ސުޕްރީމް ކޯޓުގައި ކުރިއަށް ދަނީ ނަޝީދު 13 އަހަރަށް ޖަލަށްލި މައްސަލައެއް ނޫން: އުއްތަމަ ފަނޑިޔާރު

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން- ސަން ފައިލް ފޮޓޯ

ސުޕްރީމް ކޯޓުގައި ކުރިއަށްދާ ޝަރީއަތަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށްލި މައްސަލަ ނޫން ކަމަށް އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެއްޖެ އެވެ.

އުއްތަމަ ފަނޑިޔާރު މިއަދު ވިދާޅުވީ، ސުޕްރީމް ކޯޓުގައި ކުރިއަށްދާ ނަޝީދުގެ މައްސަލައަކީ ހައި ކޯޓުން ނިންމި ނިންމުން ކަށަވަރު ކުރުމާ ގުޅޭ މައްސަލައެއް ކަމަށެވެ.

އުއްތަމަ ފަނޑިޔާރު އެހެން ވިދާޅުވީ، ރައީސް ނަޝީދުގެ ބަދަލުގައި މިއަދުގެ ޝަރީއަތަށް ވަޑައިގެންނެވި އެމަނިކުފާނުގެ ގާނޫނީ ވަކީލު ހަސަން ލަތީފް ކުރެއްވި ސުވާލެއްގެ ޖަވާބުގައެވެ. ހަސަން ލަތީފް އެދިވަޑައިގަތީ އެ މައްސަލައިގެ ލިޔުންތައް ލިބިފައިނުވާތީ މައްސަލައަށް ޖަވާބުދާރީވާން 15 ދުވަހުގެ ފުރުސަތަކަށެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ލިޔުންތައް ލިބޭނެ ގޮތް ސުޕްރީމް ކޯޓުން ހަމަޖައްސާނެ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ މައްސަލާގައި އެ އޮފީހުން ހުށަހަޅާ ކަންކަން ޝަރީއަތަށް އިއްވާފައެވެ.

ޕަބްލިކް ޕްރޮސކިއުޓާ އަހްމަދު ހިޝާމް ވަޖީހު ވިދާޅުވީ، ދައުލަތުން ހުށަހަޅާ މައްސަލަ އަކީ ރައީސް ނަޝީދުގެ މައްސަލަ ހައިކޯޓުގައި ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމި ނިންމުމަކީ ރާއްޖޭގެ ގާނޫނު ތަކާއި ބައިނަލް އަގުވާމީ ހަމަތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއްކަން ކަށަވަރު ކުރުމަށް ހުށަހަޅާ މައްސަލައެއް ކަމަށެވެ.

ޕީޖީ އޮފީހުން އެ މައްސަލާގައި ހުށަހަޅާފައި ވަނީ ހަތަރު ނުކުތާއެކެވެ. ފުރަތަމަ ނުކުތާ އަކީ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ބ) ގައި ބުނެފައިވާ ކުށުން ބަރީއަވުމަށްޓަކައި އެކަށީގެންވާ ވަގުތާއި އެކަށީގެންވާ ވަސީލަތްތަކާއި ރައީސް ނަޝީދު އިޚްތިޔާރުކުރާ ގާނޫނީ ވަކީލަކާ މަޝްވަރާ ކުރުމަށް ފުރުސަތުދީފައިވާކަން ކަށަވަރު ކުރުމަށް އެދި ހުށަހެޅި ނުކުތާއެވެ.

އެ ނުކުތާއާ ގުޅޭގޮތުން ތަފްސީލީ ގޮތެއްގައި ވާހަކަފުޅުދައްކަވަމުން ހިޝާމް ވިދާޅުވީ، އެންމެ ފުރަތަމަ ރައީސް ނަޝީދުގެ މައްސަލަ ހުށަހެޅީ ހުޅުމާލޭ ކޯޓަށް ކަމަށާއި އެ ކޯޓަށް މައްސަލަ ހުށަހެޅިތާ ތިން އަހަރުވާން ކައިރިވެފައި އޮއްވައި މުރާޖާ ކުރުމަށް މައްސަލަ އަނބުރާ ގެނެސް އެހެން ދައުވާއެއް ކްރިމިނަލް ކޯޓުގައި އުފުލީ ކަމަށެވެ.

ހިޝާމް ވިދާޅުވީ، ހުޅުމާލޭ ކޯޓަށް ހުށަހެޅި މައްސަލައިގެ ލިޔެކިޔުންތައް ވަނީ ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންނަށް ދޫކޮށްފައި ކަމަށާއި، ކްރިމިނަލް ކޯޓުގައި ދައުވާ އުފުލީވެސް ހަމަ އެ ލިޔުންތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި ކުރިން ހުށަނާޅާ އެއްވެސް ލިޔުމެއް ކްރިމިނަލް ކޯޓަށް ދައުލަތުން ހުށަހަޅާފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހިޝާމްގެ ވާހަކަފުޅުގައި އދ.ގެ ބައެއް ގުނަވަންތަކުން ނިންމާފައިވާ ނިންމުންތަކަށް ވެސް ހަވާލާދެއްވިއެވެ.

