އޭއެފްސީ ކަޕަކީ ރާއްޖޭގޭ ލީގަށް ވުރެ މަތީ ފަންތީގެ މުބާރާތެއް ކަމަށާއި އެ މުބާރާތުގައި މިއަދު ކުޅުނު މެޗުން ދެއްކި ޕާފޯމަންސަށް ބަލާފައި މި ސީޒަންގައި ވެސް ނިއުރޭޑިއަންޓްގެ މަގާމު ދިފާއު ކުރެވިދާނެ ކަމަށް އެ ޓީމުގެ ކޯޗު ބަލްގޭރިއާގެ ޔުރޮދާން އިވަނޯޥް ސްޓޮއިކޯފް ބުނެފި އެވެ.
އޭއެފްސީ ކަޕް ގޫރޫޕް 'އެފް'ގައި މިއަދު ހަވީރު ސިންގަޕޫރުގެ ބެލެސްޓިއާ ކަލްސާ އެފްސީއާ ދެކޮޅަށް 2-2 ގެ ނަތީޖާއިން އެއްވަރުވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ސްޓައިކޯފް ބުނީ މެޗުގައި ޓީމުގެ ހުރިހާ ޑިޕާޓްމެންޓަކުން ދެއްކި ކުޅުމާ މެދުވެސް ހިތްހަމަޖެހޭ ކަމަށެވެ.
މި މެޗުގައި ޓީމުން ދެއްކި ކުޅުމަށް ބިނާކޮށް ސީޒަންގައި ރަނގަޅު ނަތީޖާއެއް ނެރެވިދާނެ ތޯ ސުވާލު ކުރުމުން ސްޓައިކޯވް ބުނީ "ޔަގީން" ކަމަށެވެ.
"ހުރިހާ ޑިޕާޓެމްނެޓެއްވެސް ވަރަށް ރަނގަޅު. ކުޅުންތެރިން އެކުޅުންތެރިންގެ ހުރި ވަރަކުން ފެންވަރު ދައްކައިދިން. އެ މީހުންގެ މަސައްކަތް ވަރަށް ރަނގަޅު،" ސްޓައިކޯވް ބުންޏެވެ.
އޭނާ ބުނީ މެޗުން ކުޅުންތެރިން ކުރި މަސައްކަތުން ޓީމުގެ ހުރި ޓެކްނިކަލް ފެންވަރު އެނގިގެން ދިޔަކަށެވެ.
އަދި މެޗަކީ ދެ ޓީމަށް ވެސް ވަރަށް އުނދަގޫ މެޗެއް ކަމަށާއި އެއްވަރު ވުމުން ވެސް ދެ ޓީމަށް ވެސް ނަތީޖާ ރަނގަޅު ކަމަށެވެ.
މި މެޗްގައި ނިއުއަށް އެއްވަރުކޮށްދިން ލަނޑު ޖަހައިދިން ރިލްވާން ވަހީދު (ކަކާ ރިލޭ) ދަނޑަށް ނިކުތް ފަހުން ނިއުގެ ކުޅުމުން ތަފާތު ފެނިގެން ދިޔައިރު ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އޭނައަށް ފުރުސަތު ދިނީ ކިއްވެގެންތޯ ސުވާލު ކުރުމުން ސްޓައިކޮވް ބުނީ އެއީ މިއަދު އިދިކޮޅަށް ނުކުތް ބެލަސްޓިއާގެ ފެންވަރަށް ބަލާފައި ނިންމި ނިންމުމެއް ކަމަށެވެ.
އޭއެފްސީ ކަޕްގައި ނިއު ދެން ކުޅެންޖެހޭ މެޗުގައި އަންނަ މަހުގެ އަށް ވަނަ ދުވަހު ނުކުންނާނީ މިއަދު ހޮންކޮންގުގެ ކިޗީ އެފްސީ އަތުން 1-0 ގެ ނަތީޖާއަކުން ބަލިވި ފިލިޕިންސްގެ ކަޔާ އެފްސީއާ ދެކޮޅަށް ފިލިޕީންސްގަ އެވެ.