ތިން ޕޮއިންޓް ހޯދަން ލިބުނު ފުރުސަތު ފަހު ވަގުތު ގެއްލުމުން ދެރަވި: ބެލަސްޓީއާ

ބެލަސްޓީއާ ކަލްސާ އެފްސީގެ ކޯޗް މާކޯ ކަރަލްޖަވިޗް ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭއެފްސީ ކަޕްގެ ގުރޫޕް 'އެފް'ގައި ނިއުރޭޑިއަންޓާ ދެކޮޅަށް މިއަދު ކުޅުނު މެޗުން މޮޅުވެ ތިން ޕޮއިންޓް ހޯދަން ލިބުނު ފުރުސަތު ފަހު ވަގުތު ގެއްލުމުން ވަރަށް ދެރަވި ކަމަށް ސިންގަޕޫރުގެ ބެލަސްޓީއާ ކަލްސާ އެފްސީގެ ކޯޗް މާކޯ ކަރަލްޖަވިޗް ބުނެފި އެވެ.

މިއަދު ހަވީރު ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން މެޗް އެއްވަރުވެގެން ނިމުނު އިރު، ނިއުއިން ނަތީޖާ ހަމަހަމަ ކުރީ މެޗް ނިމެން އެއް މިނެޓަށް ވެފައިވަނިކޮށެވެ.

އޭނާ ބުނީ ދެވަނަ ހާފުގައި ނިއުގެ ފަރާތުން ބެލެސްޓިއާއަށް އެހާ ބޮޑު ޕްރެޝަރެއް ކުރިމަތިވީ އޭނާގެ ޓީމުގެ ފަހަތުން ކުރި ފައުލު ތަކުން ނިއުއަށް ލިބުނު ހިލޭ ޖެހުންތަކުގެ ސަބަބުން ކަމަށެވެ.

"ބެލަސްޓިއާއިން ވެސް ސީޒަން ފެށިތާ ކުރީ ކޮޅު ކަމަށްވެފައި އަދި ނިއުގެ ފެންވަރު ވެސް ނޭންގޭތީ، މެޗަށް ނުކުތުމުގެ ކުރިން މެޗުން މޮޅެއް ލިބޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށާއި ނަމަވެސް މެޗުގެ ފަހު ކޮޅަށް ދިޔައިރު 2-1 ގެ ނަތީޖާއިން ލީޑުގައި އޮތުމުން މެޗުން މޮޅުވާނެ ކަމަށް ގަބޫލު ކުރި ކަމަށް،" ކަރަލްޖަވިޗް ބުންޏެވެ.

"އަހަރެން ވަރަށް ދެރަވި ފަހު ވަގުތު މެޗުން ދެ ޕޮއިންޓް ގެއްލުމުން. ހަޤީޤަތުގައި މެޗުން ބަލިވީ އެންމެ ފަހު މިނެޓްގައި،" ކަރަލްޖަވިޗް ބުންޏެވެ.

އޭނާ ބުނީ މެޗުން މޮޅު ނުވެވުނީ ކޮންމެހެން ރަށުން ބޭރުގައި ކުޅެން ޖެހުމުގެ ސަބަބުން ނޫން ކަމަށާއި އެއީ މެޗެއްގެ ހާލަތުވެސް މިގޮތަށް ބަދަލުވެދާނެ ކަމަށެވެ. އަދި ރަށުން ބޭރުގައި ކުޅުނަސް ރަށުގައި ކުޅުނަސް މިގޮތަށް ދިމާވެދާނެ ކަމަށް އޭނާ ބުންޏެވެ.

މި ނާތީޖާގެ މައްޗަށް ބިނާކޮށް ސިންގަޕޫރުގައި ނިއުއާ ދެކޮޅަށް ކުޅޭ މެޗުން ނަތީޖާއެއް ނެރެވިދާނެ ކަމަށް ގަބޫލު ކުރަންތޯ ސުވާލު ކުރުމުން އޭނާ ބުނީ އެ މެޗް އޮތީ ވަރަށް ދުރުގައި ކަމަށާއި އެ މެޗާ މެދު ވިސްނާނީ ފަހުން ކަމަށެވެ.

މި ދެ ޓީމު ސިންގަޕޫރުގައި ކުޅޭ މެޗް އޮންނާނީ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުއެވެ.

މި ގުރޫޕްގައި ހިމެނޭ އަނެއް ދެ ޓީމު ކުޅުނު މެޗުން ޕިލިޕީންސްގެ ކަޔާ އެފްސީއާ ވާދަކޮށް ހޮންކޮންގެ ކިޗީ އެފްސީ ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

comment ކޮމެންޓް