އައްޑޫ ސިޓީ ހިތަދޫގެ 'މައިލޯސިޓީ' ގޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުންދާ ކަމަށް ބުނެ، އެ ގެ ބަންދުކުރުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.
އެ ކޯޓުން އިއްޔެ އަމުރު ނެރެފައި ވަނީ، ތިން މަސް ދުވަހަށް އެ ގެ ބަންދު ކުރުމަށެވެ.
ފުލުހުން ބުނީ، އެ ގެ ބަންދުކުރުމުގެ އަމުރު ނެރެފައިވަނީ އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ހަށިގަނޑަށް ވާސިލުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ވަސީލަތްތައް ފޯރުކޮށްދެމުން ދާތީ ކަމަށެވެ.
ކޯޓު އަމުރާ ހަވާލާދީ ފުލުހުން ފާހަގަކުރި ގޮތުގައި، އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރަމުން ދިއުމުގެ ސަބަބުން އާންމު ސަލާމަތަށް ބުރޫ އަރައި، މީހުންނަށް ނުރައްކާތައް ކުރިމަތިވެއެވެ.

ޑުރަގު ބޭނުންކުރާ ކަމަށް ތުހުމަތުވާ ތަނެއް: އައްޑޫގައި އަނެއްކާވެސް ފުޅާދާއިރާއެއްގައި ޑުރަގުގެ ވިޔާފާރި ކުރާ ކަމުގެ ތުހުމަތުވާ ގެއެއް ވަނީ ބަންދުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މީގެ އިތުރުން އެ ގޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށާއި އެ ގެއާއި އެ ގެ ހިމެނޭ ސަރަހައްދުގައި ގުރޫޕު ހަދައިގެން މާރާމާރީ ހިންގުމާއި މީހުން ރަހީނުކުރުމާއި ވައްކަން ކުރުން ފަދަ ޖިނާއީ ކުށްތައް ކުރަމުންދާކަން ފުލުހުން ފާހަގަކުރިއެވެ.
ޑުރަގު ބޭނުންކުރާ ގެއެއް ފުލުހުން ބަންދުކުރިއިރު، މިއީ އެ ކޯޓުން އެ ފަދަ ގެއެއް ބަންދުކުރުމަށް އަމުރުކުރި ދެވަނަ ފަހަރެވެ.
އެގޮތުން، މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އެ ކޯޓުން ވަނީ، މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުވާ ގެއެއް 90 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ.
އޭގެކުރިން، ފުވައްމުލަކުގެ 'ޑުރަހު ކެފޭއެއް' ވެސް ބަންދުކުރަން ފުވައްމުލަކުގެ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ރާއްޖެއަށް ދިމާވެފައިވާ އިޖުތިމާއީ އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށްވާއިރު، އެ މައްސަލަ ހައްލުކުރުމަށް ގާނޫނުވަނީ އިސްލާހުކޮށްފައެވެ. އެގޮތުން ރާއްޖެއަށް ބައެއް ބާވަތްތަކުގެ މަސްތުވާތަކެތި، ވަކި މިންވަރަކަށް ވުރެ އިތުރަށް އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް މި އަހަރު ވަނީ އަމަލުކުރަން ފަށައިފައެވެ.