ޒުހާގެ މަރުގެ މައްސަލާގައި ހައްޔަރު ކުރި ދިވެހި ފިރިހެން މީހާ ދޫކޮށްލައިފި

ޑްރޫމްގެއިން ފުލުހުން މިރޭ ހައްޔަރުކޮށްގެން ގެންދިޔަ ފިރިހެން މީހާ ފުލުހުންގެ ވެހިކަލަށް އަރުވަނީ: މި މީހާ އަކީ ވެސް ޒުހާގެ މަރާއި ގުޅިގެން ރޭ "ސަން" އަށް މައުލޫމާތު ދިން މީހެއް -- ސަން ފޮޓޯ/ އަލީ ނަސީރު

ލ. ގަނ ތުނޑި، ބާބުލް އަވާލީ، ހައްވާ ޒުހާ 23، މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދިވެހި ފިރިހެން މީހާ ދޫކޮށްލައިފި އެވެ.

ޒުހާގެ މަރުގެ މައްސަލާގައި މި މަހު ނުވަ ވަނަ ދުވަހު ހ. ޑްރޫމްގެ އިން ވަނީ ދިވެހި އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން ފިރިހެން މީހާ ދޫކޮށްލާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން" އަށް މިރޭ ވިދާޅުވީ އެފިރިހެން މީހާ ދޫކޮށްލާފައިވަނީ ޒުހާ މަރާއި އޭނާ އާއި ގުޅުމެއްނެތްކަން ތަހުގީގަށް އެނގުމުން ކަމަށެވެ.

"ޒުހާގެ މަރުގެ މައްސަލާގައި އޭނަގެ އިންވޯލްމަންޓެއްނެތްކަން ތަހުގީގަށް އެނގިފައިވާތީ އޭނަ ދޫކޮށްލީ." ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ހ. ލާލުގެ ގޯޅިގަނޑު ތެރޭގައި މަރުވެފައި އޮއްވައި ފެނުނު ޒުހާގެ މައްސަލާގައި މިހާރު ފުލުހުންގެ ހައްޔަރުގައި ތިބީ 50 އަހަރުގެ ދިވެހި އަންހެނަކާއި ބަނގުލަދޭސް ފިރިހެނެކެވެ.

ކްރައިމް އިންވެސްޓިގޭޝަންސް ކޮމާންޑުގެ ޑެޕިއުޓީ ހެޑް ޗިފް ސުޕްރިންޓެންޑެންޓް މުޙައްމަދު ރިޔާޒު ވިދާޅުވީ ޒުހާ މަރާލާފައި ވަނީ އޭނާ މަރާލާފައި އޮއްވައި ފެނުނު ހ. ލާލުގޭގައި ހުސްކޮށް ހުންނަ ކޮޓަރިއެއްގެ ތެރޭގައި ބިދޭސީއަކުކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.

ފުލުހުން ބުނީ ޕޯސްޓްމޯޓަމް ޕްރިލިމިނަރީ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު ހައްވާ ޒުހާ މަރުވެފައި ވަނީ އޭނާގެ ކަރުގައި ހިފައި ނޭވާ ހާސްކޮށްލުމުން ކަމަށެވެ.

މި މައްސަލައިގެ ތަހްގީގުގައި އިތުރަށް ފުރިހަމަކުރަން ޖެހޭ ކަންކަން ކުރަމުން ދާ ކަމަށާއި ޒުހާ މަރާލި ކަމަށް ތުހުމަތުކުރެވޭ ބިދޭސީ މީހާ ހޯދައި ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

comment ކޮމެންޓް