ލަނޑާ ނަގަން އެރި އުޅުމުގެ ތެރެއިން ގެއްލުނު މީހާ އަދިވެސް ނުފެނޭ

މިދިޔަ އާދިއްތަ ދުވަހު ގއ. ކޫއްޑޫ ފުއްޓަރު ފަރާތަށް ލަނޑާނަގަން އެރި އުޅުމުގެ ތެރެއިން ގެއްލުނު މީހާ އަދި ވެސް ނުފެންނަ ކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.

ގެއްލިގެން ހޯދަމުން ދަނީ ހދ. ކުޅުދުއްފުށި، ބޮޑުދުނބުރިގެ، އަބްދުﷲ ރަޝީދު އަލީ،32، އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އަދުނާން މުޙައްމަދު މިއަދު ސަން އަށް ވިދާޅުވީ، އޭނާ ހޯދުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނަ ކަމަށާއި އަދި މިހާތަނަށް އޭނާ ފެނިފައި ނުވާ ކަމަށެވެ.

އޭނާ ގެއްލުނު އިރު ލައިގެން ހުރީ ކަޅުކުލައިގެ ސުވިމް ސޫޓެއް ކަމަށާއި އަދި އޭނާ ހުރީ ފެހިކުލައިގެ ފިންސަކަށް އަރައިގެން ކަމަށް ފުލުހުން ބުންޏެވެ. އަދި ބުނީ އޭނާ ހުރީ އެލުމިނިއަމް ކުލައިގެ ފުޅިއެއް އަޅައިގެން ކަމަށެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދާ އަބްދުﷲ ރަޝީދު އަލީ މޫދަށް ފޭބުމަށް ފަހު މިސްރާބު ޖަހާފައި ވަނީ ގއ. ވިލިގިއްޔާ ދިމާއަށް ކަމަށް އޭނާ އާ އެކު ލަނޑާނެގުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ މީހުން މައަލޫމާތު ދީފައިވާ ކަމަށެވެ.

އަބްދުﷲ ރަޝީދު އަލީ ގެއްލިފައިވާ ސަރަހައްދުން ދަތުރު ކުރާ ފަރާތްތަކުން އެކަމަށް ސަމާލުވެ، އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ކޯސްޓް ގާޑް ނުވަތަ ފުލުހުންނާ ހިއްސާ ކުރުމަށް އެދޭ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް