ލޯޑަރު ދަށުވެ ކުއްޖަކު މަރުވި މައްސަލައިގެ ތަހުގީގުގެ ބޮޑުބައެއް ވަނީ ނިމިފައި: ފުލުހުން

ލޯޑަރުގެ ދަށުގެ ޒަހަމްވި އަމާނުﷲ-- ސަން ފޮޓޯ/ ފައިހަތު

ގދ. ފަރެސްމާތޮޑާގައި ލޯޑަރެއް ދަށުވެ، ޒަހަމްވި ކުޑަކުއްޖަކު މަރުވި ހާދިސާގެ ތަހުގީގުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މީގެ ތިން ހަފްތާއެއްހާ ދުވަސް ކުރިން ހިނގި އެ ހާދިސާގައި ލޯޑަރު ދަށުވުމުގެ ސަބަބުން ލިބުނު ސީރިއަސް ޒަޚަމްތަކާ ގުޅިގެން ނިޔާވެފައި ވަނީ، މާތޮޑާ އަވަށު، އުމުރުން 10 އަހަރުގެ އަމާނުﷲ އެވެ. އެ ހާދިސާގައި އަމާނުﷲގެ މޫނު އެކީގައި ޗިސްވެފައިވާ ކަމަށް ފަރެސްމާތޮޑާ ސިއްހީ މަރުކަޒުން ވަނީ ބުނެފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށެވެ. އެ މައްސަލާގައި ލޯޑަރު ދުއްވަން އިން ޑުރައިވަރު އަދި ވެސް ހުރީ ފުލުހުންގެ ބަންދުގައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"ބަންދުގައި އެބައިން މީހަކު، އެ މައްސަލާގެ ތަހުގީގުގެ ބޮޑުބައެއް ވަނީ ނިމިފައި." އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އުންމީދަކީ ވީހާ ވެސް އަވަހަކަށް ޕީޖީއަށް އެ މައްސަލަ ފޮނުވުން ކަމަށެވެ.

އަމާނުﷲ ނިޔާވެފައި ވަނީ، އެންވަޔަރަންމެންޓް މިނިސްޓްރީން ފަރެސްމާތޮޑާގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ހިންގާ މަޝްރޫޢުގެ އަމަލީ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީ ހޯގާޑުގެ މަސައްކަތަށް އެ ރަށުގައި ބޭނުންކުރަމުން ދިޔަ ލޯޑަރެއްގެ ދަށުވެ އެވެ.

އެންވަޔަރަންމެންޓް މިނިސްޓްރީން ބުނެފައި ވަނީ، މައްސަލައިގެ ތަހުގީގަށް މިނިސްޓްރީ އާއި މަޝްރޫއުގެ ކޮންޓްރެކްޓަރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

comment ކޮމެންޓް