ދިމާވާނެ އެންމެ ބޮޑު މައްސަލައަކީ ހަވީރު މެޗް ކުޅެން ޖެހުން: ބެލެސްޓިއާ ކޯޗް

ސިންގަޕޫރުގެ ބެލެސްޓިއާ ކަލްސާ އެފްސީގެ ކޯޗް މާކޯ ކްރާލްޖަވިޗް ސަން އަށް އިންޓަވިއުދެނީ -- ސަން ފޮޓޯ: އަފްރާހް

އޭއެފްސީ ކަޕްގައި މާދަމާ މާލޭގައި ކުޅޭ މެޗްގައި އޭނާގެ ޓީމަށް ދިމާވާނެ އެންމެ ބޮޑު މައްސަލައަކީ މެޗް ހަވީރު ކުޅެންޖެހުމުން ކުރިމަތިވާނެ މައްސަލަކަމަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ނިކުންނަ ސިންގަޕޫރުގެ ބެލެސްޓިއާ ކަލްސާ އެފްސީގެ ކޯޗް މާކޯ ކްރާލްޖަވިޗް ބުނެފިއެވެ.

އިއްޔެ ހެންވޭރު ދަނޑުގައި އެޓީމުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކަށް ފަހު 'ސަން' އާ ވާހަކަ ދައްކަމުން ކްރާލްޖަވިޗް ބުނީ އޭނާގެ ޓީމުން ޢާންމުކޮށް މެޗް ކުޅެނީ ރޭގަނޑު ކަމަށެވެ. އެހެންވެ ހަވީރުގަޑީގައި މެޗް ކުޅެން ޖެހުމަކީ އެޓީމަށް ކުރިމަތިވާނެ ގޮންޖެހުމެއް ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް އޭނާގެ ޓީމުވެސް މެޗް ކުޅޭނީ 11 ކުޅުންތެރިންނާ ދެކޮޅަށް އަދި އަމިއްލަ ދަނޑުގައި ކުޅޭ ޓީމާ ދެކޮޅަށް ކަމަށްވުމުން ނަތީޖާއެއް ނެރެވިދާނެ ކަމަށް ގަބޫލު ކުރާކަމަށް މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި މިނިވަން 50 ވެޓަރަންސް މުބާރާތުގައި ސިންގަޕޫރު ޓީމަށް ކުޅުނު ކްރާލްޖަވިޗް ބުންޏެވެ.

އޭނާ ބުނީ، އޭނާގެ ޓީމަށް އޮތް އެޑްވާންޓޭޖަކީ އެޓީމަކީ ޓީމް ވޯކިން ރަނގަޅު ޓީމެއް ކަމަށްވުން ކަމަށާއި މެޗްގައި ތަފާތަކަށް ވާނީވެސް އެޓީމުގައި ތިބި ބިދޭސީ ކުޅުންތެރިންނާއެކު މުޅި ޓީމު އެއްކޮށް ކުޅެ ނަތީޖާއެއް ނެރުން ކަމަށެވެ.

މިދިޔަ އަހަރު އެޓީމަށް ކުޅުނު މުހިންމު ހަތަރު ކުޅުންތެރިޔަކު ޓީމު ދޫކޮށްދިއުމުން އެކަމުން ޓީމަށް ކިހާވަރަކަށް އަސަރުކުރާނެތޯ ސުވާލު ކުރުމުން ކްރާލްޖަވިޗް ބުނީ އަބަދުވެސް ޓީމު ތަކުގައި ތިބޭ ކުޅުންތެރިން އެހެން ޓީމުތަކަށް ބަދަލުވާނެ ކަމަށާއި އެކުޅުންތެރިން ނެތުމަކީ އޭނާގެ ޓީމަށް ދިމާވާނެ މައްސަލައެއް ނޫން ކަމަށެވެ.

comment ކޮމެންޓް