ޖަޕާނު ސަރުކާރުގެ އެހީގައި ދޭ "ޖަޕަނީޒް ގްރާންޓް އެއިޑް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޯލާޝިޕް" (ޖޭޑީއެސް) އަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، ޖަޕާނުގެ ތިން ޔުނިވާސިޓީއެއްގައި ކިޔެވުމުގެ ފުރުސަތުތަކާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ އޮންލައިން ސެޝަންތައް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މި ސެޝަންތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި ނޮވެމްބަރު މަހުގެ 16، 17 އަދި 18 ވަނަ ދުވަހުގައެވެ.
މި ސެޝަންތަކުގައި މަޢުލޫމާތު ދެއްވާނީ ޖޭޑީއެސް ޕްރޮގްރާމުގައި ބައިވެރިވާ ރިޓްސުމެއިކަން ޔުނިވާސިޓީ، އިންޓަނޭޝަނަލް ޔުނިވާސިޓީ އޮފް ޖަޕާން (އައިޔޫޖޭ) އަދި ރިޓްސުމެއިކަން އޭޝިއާ ޕެސިފިކް ޔުނިވާސިޓީ (އޭޕީޔޫ) ގެ ޕްރޮފެސަރުންނެވެ.
މި ސެޝަންތަކަކީ ޔުނިވާސިޓީތަކާއި، ކިޔަވައިދޭ މަންހަޖާއި، ޕްރޮގްރާމްތަކުގެ ބާވަތުގެ އިތުރުން ޖޭޑީއެސް ސްކޯލާޝިޕްގެ ދަށުން ލިބިދޭ ތަޢުލީމީ ފުރުސަތުތަކާ ގުޅޭ ގޮތުން ކުރިމަތިލާ ފަރާތްތަކަށް ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ސެޝަންތަކެކެވެ.

ސެޝަންތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ:
- 16 ނޮވެމްބަރު (ހޯމަ): މެންދުރުފަހު 1:00 އިން 1:50 އަށް - ރިޓްސުމެއިކަން ޔުނިވާސިޓީ
- 17 ނޮވެމްބަރު (އަންގާރަ): މެންދުރުފަހު 1:00 އިން 1:30 އަށް - އިންޓަނޭޝަނަލް ޔުނިވާސިޓީ އޮފް ޖަޕާން (އައިޔޫޖޭ)
- 18 ނޮވެމްބަރު (ބުދަ): މެންދުރުފަހު 1:00 އިން 1:50 އަށް - ރިޓްސުމެއިކަން އޭޝިއާ ޕެސިފިކް ޔުނިވާސިޓީ (އޭޕީޔޫ)
މި މަޢުލޫމާތު ސެޝަންތަކުގައި ބައިވެރިވުމަށް ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.
މީގެ އިތުރުން، އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 އިން 4:00 އަށް، ޖޭޑީއެސް ސްކޯލާޝިޕާ ބެހޭ އިތުރު މަޢުލޫމާތު ސެޝަނެއް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. އެ ސެޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ ރިޔާން ޓްރެއިނިން އިންސްޓިޓިއުޓްގައެވެ.
ހަމައެއާއެކު ސްކޮލަޝިޕްގެ ފުރުޞަތުތަކާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދައި، ފުރިހަމަ މަޢުލޫމާތާއެކު އެޕްލިކޭޝަން ހުށަހެޅުމަށްޓަކައި، މި ސެޝަންތަކުގައި ބައިވެރިވުމަށް ޖޭޑީއެސް އިން ވަނީ އެދިފައެެވެ. އަދި ނޮވެމްބަރު 19ވާ އަންނަ ބުރާސްފަތި ދުވަހުގައި ބާއްވާ މި ސެޝަނުގައި ބައިވެރިވުމަށްޓަކައި ރަޖިސްޓްރީ ކުރުމަށް ވެސް މިހާރު ވަނީ ހުޅުވާލައިފައެވެ.
މި ސްކޮލާޝިޕަށް ކުރިމަތިލައްވާ ފަރާތްތަކުން، އަންނަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން ޖޭޑީއެސް އޮންލައިން އެޕްލިކޭޝަން ސިސްޓަމް މެދުވެރިކޮށް ފޯމު ހުށަހަޅަންވާނެ ކަމަށް ވަނީ ބުނެފައެވެ.
މި ޕްރޮގްރާމާ ބެހޭ އިތުރު މައުލޫމާތު ޖޭޑީއެސްގެ ވެބްސައިޓް އަދި ފޭސްބުކް ޕޭޖްއިން ލިބެން ހުންނާނެ ކަމަށް ވެސް ބުނެފައިވެއެވެ.