18 އަހަރަށް ފަހު ޕޫޖާ ބަޓް އަނެއްކާވެސް ސްކްރީނަށް!

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ޕޫޖާ ބަޓް --

އަށާރަ އަހަރުގެ މެދު ކެނޑުމަކަށް ފަހު، ބޮލީވުޑްގެ މަޝްހޫރު ތަރި ޕޫޖާ ބަޓް އަނެއްކާވެސް ފިލްމެއް ކުޅެން ނިންމައިފިއެވެ.

ހަބަރުތައް ބުނާ ގޮތުން، ޕޫޖާ އެނބުރި ސްކްރީނަށް އަންނަނީ އޭނާގެ ބައްޕަ މަހޭޝް ބަޓު ލިޔެފައިވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމަކުންނެވެ. އޭނާ އެންމެ ފުރަތަމަ ވެސް ފެނިގެން ގޮސްފައިވަނީ މަހޭޝް ޑައިރެކްޓު ކުރި "ޑެޑީ" ނަމަކަށް ކިޔާ ފިލްމަކުންނެވެ.

ފިލްމު "ޑެޑީ" އަކީ މަސްތުވުމަށް ދެވިހިފާފައި ހުރި ބައްޕައެއް، އެކަމުން ސަލާމަތް ކުރުމަށް ކުޑަ އަންހެން ކުއްޖަކު ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

ފިލްމާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަމުން ޕޫޖާ ބުނީ، އޭނާ ދެން ކުޅެން އުޅޭ ފިލްމަކީ "ޑެޑީ" ގެ ރިވާސް ވާޝަންއެއް ކަމަށެވެ.

"އެއީ "ޑެޑީ" ފިލްމު ކަހަލަ ފިލްމެއް. އެކަމަކު އާ ފިލްމުގައި ދައްކުވައިދޭނީ ރިވާސްކޮށް...އެ ފިލްމަކީ ލާރި އާއި މަޝްހޫރުކަން ހޯދަން އަންހެނަކު އޭނާގެ ދަރިފުޅު ދޫކޮށް އުޅޭ އުޅުން ދައްކުވައިދޭ ފިލްމެއް..."، ޕޫޖާ ބުންޏެވެ.

ޕޫޖާ އެންމެ ފަހުން ސްކްރީންތަކުން ފެނިފައިވަނީ 1998 ވަނަ އަހަރު، މަހޭޝް ބަޓު ޑައިރެކްޓު ކުރި "ޒަހަމް" އިންނެވެ.

comment ކޮމެންޓް