މެމްބަރު މުސްތަފާގެ މައްޗަށް ދަރަނީގެ މައްސަލައެއް އަނެއްކާ ވެސް ސާބިތުވެއްޖެ

ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ-- ފޮޓޯ/ މަޖިލިސް

އެމެޓީއެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ދައްކަން ޖެހޭ އެއްލައްކަ އަށް ވުރެ ގިނަ ރުފިޔާގެ ހުރި ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މުސްތަފާގެ މައްޗަށް ދަރަންޏެއް ސާބިތުވާ ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން މިދިއަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ބުނެފައި ވަނީ އެމެޓީއެންޓަޕްރައިސަސްގެ ފަރާތުން މުސްތަފާ އަށް ކުއްޔަށް ދީފައިވާ މ. ލީނިއާ ފަސްޓް ފްލޯގެ ފަސް އަހަރު ދުވަހުގެ ކުއްޔަށްވާ 194،000 ރުފިޔާ އޭނާ އެ ކުންފުންޏަށް ދައްކަން ޖެހޭ ކަމަށެވެ.

އެގޮތަށް ކަނޑައަޅާފައި ވަނީ އެމެޓީއެންޓަޕްރައިސަސްގެ ފަރާތުން ސިވިލްކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެ ކުންފުނިން މައްސަލަ ހުށަހަޅާފައި ވަނީ އެކުންފުންޏަށް މުސްތަފާ ދައްކަން ޖެހޭ 19،3820 ރުފިޔާ އަކާއި އެކުންފުނިން މުސްތަފާއަށް ކުއްޔަށްދީފައިވާ އެޕާޓްމެންޓެއްގެ ކުއްޔަށްވާ 194،000 ހޯދުމަށެވެ.

އޭގެ ތެރެއިން މުސްތަފާ ދައްކަން ޖެހޭ ކަމަށް ބުނެފައިވާ ފައިސާ މުސްތަފާ ދައްކާފައިވާކަން އޭނާ ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުން އެނގެން އޮންނަ ކަމަށް ސިވިލްކޯޓުގެ ހުކުމުގައި ވަނީ ބުނެފަ އެވެ. ނަމަވެސް އެމެޓީއެންޓަޕްރައިސަސްއިން މުސްތަފާއަށް ކުއްޔަށްދޫކޮށްފައިވާ އެޕާޓްމެންޓްގެ ކުލި ދައްކާފައިވާކަން މުސްތަފާގެ ފަރާތުން ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ. އެހެންކަމުން އެގޭގެ ކުއްޔަށްވާ 194،000 ރުފިޔާ ހުކުމް ކުރި ދުވަހުންފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށް މުސްތަފާގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.

ދަރަނީގެ މުސްތަފާގެ މައްޗަށް ސާބިތުވި ނަމަވެސް ދައްކަން ޖެހޭ ފައިސާ ހުުމުގައިވާ މުއްދަތުގެ ތެރޭގައި ދައްކައި ހަލާސްކޮށްފި ނަމަ މަޖިލީހުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ. ނަމަވެސް ތިން މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ނުދައްކައިފި ނަމަ މަޖިލީހުގެ ގޮނޑިއާމެދު ސުވާލު އުފެއްދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މީގެ ކުރިން ވެސް މުސްތަފާގެ މައްޗަށް ވަނީ 480،000 ރުފިޔާގެ ދަރަނީގެ މައްސަލައެއް ސާބިތުވެފަ އެވެ. އޭރު 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ގޮނޑި މުސްތަފާއަށް ގެއްލުނީ އެފައިސާ ނުދެއްކުމާ ގުޅިގެންނެވެ.

comment ކޮމެންޓް