަލުގަނޑުމެން ބަލައިގަންންނާނެ"

ސަލްމާންގެ ވާހަކަ ފުޅުގައި އަލިއަޅުވާލެއްވީ އޭނާގެ ތަޖުރިބާގެ މައްޗަށާއި ޓްރެކްރެކޯޑްގެ މައްޗަށެވެ. އަދި ފީފާއަށް ބޭނުން ވަނީ ކަންކަމަށް ޒިންމާނަގައިގެން ކަންކުރެވޭ އަދި ވައުދު ފުއްދޭ މީހެއް ކަމަށެވެ.

ޝައިޚް ސަލްމާން

"އަޅުގަނޑުގެ މާޒީގައި އަދި ޓްރެކް ރެކޯޑްގައި ފެނިފައި ހުންނަނީ ފުޓްބޯޅައަށް ޚިދުމަތް ކުރުން. ފީފާ އަށް އަށް ބޭނުންވަނީ ޒިންމާ ނަގައިގެން މަސައްކަތް ކުރަން އެނގޭ ވައުދު ފުއްދޭ މީހެއް"

ޝެމްޕޭން ވިދާޅުވީ އޭނާ ބޭނުންފުޅު ވަނީ ފީފާ އިން ފުޓްބޯޅައަށް ޚިދުމަތް ކުރުމަށެވެ. އަދި ފުޓްބޯޅަ އިން ދުނިޔެއަށް ޚިދުމަތް ކުރެވިދާނެ ކަމަށް ޝެމްޕޭން ވިދާޅުވި އެވެ. އަދި ހަމަ ހަމަ ކަން ގެއްލިފައިވާ ދުނިޔެ އަށް ފީފާގެ ޒަރިއްޔާ އިން ހަމަހަމަކަން ގެންވިދާނެ ކަމަށް ޝޭމްޕޭން ގަބޫލު ކުރައްވަ އެވެ.

ޝެމްޕޭން

އަޅުގަނޑު ބޭނުމީ ފީފާއަކީ ފުޓްބޯޅައަށް ޚިދުމަތް ކުރާ ތަނަކަށް ހަދަން. ފުޓްބޯޅައިން ތިޔަ ބޭފުޅުންނަށް ޚިދުމަތް ކޮށްދޭނެ. ފީފާގެ ހުވަފެނަކަށް ވާންޖެހޭނީ ފިފާގެ ޒަރިއްޔާ އިން ދުނިޔޭގައި އޮތް ނަހަމަކަން ފިލުވާލައި ހަމަހަމަ ތަނަކަށް ހަދަން"

ސެކްސްވޭލް ވިދާޅުވީ ފީފާގެ އިންތިޚަބަށް އޭނާ ކުރިމަތި ލެއްވީ އޭނާ އަށް ލިބިފައިވާ ތަޖުރިބާ ގެ ބޭނުންކޮށްގެން ކުރިމަތިވެފައިވާ ހުރަސްތައް ގިރާ ކުރުމަށެވެ. އެގޮތުން އޭނާ ސިފަ ކުރީ އޭނާއަކީ "މަސައްކަތަށް ހުސްވެގެން ބޫޓަށް އަރައިގެން ހުއްޓާ މަރު އައިސް ބައްދަލުކުރާ މީހެއްގެ މިސާލެވެ." މާނައަކީ ގިނަ ގޮންޖެހުންތައް ހުރަސްކޮށް އޭނާ އަށް އެހާ ދުރަށް އާދެވިފައި ހުރި ކަމެވެ.

ސެކްސްވޭލް

އަޅުގަނޑު މިކަމަށް ކުރިމަތިލައިގެން މިހުރީ ގިނަ ގޮންޖެހުންތަކެއް ގިރާ ކުރުމަށް ފަހު. އަޅުގަނޑު ތަޖުރިބާގައި އަޅުގަނޑަކީ ގިނަ ގޮންޖެހުންތައް ހުރަސްކޮށްފައިވާ މީހެއް، އަޅުގަނޑުގެ މިސާލަކީ ގޮންޖެހުންތަކާ ކުރިމަތިލުމަށް ބޫޓަށް އަރައިގެން މަސައްކަތައް ނިކުމެހުއްޓައި މަރު އައިސް ބައްދަލު ކުރި މީހެއްގެ މިސާލު". އަޅުގަނޑަށް ދިރިއުޅުމުގައި ބޮޑެތި ގޮންޖެހުންތަކެއް ގިރާ ކުރެއްވިއްޖެ"

އިންތިޚާބު ކާމިޔާބު ކުރުން އެންމެ ގާތީ ކޮން ކެނޑިޑޭޓެއް.

އިންތީޚާބުގެ ވޯޓް ލާނީ ފީފާގެ މެންބަރު ގައުމުތަކުގެ ތެރެއިން ކޮންމެ ގައުމަކުން އެއްވޯޓެވެ. އެއީ ދުނިޔޭގެ ފުޓްބޯޅައިގެ ހަ ސަރަހައްދުން 209 ގައުމެވެ.

ކޮންފެޑްރޭޝަން އޮފް އެފްރިކަން ފުޓްބޯލް ފެޑެރޭޝަން (އެފްރިކާގެ) 54 ގައުމު

ޔޫނިއަން އޮފް ޔޫރަޕިއަން ފުޓްބޯލް އެސޯސިއޭޝަން (ޔޫރަޕް) ގެ 53 ގައުމު

އޭޝިއަން ފުޓްބޯލް ކޮންފެޑްރޭޝަން (އޭޝިއާ) ގެ 46 ގައުމެވެ.

ކޮންފެޑްރޭޝަން އޮފް ނޯތު، އެންޑް ސެންޓްރަލް އެމެރިކަން އެންޑް ކެރީބިއަން އެސޯސިއޭޝަން ފުޓްބޯލް (އުތުރު އަދި ސެންޓްރަލް އެމެރިކާ)ގެ 35 ގައުމު

އޯޝޭނިއާ ފުޓްބޯލް ކޮންފެޑްރޭޝަން (އޯޝޭނިއާ)ގެ 11 ގައުމު

ސައުތު އެމެރިކާގެ ފުޓްބޯލް ކޮންފެޑްރޭޝަން (ދެނުނު އެމެރިކާ)ގެ 10 ގައުމެވެ.

މިއަންދާޒާ ތަކަށް ބަލާއިރު އިންތިޚާބު ކާމިޔާބު ކުރުން އެންމެ ގާތީ ސަލްމާން އެވެ. އެއީ ސަލްމާންއަށް އޭޝިއާގެ އިތުރުން އެފްރިކާގެ ޤައުމުތަކުން ވެސް ތާއީދު ކުރަން ނިންމާފައިވުމުން މިހާރު ވެސް ސަލްމާންއަށް 100 ވޯޓްގެ ޔަގީންކަން ވަނީ ލިބިފަ އެވެ.

comment ކޮމެންޓް