މޭޑޭ މުޒާހަރާގައި އަދީބު އެއްޗެއް ގޮއްވާލަން މަސައްކަތް ކުރި ކަމަށް އުމަރު ވިދާޅުވެއްޖެ

އެންއައިސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އެއްޗެއް ގޮއްވާލަން މަސައްކަތް ކުރެއްވި ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ނެޝެނަލް އިންކުއަރީ ކޮމިޝަނުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ އެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ.

"މޭޑޭގެ މުޒާހަރާއާ ދިމާކޮށް އެއްޗެއް ގޮއްވާލަން އުޅުނު މައްސަލައެއް ވެސް ދަނީ ބަލަމުން. އެކަމުގައި ވެސް އިސްކޮށް ހުރީ އަދީބު،" އުމަރު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އުމަރު ވަނީ ރިޔާސީ ލޯންޗުކޮޅުގައި ބޮން ގޮއްވާލި ހާދިސާގައި ވެސް އަދީބު އަމަލީ ގޮތުން ބައިވެރިވިކަމަށް ތަހުގީގަށް އެނގޭ ކަމަށާއި، އަދީބާ ދެކޮޅަށް ދައުވާ ސާބިތުވާ ވަރަށް ހެކި ހުރި ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގައި އެންމެ ބޮޑަށް ތުހުމަތު ކުރެވޭ ފަރާތަކީ ކުރީގެ ނައިބު ރައީސް އަދީބު ކަމަށް ވެސް އުމަރުގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައި އެވެ.

"އަޅުގަނޑުމެން ވަރަށް ޔަގީން ކަމާއި އެކުގައި އަޅުގަނޑުމެން މިހާރު މި ތިބީ ރިޔާސީ ލޯންޗުކޮޅުގައި ބޮން ގޮއްވާލި މައްސަލާގައި އަޅުގަނޑުމެންނަށް ސާބިތު ކުރެވޭ ވަރަށް ހެކި އެބަހުރި ކަމަށް. މި މައްސަލާގައި ކުށްވެރިވާ އެންމެ އިސް ފަރާތަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު. އޭނާގެ މައްޗަށް މި ކުށް ސާބިތު ކުރެވޭނެ ކަމަށް އަޅުގަނޑުމެންނަށް ވަރަށް ޔަގީން ކަމާއި އެކު ދަންނަވަން ކެރޭ. ތަހުގީގަށް ވަރަށް އެކަށީގެންވާ ވަރަށް ހެކި މި މައްސަލާގައި ވަނީ ފެނިފައި،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގެ އިތުރުން ދެ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އޭގެތެރޭގައި ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލުމުގެ ގޮތުން ސުނައިޕަރެއް ރާއްޖެ ގެނައުމާއު މުލިއާގެ ކައިރީގައި އައިއީޑީއެއް ބާއްވައިގެން ރައީސް ޔާމީން އަވަހާރަކޮށްލުމުގެ ހާދިސާ އަކީ ވެސް ތަހުގީގު ކުރަމުން އަންނަ މައްސަލަތައް ކަމަށް އުމަރު ވިދާޅުވި އެވެ. އޭގެތެރެއިން މުލިއާގެ ކައިރިން އައިއީޑީއެއް ފެނުން މައްސަލަ ޕީޖީއަށް ފޮނުވާފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ.

ހަމައެއާއެކު ރިސޯޓެއް ހެދުމަށް ތަރައްގީ ކުރުމަށް ދީފައިވާ ބ. ހިބަޅިދޫއިން ހަތިޔާރު ފެނުނު މައްސަލަވެސް ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގެ ތެރެއިން ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައިވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

"ހިބަޅިދޫއިން ދެ ވައްތަރެއްގެ ހަތިޔާރު ފެނުނު. އެކައްޗަކީ ބަޑިއާ ވަޒަނާއި އަނެކައްޗަކީ ގޮވާ އެއްޗެހި. ހިބަޅިދޫއިން ފެނުނު ގޮވާ އެއްޗެއްސާ ރައީސުލްޖުމްހޫރިއްޔާގެ ލޯންޗުކޮޅުގައި ގޮއްވާލި ގޮވާލުމާ އެއްޗެއްސާ މިއީ އެއް ސޯސްއަކުން އައި އެކައްޗެއްކަން ތަހުގީގަށް މިހާރު ވަނީ އެނގިފައި،" އުމަރު ވިދާޅުވި އެވެ.

comment ކޮމެންޓް