ސީމެގް ވަފުދަކާއި ޔޫރަޕިއަން ޕާލިމެންޓުގެ ވަފުދެއް އަންނަ ހަފްތާގައި ރާއްޖެ އަންނަނީ

މިިސްޓަރު ދުންޔާ މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ: ޝަފްނާ ހުސައިން

ސަރުކާރުގެ ދައުވަތަކަށް ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ ޓީމަކާއި ޔޫރަޕިއަން ޕާލިމަންޓުގެ މެމްބަރުންގެ ވަފުދެއް އަންނަ ހަފްތާގައި ރާއްޖެ އަންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވީ ދެ ޓީމުގެ ދަތުރުގައި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލު ކުރައްވާނެ ކަމަށެވެ.

ރާއްޖެ އަށް ސީމެގްގެ މި މިޝަން އައުމާމެދު މަޝްވަރާ ކުރެވިފައި ވަނީ މޯލްޓާގައި އޮތް ކޮމަންވެލްތުގެ ބައްދަލުވުމެއްގައި ކަމަށާއި އެ ޓީމުން ރާއްޖޭގެ ކަންކަން ހިނގާ ގޮތް ބަލާލުމަށް ހަމަޖެހިގެން ދިޔައީ އެ ބައްދަލުވުމުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ ޓީމު ރާއްޖެ އަންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. އަދި ހޯމަ ދުވަހާ ހަމައަށް ރާއްޖޭގައި މަސައްކަތް ކުރާނެ އެވެ.

"މިއީ ސަރުކާރުގެ ދައުވަތެއް. ސަރުކާރުގެ އިސް ފަރާތްތަކަކާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާނެ،" ދުންޔާ ވިދާޅުވި އެވެ.

ސީމެގްގެ ޓީމުގައި ހިމެނެނީ ސީމެގްގެ ވައިސް ޗެއާ، ކެބިނެޓް ސެކެޓްރީ ފޮ ފޮރިން އެފެއަޒް އެންޑް އިންޓަނޭޝަނަލް ޓްރޭޑް އޮފް ކެންޔާ ޑރ. އާމިނާ މުހައްމަދު، ފޮރިން ސެކެޓްރީ އޮފް އިންޑިއާ އަދި ކޮމަންވެލްތު ސެކެޓްރިއޭޓްގެ އިތުރު ދެ ބޭފުޅުންނެވެ.

މީގެ ކުރިން 2012 ވަނަ އަހަރު ވެސް ސީމެގުން ވަނީ ރާއްޖޭގެ ހާލަތު ބަލައިފަ އެވެ. ނަމަވެސް އެ ފަހަރާ ހިލާފަށް މި ފަހަރު ވަރަށް އިންސާފުވެރިކޮށް ރާއްޖޭގެ ކަންކަން ބަލާނެ ކަމަށް އުންމީދު ކުރާ ކަމަށް ދުންޔާ ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން އަބަދުވެސް ބުނަމުން މިދަނީ މިކަހަލަ ހުރިހާ މިޝަންއެއް ވެސް ހަމަ މަރުހަބާ ކިޔާ، އަޅުގަނދުމެން ކަމެއް ފޮރުވާކަށް ބޭނުމެއް ނޫންކަން، އަޅުގަނޑުމެން މިތިބީ ވާހަކަދައްކާ އެންގޭޖްކޮށް، ބިނާކުރަނިވި ގޮތަކަށް މަސައްކަތް ކުރުމަށް ތައްޔާރަށްކަން،" މިނިސްޓަރު ވިދާޅުވި އެވެ.

ޔޫރަޕިއަން ޕާލިމަންޓުގެ މެމްބަރުންގެ ވަފުދު ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ އަންނަ އާދީއްތަ ދުވަހު އެވެ. އެ ޓީމުން ވެސް ރާއްޖޭގެ އިސް އޮފިޝަލުންނާ ބައްދަލު ކުރާނެ ކަމަށާއި އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވެސް ހިމެނިވަޑައިގަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޔޫރަޕިއަން ޕާލިމެންޓަށް ވެސް ރާއްޖެއާ ގުޅޭ ގޮތުން ކަންކަން އޮތް ގޮތް އޮޅިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ދާދި ފަހުން ފެނިވަޑައިގަންނަވާނެ ވަރަށް ވަރުގަދަ ރެސޮލިއުޝަން އެއް، ރާއްޖޭގެ ހާލަތާ އެކަށީގެންވާ ވަރުގެ ރެސޮލިއުޝަން އެއް ނޫން އެއީ،" ދުންޔާ ވިދާޅުވި އެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ބަންދުގައި ތިއްބެވި އެހެން ސިޔާސީ ބޭފުޅުން ވަގުތުން ދޫކޮށްލުމަށް ގޮވާލައި، ޔޫރަޕިއަން ޕާލަމެންޓުން ފާސްކުރި ގަރާރަށް އިޝާރާތް ކުރައްވައި ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ ރާއްޖެ އިން އިންސާނިއްޔައްތާ ހިލާފު ކަންކަން ހިންގާ ކަމަށް ބުނެ ގިނަ ތުހުމަތުތަކެއް ކުރާ ކަމަށާއި، ނަމަވެސް މި ސަރުކާރުން އެފަދަ އަމަލުތަކެއް ހިންގާފައި ނުވާނެ ކަމަށާއި އަދި ނުވެސް ހިންގާނެ ކަމަށެވެ.

comment ކޮމެންޓް