ސައުދީ އާއި ޔޫއޭއީގެ ރައްޔިތުން ލުބުނާނަށް ދިޔުން މަނާކޮށްފި

ހިޒްބުﷲ ޖަމާއަތަށް ތާއިދު ކުރާ ފަރާތްތަކެއް. (ސައުދީން އިއްޔެ އެފަދައިން ނިންމީ ލުބުނާނުގައި ހިޒްބުﷲ ޖަމާއަތުގެ ބާރު ގަދަވުމުން ކަމަށް އެގައުމުން ބުނޭ) -- ފޮޓޯ: ރޮއިޓާސް

ރިޔާދް (ފެބްރުއަރީ 24): ސައުދީ އާއި ޔޫއޭއީގެ ރައްޔިތުން ލުބުނާނަށް ނުދިޔުމަށާއި މިހާރު ލުބުނާނުގައި ތިބި އެ ދެގައުމުގެ ރައްޔިތުން އަނބުރާ ގައުމަށް އައުމަށް ސައުދީއާއި ޔޫއޭ އިން ގޮވާލައިފި އެވެ.

ސައުދީގެ ފޮރިން މިނިސްޓްރީގެ ފަރާތުން އެސްޕީއޭ ނިއުސް އޭޖެންސީން ނެރުނު ބަޔާނެއްގައި ގޮވާލާފައި ވަނީ "އަމިއްލަ ރައްކަލަށް ޓަކައި ހުރިހާ ރައްޔިތުން ލުބުނާނަށް ދަތުރު ނުކުރުމަށާއި ލުބުނާނުގައި މިހާރު ދިރިއުޅޭ ނުވަތަ ޒިޔާރަތްކުރަމުންދާ ސައުދީ ރައްޔިތުން ކޮންމެހެން ތިބެންޖެހުމުން ނޫނީ ލުބުނާނުގައި ނުތިބުމަށެވެ."

އަދި މިހާރު ލުބުނާނުގައި ތިބި ސައުދީ ރައްޔިތުން ލުބުނާނުގެ ވެރިރަށް ބޭރޫތުގައި ހުންނަ ސައުދީ އެމްބަސީއާ މުވާސަލާތުކުރުމަށެވެ.

ސައުދީން އިއްޔެ އެފަދަ ނިންމުމެއް ނިންމީ ލުބުނާނުގައި ހިޒްބުﷲ ޖަމާއަތުގެ ބާރު ގަދަވުމުން ކަމަށް އެގައުމުން ބުންޏެވެ. ސައުދީން ވަނީ އެގައުމުން ލުބުނާނުގެ ސަލާމަތީ ފައުޖުތަކަށާއި އަސްކަރިއްޔާއަށް ފޮނުވާ ހަތަރު ބިލިއަން ޑޮލަރުގެ އެހީ ވެސް ހުއްޓާލާފަ އެވެ.

މީގެ އިތުރުން، ޔުނައިޓެޑް އަރަބި އެމިރޭޓްސް އިން ވެސް ވަނީ އެގައުމުގެ ރައްޔިތުން ލުބުނާނަށް ދިޔުން މަނާކޮށްފަ އެވެ. އަދި ބޭރޫތުގައި ތިބި ޔޫއޭއީގެ ޑިޕްލޮމެޓުންގެ އަދަދު މަދުކޮށްފަ އެވެ.

މީގެ ކުރިން، ޔޫއޭއިން ވަނީ ލުބުނާނުގައި އިރާނުގެ ނުފޫޒު ވަރުގަދަވަމުންދާ ކަމަށް ބުނެ، ސައުދީގެ ނިންމުމަށް "ފުރިހަމައަށް ތާއިދު" ކުރާ ކަމަށް ބުނެފަ އެވެ. (އަލްޖަޒީރާ)

comment ކޮމެންޓް