ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނު (އެންއައިސީ)ގެ މެމްބަރު ކަމަށް އައްޔަން ކުރެއްވުމަށް ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް މިއަދު ރައީސް އަބްދުﷲ ޔާމީނު އަބްދުލްގައްޔޫމް ފޮނުއްވައިފި އެވެ.
އެންއައިސީގެ މެމްބަރުކަމަށް އައްޔަން ކުރެއްވުމަށް ރައީސް ޔާމީނު މަޖިލީހަށް ހުށަހެޅުއްވީ ސ. ހިތަދޫ ކަރަންކާވިލާ، އަހުމަދު އަމީނު އެވެ.
އެންއައިސީ ގާނޫނުގެ 9 ވަނަ މާއްދާގައި ބުނެފައި ވަނީ އެންއައިސީގެ މެމްބަރު ކަމަށް ފަސް މެމްބަރުން އައްޔަން ކުރައްވަން ޖެހޭނެ ކަމަށެވެ. އަދި އެ ކޮމިޝަނަން މެމްބަރުން އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތީން ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ.
މިހާރު އެ ކޮމިޝަނުގައި ތިއްބަވަނީ ހަތަރު މެމްބަރުން ނެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު މަޖިލީހުން ރުހުން ދެއްވި ހަތަރު ބޭފުޅުން ނެވެ.
ނޭޝަނަލް އިންޓަގުރީ ގާނޫނު ދައުލަތުގެ ހަތަރު މުއައްސަސާއެއްގެ މައްޗަށް ހިނގާނެ އެވެ. އެއީ މޯލްޑިވްސް ޕޮލިސް ސާވިސްއާއި ޑިޕާޓުމަންޓު އޮފް އިމިގުރޭޝަން އެންޑް އެމިގުރޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސް އެވެ.
ނޭޝަނަލް އިންޓަގުރިޓީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަަފުން ކުރާ ގާނޫނާ ހިލާފު އަމަލުތައް ބަލާ ތަހުގީގު ކުރުން ހިމެނެ އެވެ. އަދި އެފަދަ އަމަލެއް ކަމަށް ތުހުމަތު ކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމަށް ނުވަތަ ހިންގަން އުޅޭ ކަމަށް ތުހުމަތުކޮށް އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ އެކަމެއް ވެސް ބަލައި ތަހުގީގު ކުރަން އެ ކޮމިޝަނަށް ލާޒިމުވާނެ އެވެ.