ސައިކަލު ދޭނެކަމަށް ބުނެ "އޮޅުވާލި" މައްސަލަ: ކިންގްސްޓަންގެ އެމްޑީގެ މައްޗަށް 139 ދަޢުވާ ކޯޓަށް ފޮނުވައިފި

ކިންގްސްޓަންގެ ޝޯރޫމެއް: --

ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް އަގުހެޔޮކޮށް ސައިކަލު ވިއްކާނެކަމަށް ދައްކުވައިގެން، ގިނަ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގުމަށްފަހު އެ ފައިސާއަށް ހިޔާނާތްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް 139 ދަޢުވާއެއް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

މި މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ދަޢުވާ އުފުލާފައިވަނީ ކިންގްސްޓަން ހޯލްޑިންގްސްގެ މެނޭޖިން ޑިރެކްޓަރ، ދ. ބަނޑިދޫ، ޕޯލާގްރޭސް، އަޙްމަދު ޢާޠިފް ޙަސަންގެ މައްޗަށެވެ. މި ދަޢުވާތައް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ އިއްޔެއެވެ.

އަޙްމަދު ޢާޠިފް ޙަސަންގެ މައްޗަށް އުފުލާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގެ އެއް ވަނަ ނަންބަރާއި ތިން ވަނަ ނަންބަރާ ޙަވާލާދީ، އެ ޤާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ ދަށުން، ޓެކުމުގެ ކުށުގެ 139 ދަޢުވާއެވެ.

ކިންގްސްޓަންއިން ސައިކަލު ގަންނަން ފައިސާ ދެއްކުމުން ސައިކަލު ނުލިބޭތީ ބަޔަކު އެއްވެސް ނުރުހުން ފާޅުކުރަނީ: -- ސަން ފޮޓޯ

ޕީޖީ އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، އަޙްމަދު ޢާޠިފް ޙަސަން ވަނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުރެ، 2023 ވަނަ އަހަރުން ފެށިގެން އެ ކުންފުނި މެދުވެރިކޮށް އަގުހެޔޮކޮށް ސައިކަލު ވިއްކާނެކަމަށް ދައްކުވައިގެން ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައެވެ. ނަމަވެސް، ސައިކަލު ފޯރުކޮށްދިނުމަށް އެއްވެސް މަސައްކަތެއް ނުކޮށް، އެ ފައިސާއިން އިތުރު ތަޞައްރުފުކޮށް، ސައިކަލުވެސް ޙަވާލުނުކޮށް އަދި އެ ފަރާތްތަކަށް ފައިސާވެސް އަނބުރާ ރައްދުކޮށްފައި ނުވާކަމަށް ޕީޖީން ބަޔާންކުރެއެވެ.

މި ދަޢުވާތައް ކޯޓަށް ހުށަހަޅާފައިވަނީ ސައިކަލު ގަތުމަށް ފައިސާ ދެއްކި ވަކިވަކި ކޮންމެ މީހެއްގެ ބައި ވަކިންނެވެ. އެހެންކަމުން، މި ދަޢުވާތައް ސާބިތުވާ ޙާލަތުގައި ކޮންމެ ދަޢުވާއަކަށް ވަކިން އަދަބު ކަނޑައެޅޭނެ ކަމަށާއި، އެގޮތުން އޭނާގެ މައްޗަށް މަދުވެގެން 133 އަހަރާއި، ހަތަރު މަހާއި، 24 ދުވަހުގެ ޖަލު ޙުކުމެއް، ސާބިތުވެއްޖެ ނަމަ އަންނާނެ ކަމަށް ޕީޖީ އޮފީހުން ހާމަކުރެއެވެ.

މީގެއިތުރުން، މި މައްސަލައިގައި ގެއްލުން ލިބުނު ފަރާތްތަކަށް ބަދަލު ނަގައިދިނުމުގެ ގޮތުން ޖުމްލަ 6,250,420.12ރ (ހަ މިލިއަން ދެ ލައްކަ ފަންސާސް ހާސް ހަތަރު ސަތޭކަ ވިހި ރުފިޔާ ބާރަ ލާރި) އަޙްމަދު ޢާޠިފް ޙަސަންގެ އަތުން ނަގައިދިނުމަށްވެސް ވަނީ ދަޢުވާގައި އެދިފައެވެ.

މި މައްސަލައާ ގުޅިގެން ގެއްލުން ލިބުނު އިތުރު 11 މީހެއްގެ ބައި އިތުރަށް ތަޙުޤީޤުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް މިހާރު ލަފާދީފައިވާ ކަމަށާއި، އެ ބައިތަކުގެ ތަޙުޤީޤު ނިމުމުން އެ މައްސަލަތަކުގައި ދަޢުވާކުރުމާމެދުވެސް ގޮތެއް ނިންމާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް