ދަތުރުފަތުރުގެ ރައްކާތެރިކަމާ ގުޅޭ ފްރޭމްވޯކްތައް ހެދުމާ ބެހޭ މަޝްވަރާއަށް، އަމީން ސައުދީއަށް

ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން: މިނިސްޓަރު މިއަދު ވަނީ ރަސްމީ ދަތުރުފުޅެއްގައި ސައުދީއަށް ފުރާވަޑައިގެންފައި ---- ފޮޓޯ/ ޓްރާންސްޕޯޓް މިނިސްޓްރީ

ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރު މުޙައްމަދު އަމީން މިއަދު ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އަމީންގެ މި ދަތުރުފުޅަކީ ސައުދީގެ ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް މިނިސްޓަރު ޞާލިހު ބިން ނާސިރު އަލް ޖަސިރާއި އެ ގައުމުގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލްއޭވިއޭޝަންގެ ރައީސް އަބްދުލްއަޒީޒް އަލް ދުއައިލެޖްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އޮތް މަދަނީ ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ފުޅާކޮށް، ވައިގެ ދަތުރުފަރުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ރެގިއުލޭޓަރީ ފްރޭމްވޯކްތައް ގާއިމު ކުރުމާ މެދު މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިފަހުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ވަނީ ސައުދީއަށް ވަޑައިގެންފައެވެ. މި ދަތުރުފުޅުގައި މިނިސްޓަރު ޒަމީރު ވަނީ ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު، ޕްރިންސް ފައިޞަލް ބިން ފަރްހާން އަލް-ސައޫދާ ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ދިގު މުއްދަތުގެ އަޚުވަންތަ ގުޅުމާއި، ދެ ފަރާތަށް މަންފާކުރާނެ ދާއިރާތަކުގައި ކުރިމަގުގައި އެއްބާރުލުން ދެވިދާނެ ގޮތްތަކާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީއިން މީގެ ކުރިން ބުނެފައިވެއެވެ.

comment ކޮމެންޓް