ހައިބްރިޑް ރިނިއުއެބަލް އެނާޖީ ސިސްޓަމްސްގެ ނަމުގައި ފަސް ދުވަހުގެ ވޯކްޝޮޕެއް ފައްޓައިފި

"ހައިބްރިޑް ރިނިއުއެބަލް އެނާޖީ" ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތު ތެރެއިން --- ސަން/ފޮޓޯ: ޔޫސުފް ސޮފްވާން

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން އިންތިޒާމުކޮށްގެން "ހައިބްރިޑް ރިނިއުއެބަލް އެނާޖީ ސިސްޓަމްސް"ގެ ނަމުގައި ފަސް ދުވަހުގެ ވޯކްޝޮޕެއް މިއަދު މާލޭގައި ފައްޓައިފި އެވެ.

ސައިރިކްސް ކޮލެޖުގައި ފެއްޓި އެ ވޯކްޝޮޕް އިފްތިތާހުކޮށްދެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އިޔާދަ ކުރެނިވި ހަކަތައިގެ ދާއިރާ އިސްލާހު ކުރުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ، ރާއްޖޭގައި އިޔާދަ ކުރަނިވި ހަކަތަ އުފައްދައި ގިނަ ބަޔަކަށް އޭގެ މަންފާ ކުރާނެ ގޮތްތަކެއް ހެދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"ހާއްސަކޮށް ވޯލްޑް ބޭންކްގެ ފަރާތުންނާއި އޭޑީބީގެ ފަރާތުން އެސިސްޓެންސް ލިބިގެން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން މިދަނީ. މިހާރު ވެސް އޭބީޑީގެ އެހީގެ ދަށުން އައްޑޫގައި އަދި އިތުރު ހަތަރު ފަސް ރަށެއްގައި އިޔާދަ ކުރަނިވި ހަކަތަ ޖެހުމުގެ މަސައްކަތް ކުރިއަށް ދަނީ. ބަޔަކާ ހަވާލު ކުރެވިފައި އޮތީ އައްޑޫގައި 1.6 މެގަ ވޮޓުގެ އިޔާދަ ކުރަނިވި ހަކަތަ ޖެހުމުގެ މަސައްކަތް ކުރަމުން ދަނީ،" މިނިސްޓަރު ތޯރިގު ވިދާޅުވި އެވެ.

"ހައިބްރިޑު ރިނިއުއެބަލް އެނާޖީ" ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތު ތެރެއިން --- ސަން/ފޮޓޯ: ޔޫސުފް ސޮފްވާން

ތޯރިގު ވިދާޅުވީ ވައިން ހަކަތަ އުފެއްދުމުގެ އިތުރުން، އިތުރު ވަސީލަތްތައް ބޭނުން ކޮށްގެން ވެސް އިއާދަ ކުރަނިވި ހަކަތަ އުފެއްދެނީ ކޮން ގޮތްތަކެއްގައިތޯ ބަލައި އެކަންތައްތައް ދިރާސާކުރަމުން އަންނަ ކަމަށެވެ.

"މީގެ މުހިއްމު ކަމަކީ، ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި އަޅުގަނޑުމެން ކޮންމެ ރަށެއްގައި ވެސް މި އޮންނަނީ މިނީ ގްރިޑެއް ހެދިފައި. ކޮންމެ ރަށެއްގައި ވެސް އެ ރަށަކަށް ބޭނުންވާ ކަރަންޓް ހަމަ އެ ރަށެއްގައި އުފައްދަމުން މި ދަނީ. އެހެންވީމާ މީ ވަރަށް އުނދަގޫ ކަމަކަށް ވެފައި މި އޮންނަނީ. އެއީ ލޮޖިސްޓިކަލީ ރަށަށް ތެޔޮ ގެންދިއުމާއި ރަށުގެ މިނީ ގްރިޑް ބެލެހެއްޓުމުގެ ކަންތައް ވަރަށް ބޮޑު މަސައްކަތަކަށް ވެފައި އޮންނަނީ. އަދި އޭގެ ސަބަބުން ކަރަންޓް އުފައްދަންދާ ހަރަދު ބޮޑުވެފައި މި އޮންނަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އިއާދަ ކުރަނިވި ހަކަތައިގެ ދާއިރާ އަށް މީހުން ބިނާ ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި އެ ދާއިރާ އަށް މީހުން ބިނާ ކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ހައިބްރިޑު ރިނިއުއެބަލް އެނާޖީ" ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތު ތެރެއިން --- ސަން/ފޮޓޯ: ޔޫސުފް ސޮފްވާން

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޭޑީބީގެ އެޑްވައިޒަރު ލިޕިންގް ޒިންގު ވިދާޅުވީ، މިއަދުގެ ދުނިޔެ ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކަކީ އޭގެ އެއް ގޮންޖެހުން ކަމަށާއި ދިވެހިރާއްޖެ އަކީ މި ސަރަހައްދުގައި އޮތް އޭގެ ނުރައްކާ އެންމެ ބޮޑު ގައުމު ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ވޯކުޝޮޕްގައި އިޔާދަ ކުރަނިވި ހަކަތަ އާއި ޑީސަލް ޖެނެރޭޓަރު ގުޅާލައިގެން ހަރަދު ކުޑަ ގޮތަކަށް މަސައްކަތް ކުރެވޭނީ ކިހިނެއްތޯ އާ މެދު ވާހަކަ ދައްކާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ރާއްޖޭގައި ވައިން ހަކަތަ އުފެއްދޭނީ ކިހިނެއްތޯ އާ މެދު ވެސް ވާހަކަ ދައްކާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ވޯކްޝޮޕްގައި ސްޓެލްކޯ އާއި ފެނަކައިގެ ޓެކްނިކަލް އަދި މެނޭޖްމަންޓްގެ ފަރާތުން މުވައްޒަފުން ބައިވެރިވެ އެވެ.

comment ކޮމެންޓް