އައްޑޫ ސިޓީގެ ހިތަދޫ ޕޮލިސްޓޭޝަނާއި ޕޮލިސް ޓްރޭނިން ސްކޫލްގައި 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު ހުޅުޖެހި މައްސަލައާ ގުޅިގެން ތިން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ.
ޖުވެނައިލް ކޯޓުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެ މައްސަލަ އެ ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހު ކަމަށެވެ.
އެ ތިން ކުދިންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހުގެ ރޭ 7:00 އާއި 9:30 އާ ދެމެދުގެ ވަގުތެއްގައި އިތުރު ބަޔަކާ އެކު ހިތަދޫ ޕޮލިސްޓޭޝަނާއި ޕޮލިސް ޓްރޭނިން ސްކޫލްތެރެއަށްވަދެ އެތަނުގެ އިމާރާތަށާއި މުދަލަށް ގެއްލުންދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.
ހާދިސާ ހިނގި އިރު އެ ތިން ކުދިންގެ ތެރެއިން އެއްކުއްޖެއްގެ އުމުރަކީ 15 އަހަރެވެ. އަނެއް ދެ ކުދިންގެ އުމުރަކީ 17 އަހަރެވެ. މިހާރު 15 އަހަރު ފުރުނު ކުއްޖާގެ އުމުރަކީ 18 އަހަރެވެ. އަނެއް ދެ ކުދިންގެ އުމުރަކީ 20 އަހަރެވެ.
އެ ތިން ކުދިންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ކުރީގެ ޓެރަރިޒަމްގެ ގާނޫނުގެ ދެވަނަ މާއްދާގެ (ޅ) އާއި (ކ)އާ ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.
ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ކަމަށެވެ.
ދައުވާ ލިބޭ ތިން ކުދިންގެ ތެރެއިން ދެ ކުއްޖަކު ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތަކަށް އެދިފައިވާ ކަމަށާއި ނަމަވެސް ދެވަނަ ކުއްޖާ ވަކީލަކާ ނުލައި މައްސަލަ ކުރިއަށްގެންދަން ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ނަމަވެސް އެ މައްސަލައިގެ ބާވަތުން އެ ކުއްޖާ އަށް ވެސް ދައުލަތުގެ އެހީގައި ނުވަތަ އަމިއްލަ ޚަރަދުގައި ވަކީލަކު ހަމަޖެއްސުމަށް ފުރުސަތުދީފައިވާ ކަމަށް ވެސް ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.