ފަހަތުން އަރައި ސައުތު ކޮރެއާ ބަލިކޮށް 2-3 ގެ ނަތީޖާއަކުން ކުރި ހޯދައިގެން އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ ޗެމްޕިއަންކަން ޖަޕާން ހޯދައިފިއެވެ.
ގަތަރުގެ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗުގައި ކޮރެއާއިން މެޗުގެ 20 ވަނަ މިނެޓްގައި ޗަން ހޫން ކޯންގެ ގޯލުން ލީޑް ނަގާފައިވަނިކޮށް ދެވަނަ ހާފްގެ 47 ވަނަ މިނެޓްގައި ސުން ވޫކް ޖިން ވަނީ އެ ޓީމަށް އިތުރު ގޯލެއް ކާމިޔާބްކޮށް މެޗުގެ ލީޑް އިތުރަށް ފުޅާ ކޮށްދީފައެވެ.
ޖަޕާން ޓީމުން އެ މީހުންގެ ފުރަތަމަ ގޯލު ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޓަކްމާ އަސާނޯ ކާމިޔާބް ކޮށްދިން އިރު އޭގެ އެއް މިނެޓްފަހުން ޔަޖީމާގެ ގޯލުން ޖަޕާން ވަނީ ނަތީޖާ އެއްވަރު ކޮށްފައެވެ.
މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެގެން ފައިނަލަށް ދަތުރުކުރި ޖަޕާން އެ މެޗުން މޮޅުކޮށްދިން ގޯލް 81 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބް ކޮށްދިނީ ފުރަތަމަ ގޯލް ވެސް ކާމިޔާބް ކުރި އަސާނޯ އެވެ.
އެ މުބާރާތުގެ އެއްވަނަ، ދެވަނަ އަދި ތިން ވަނަ ޓީމަށް މިއަހަރު އޮގަސްޓް 21 ގައި ބްރެޒިލްގައި އޮންނަ ސަމާ އޮލިމްޕިކްސް ގޭމްސް އިން ފުރުސަތު ލިބިގެންދާ އިރު ޖަޕާނާއި ކޮރެއާގެ އިތުރުން ދެން ފުރުސަތު ލިބިގެން ދިޔައީ ގަތަރު ބަލިކޮށް ތިން ވަނަ ހޯދި އިރާގް ޓީމަށެވެ.