އޭނާ ވިދާޅުވީ، ކްރިމިނަލް ކޯޓުގައި މައްސަލަ ބެލިއިރުވެސް ރައީސް ނަޝީދުގެ ވަކީލުންގެ ގޮތުގައި ތިއްބެވީ ހުޅުމާލޭ ކޯޓުގައި ވެސް ވަކާލާތު ކުރެއްވި ވަކީލުން ކަމަށެވެ. ދައުވާ އަށް ޖަވާބުދާރީވާން ދިގު މުއްދަތެއް ދޭންޖެހޭނީ އާ ވަކީލުންތަކެއް ކްރިމިނަލް ކޯޓުގައި ހިނގި މައްސަލައަށް ރައީސް ނަޝީދު އައްޔަންކުރެއްވިނަމަ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އެހެންކަމުން މައްސަލަ ދިރާސާ ކުރުމަށް އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ދީފައިވާކަން ކަށަވަރުކޮށްދިނުމަށް ދައުލަތުން ވަނީ އެދިފައެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، ކްރިމިނަލް ކޯޓުގައި ރައީސް ނަޝީދުގެ ވަކީލުންނާ އެކު ބޭއްވި ފުރަތަމަ އަޑުއެހުމުގައި އެ ވަކީލުން އެދިވަޑައިގަތްގޮތަށް ޖަވާބުދާރީވުމަށްޓަކައި ތިން ދުވަހުގެ ފުރުސަތެއް ޝަރީއަތުން ދީފައިވާ ކަމަށެވެ.

އަދި އޭގެފަހުން ބަރާބަރަށް ޝަރީއަތަށް ހާޒިރުވެ މައްސަލަ ކުރިއަށް ދަނިކޮށް، މާޗް މަހުގެ އަށް ވަނަ ދުވަހު ޝަރީއަތް ފެށުމުގެ ފަހުން ވަކީލުން މައްސަލައިން ތަނާޒުލްވާކަމަށް އަންގާފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ވަކީލުން އެ މައްސަލައިން ތަނާޒުލްވިޔަސް ބަރާބަރަށް ރައީސް ނަޝީދާ ބައްދަލު ކުރައްވާ ކަމަށާއި އެމަނިކުފާނު ގެންދެވީ އެބޭފުޅުންގެ ފަރާތުން ގާނޫނީ އެހީތެރިކަން ހޯއްދަވަމުން ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އަބްދުﷲ ގާޒީ ހައްޔަރުކުރި އިރު މަންޒަރު ފެނުނު ދެ ގާޒީ އަކު މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވާތީ އެ ދެ ގާޒީން ބަދަލުކުރަންޖެހޭ ކަމަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން ފާހަގަކުރާ ނުކުތާއާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރި އިރު މީޑިއާގެ ފަރާތްތައް ވެސް އެތަނުގައި ތިބެ، އެމަންޒަރު ވީޑިއޯކޮށް ޓީވީތަކުން ވެސް ދެއްކި ކަމަށެވެ. އެހެންކަމުން އެ ދެ ގާޒީން އެތަނުގައި ނެތްނަމަވެސް ޓީވީން އެ މަންޒަރު ފެންނާނެ ކަމަށް ވެސް ވަކީލު ވިދާޅުވިއެވެ.

ހެކީންނާއި ސުވާލު ކުރުމާއި ހެކި ހުށަހެޅުމުގެ ފުރުސަތު ރައީސް ނަޝީދަށް ދީފައިވާކަން ކަށަވަރު ކުރަން ވެސް ޕީޖީން މިއަދު އެދުނެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، ރައީސް ނަޝީދަށް ދެއްވި ފުރުސަތުގައި އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ ދިފާއުގައި ހެކި ހުށަހަޅާފައި ކަމަށާއި ޝަރީއަތް ނިމުނު އިރުވެސް އެ ހެކީން ހުށަހެޅި ބޭނުން ވިދާޅުވެފައިނުވާ ކަމަށެވެ.

އެ މައްސަލައިގެ ޝަރީއަތް އަލުން ކުރިއަށްގެންދަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފެނިވަޑައިގަންނަވާނަމަ އެކަމާ ގުޅޭ ގޮތްތަކެއް ކަނޑައަޅުއްވައިދެއްވުމަށް ވެސް ދައުލަތުން މިއަދު ވަނީ އެދިފައެވެ.

comment ކޮމެންޓް