"ކާފަ މާމަ މަތިން ހަނދާނެތި، ކިރުމައިން ޅަ ދަރީން ހަނދާންނެތި، ކައިވެނީގެ މަގާމު ހަނދާން ނެތް،"ހިސާބަށް ވައިބާގެ ކަންކަން ގޮސްފައިވާ ކަމަށް ދިވެހި ޅެންވެރިން މިވަނީ ވިދާޅުވެފަ އެވެ.
ފަހަކަށް އައިސް ފާހަގަކުރާ ކޮންމެ ޅެންވެރިންގެ ދުވަހަކާ ގުޅިގެން ކޮންމެވެސް އިޖުތިމާއީ މައްސަލައަކަށް ފެންމަތިކޮށް ސަމާސާ ޅެމެއް ދިވެހި ޅެންވެރިން ދަނީ ނެރެމުންނެވެ. މިފަހަރުގެ ޅެން ހާއްސަކޮށްފައިވަނީ ދިވެހިން އެ ޖާދުލެއްގައި ރަނގަޅަށް ވެސް ޖައްސާފައިވާ "ވައިބާ" އާ ބެހޭ ގޮތުންނެވެ.
މަޝްހޫރު ޅެންވެރިޔާ އާދަމް ނަސީރު އިބްރާހިމް ހައްދަވައި 50 ޅެންވެރިންއެއް "އެކްޓް"ކޮށް ނެރެފައިވާ "ވައިބާ" ލަވާގައި ބުނެފައި ވަނީ ދިވެހިން ވައިބާ އަށް ހިތްޖެހިފައި އޮތް މިންވަރު ރަނގަޅަށް ވެސް ސިފަކޮށްދީފަ އެވެ.
އެ ޅެމުގައި ބުނާ ގޮތުން ދިވެހިން ނިދާ ހޭލަނީ ވެސް ވައިބާ ބަލަމުންނެވެ. ރޭގަނޑު ނިދަނީ ވެސް އިންޓަނެޓާ އެކު ވައިބާ ކެނޑުމުންނެވެ. އެތައް ބަޔަކު ހޭހުރީ ވެސް ވައިބާ ހުރުމުން ކަމަށް ޅެންވެރިޔާ ވިދާޅުވާ އިރު ރޭ ދުވާލު އެބަޔަކު ކުރާ ކަމަކީ ވައިބާގައި ވަގުތު ހޭދަކުރަމުން ކަމަށް ޅެންވެރިޔާ ދަނީ ވިދާޅުވަމުންނެވެ.
"ހަސްފަތާލު މި ކުލިނިކް ތެރޭގައި، މިސްކިތާއި އޮފީސް ތެރޭގައި، މަަދަރުސާ ޔުނިވާސިޓީގައި، ވައިކަނޑާ އެއްގަމު ދަތުރުގާ،" ވެސް ކުރާ ކަމަކީ ވައިބާ ބޭނުން ކުރުން ކަމަށް ޅެންވެރިޔާ ސިފަކުރެ އެވެ. ވައިބާ "ކޮންވަޒޭޝަންތައް" ޑިލީޓްނުކޮށް އޮއްވައި އަނބިމީހާ އަށް ފެނި ގޭތެރެއަށް "ތޫފާން" އަރާ ހިސާބަށް ވައިބާގެ ކަންކަން ދާއިރު ކުރަންޖެހިފައިވާ މަސައްކަތްތައް ނުނިމުމާއި ވަޒީފާގެ ބިރު ހީވާހިސާބަށް ވެސް ވައިބާގެ ކަންކަން ދާ ކަމަށް ޅެންވެރިޔާ އެވަނީ ސިފަކޮށްފަ އެވެ.
