އެއްޗެއް ގޮއްވާލި ދުވަހުގެ ކުރީ ރޭ ފިނިފެންމާ ލޯންޗުކޮޅުގައި އަދީބު އާރަށަށް ދިޔަ: އުމަރު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު: އެއްޗެއް ގޮއްވާލި ދުވަހުގެ ކުރީ ރޭ ފިނިފެންމާ ލޯންޗުކޮޅުގައި އަދީބު އާރަށަށް ވަޑައިގަން ކަމަށް އުމަރު ނަސީރު މިއަދު ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ދުވަހުގެ ކުރީ ރޭ (ސެޕްޓެމްބަރު 27 ވަނަ ދުވަހުގެ ރޭ)ގެ ވަގުތެއްގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މޫދަށް އެރިވަޑައިގަތުމަށް ކަމަށް ބުނެ ރިޔާސީ ލޯންޗުކޮޅުގައި އާރަށަށް ވަޑައިގަތް ކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިންކުއަރީ ކޮމިޝަނުގެ ފަރާތުން މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލެއްގެ ޖަވާބުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އުމަރު ވިދާޅުވީ ސެޕްޓެމްބަރު 27 ވަނަ ދުވަހުގެ ރޭ އަދީބު އާރަށަށް ވަޑައިގަންފައިވާ ކަމަށެވެ. އަދި ވަރަށް ގިނަ ވަގުތު އާރަށުގައި އަދީބު ހޭދަކުރެއްވި ކަމަށް އުމަރު ވިދާޅުވި އެވެ.

"އާރަށަށް ވަޑައިގެންނެވި ކަމަށް އަދީބު ވިދާޅުވެފައި ވަނީ މޫދަށް އެރިވަޑައި ގަތުމަށް ޓަކައި ކަމަށް. ނަމަވެސް ރިޔާސީ ފުލީޓުގައި އެހެން ލޯންޗުކޮޅުތައް ވެސް ހުންނާނެ، މި ލޯންޗުކޮޅު ނޫނަސް މޫދަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ނަމަ. އެކަމަކު މި ލޯންޗުގައި [ފިނިފެންމާ ލޯންޗުކޮޅުގައި] އާރަށަށް ވަޑައިގެންނެވި ކަމުގެ މައުލޫމާތު އަޅުގަނޑުމެންނަށް ލިބިފައިވޭ،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ލޯންޗު ސެކްޝަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަދީބު އާރަށަށް ވަޑައިގެންނެވީ މޫދަށް އެރިވަޑައިގަތުމަށް ކަމަށެވެ. ނަމަވެސް މޫދަށް އެރިވަޑައިގެންކަން ތަހުގީގަށް އެނގެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރު ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު ވާހަކަފުޅުދައްކަވަނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ

"އަޅުގަނޑުމެންގެ ތަހުގީގަށް އެނގެން އޮތީ އެމަނިކުފާނު [އަދީބު] ހުންނެވީ ވަރަށް ބޮޑަށް އަރިދަފުސް އަޅާފަކަން. އެހެންވީމާ ރޭގަނޑު މޫދަށް އެރެން ވަޑައިގަންނަވަން އެއީ ވަރަށް ނާދިރު ކަމެއްކަން." އުމަރު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލުމުގެ ކުރީ ރޭ ނައިބު ރައީސް ކަމުގައި އޭރު ހުންނެވި އަދީބުގެ އިތުރުން އެމްއެންޑީއެފްގެ އޯޑްނެންސް ސާވިސް (ބަޑި ގުދަން)ގެ ކުރީގެ ވެރިޔާ ކާނަލް އަހުމަދު ފަޔާޒު (ޕާޕާ) ވެސް އާރަށަށް ވަޑައިގަތެވެ. އެ ދެ ބޭފުޅުންގެ އިތުރުން ވެސް އިތުރު ބަޔަކު އެ ދެ ބޭފުޅުންނާ އެކު އާރަށަށް އެ ރޭ ފިނިފެންމާ ލޯންޗުކޮޅުގައި ވަޑައިގަތެވެ.

އުމަރު ވިދާޅުވީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގައި ނައިބު ރައީސް އަދީބުގެ އިތުރުން ސިޔާސީ އިތުރު ފަރާތެއް ބައިވެރިވެފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ އެންމެ އިސް ސިޔާސީ ފަރާތެއްގެ ގޮތުގައި ފެނިވަޑައިގަންނަވަނީ އަދީބު ކަމަށެވެ.

"މީގައި ފައިދާއެއް ލިބެންޏާ ފައިދާއެއް ލިބެން އޮތީ ވެސް މި ހާދިސާގެ ފަރާތުން އޭނަ އަށް [އަދީބަށް]. އެހެންވީމާ މީގައި މައިގަނޑު ސިޔާސީ މީހަކީ އަދީބު ކަމަށް އަޅުގަނޑުމެން ބަލައިގެން މިހާ ހިސާބަށް ތަހުގީގުން ފެނިފައި އޮތީ އޭނަ ކަމަށް ވާތީވެ އަދީބަށް ބަލައިގެން އަޅުގަނޑުމެން ތަހުގީގު ކުރިއަށް މި ގެންދަނީ." އުމަރު ވިދާޅުވި އެވެ.

comment ކޮމެންޓް