ގައުމީ ޓީމްގެ އިތުބާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) މި އަހަރުގެ ސީޒަނަށް ކުލަބު ވެލެންސިއާ އަށް ބަދަލުވުމަށް ނިންމައިފި އެވެ.
'ސަން' އާ ވާހަކަ ދައްކަމުން ބަކާ ބުނީ މިޔަންމާގައި އޭނާ ކުޅެމުން އައި ކޭބީޒެޑް ދޫކޮށް މި އަހަރުގެ ސީޒަނުގައި ވެލެންސިއާ އަށް ކުޅެން ނިންމާފައިވާ ކަމަށާއި ނަމަވެސް އަދި ސޮއި ނުކުރާކަމަށެވެ.
ބަކާ ބުނީ މިސީޒަނުގައި ވެލެންސިއާ އަށް ކުޅުނު ނަމަވެސް ޖޫން މަހުގެ ޓްރާންސްފާގައި އަނެއްކާ ވެސް ބޭރުގެ ޓީމަކުން ފެނުމުގެ ފުރުސަތު ބޮޑު ކަމަށާއި އޭގެ ކުރިން މި އޮތް ދުވަސްތަކުގައި ފެނިގެންދާނީ ވެލެންސިއާ އިން ކަމަށެވެ.
އައިއެފްސީން 2004 ވަނަ އަހަރު ކެރިއަރު ފެށި ބަކާ އަކީ ގައުމީ ޓީމުގެ އިތުރުން މި ސަރަހައްދުގައި ވެސް ހުރި އެންމެ ހުނަރުވެރި އެއް މިޑްފީލްޑަރެވެ.
ބަކާގެ އިތުރުން ވެލެންސިއާ އިން ވަނީ ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދު ކުރުމުގެ ގޮތުން ނިއުގެ ޝާފިއު އަހުމަދާއި އީގަލްސް އާއި ކީޕަރު މުހައްމަދު ފައިސަލްގެ އިތުރުން ނިއުގެ މުހައްމަދު ޝިފާން (ކުޑައްޓޭ) އާއި އީގަލްސްގެ ހަސަން އަދުހަމް (ސަޑޭ) ވެސް އެ ޓީމަށް ގެންގޮސްފަ އެވެ.
ނިމިދިޔަ ސީޒަނާގައި ވެލެންސިއާގައި ތިބި މުހިންމު ކުޅުންތެރުންތަކުގެ ތެރެއިން އެޓީމުން ވަނީ އިބްރާހީމް އަބުދުﷲ (އިއްބެ) އާއި އަކުރަމް އަބުދުލްގަނީ އާއި އަހުމަދު ރިލްވާނާގެ އިތުރުން ޔޫސުފް ރަމީޒާ އެކު އަލުން ކޮންޓްރެކްޓް އާކޮށްފަ އެވެ.
މިއަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގް ފެށުމަށް ހަމެޖެހިފައި ވަނީ އޭޕްރީލް ފަސް ވަނަ ދުވަހު އެވެ.