ޅެން ހެއްދެވި އާދަމް ނަސީރު ސަން އަށް ވިދާޅުވި ގޮތުގައި ޅެންހެދުމުގައި ބޮޑަށް ވިސްނާފައިވަނީ އައިބު ނުވާ ބަސްތައް ބޭނުން ކުރުމަށާއި ބުނަން ބޭނުންވާ ވާހަކަ ކުރު ޖުމުލައަކުން ކިޔައިދުނުމަށެވެ. އެއަށް ފަހު ޅެމުގެ އަސްލު މަގުސަދާއި ދޭންބޭނުންވާ މެސެޖް ސާފްކޮށް ކިޔައިދިނުމަށް ކަމަށް އާދަމް ނަސީރު ވިދާޅުވި އެވެ.
"ޅެމުގައި އަޅުގަނޑު ބޭނުންވި މައްސަލަ ކުރަހާދީފައި މައްސަލާގެ ހައްލަކާއި ހިސާބަށް ދިއުމަށް ނިންމީ،" އާދަމް ނަސީރު ވިދާޅުވި އެވެ.
އަދުނާން ސާމީގެ ލިފްޓް ކަރާދޭގެ ރާގަށް ހަދާފައިވާ އެޅެން ވިދާޅުވެދެއްވާފައި ވަނީ ހިރިޔާ ސްކޫލުގެ ޕްރިންސިޕަލް އިސްމާއިލް މަޝްރޫފްއެވެ. ލައިގެ އެކްޓިންގައި ރޯނު ހަސަން މަނިކު އިސްކޮށް ފެންނައިރު 50 ޅެންވެރިންއެއް ވަނީ ލަވައިގަ އެކްޓްކޮށްފަ އެވެ. އެލަވަ ޓީވީއެމްއިން އުފައްދާފައިވާއިރު އެއީ ހަތަރު ދުވަހުގެ މަސައްކަތެވެ.
"ދަރިވަރުން ފޮތްތައް ހަނދާންނެތި، ގަޑި ހަނދާންނެތި، މަގު ހަދާން ނެތި، ދާންވެ ކޮލެޖަށް ވެސް ހަނދާން ނެތި،" ހިސާބަށް ވައިބާގެ ކަންކަން ގޮސްފައިވުމުން ޅެންވެރިޔާ ދޭ މެސެޖަކީ ވައިބާއަށް ދެވި ނުހިފުމެވެ. ޅެންވެރިޔާގެ ނަސޭހަތަކީ "ދާއިމީ ނުކުރާށެ ވައިބަރު، އާދެ ދެވެހި ނުހިފާށެ ވައިބަރު،" މި އެވެ.
comment އިސްމާޢީލް
9 year 2 month ago
އަމިއްލަ ރާގެއްނަމަ އިތުރަށް ކަމުދިޔައީސް.......
comment މުހައްމަދު
9 year 2 month ago
ތިޔައީ ދިވެހިބަހުގެ އެކެޑަމީއޭ ކިޔާ ތަނުގައި ތިބި ބަޔަކު ކުރާނެ ނުކުރާނެ ކަމެއް ނޭނގިގެން ހަދާފައި އޮތް ބޮޑުގުޅައެކެވެ. މިދިވެހިރާއްޖޭގައި މައިކްރޯ ސޮފްޓް ވާރޑުގައި ދިވެހިބަހުން ލިޔަން ފެށިތާ މިހާރު މިވަނީ އެތައް އަހަރެއް ވެފައެވެ. ދިވެހިބަސް ފޮތް ނެރުނުތާވެސް އެތައް އަހަރެއް ވެއްޖެއެވެ. އެކަމަކު ބަހޭ ބަހޭ ނުބައޭ ނުބައިކޮށްނޭ ލިޔަނީއޭ ކިޔަކިޔައި ތިބެފައި މިކަހަލަ ބޮޑު ގުޅަ ހެދުން ނޫންކަމެއް ނުކުރެއެވެ. ދިވެހިބަސްފޮތާއި މައިކްރޯ ސޮފްޓް ވާރޑްއާއި ގުޅުވައި އެހެން ބަސްބަހެކޭ އެއްގޮތަށް ފަސޭހައިން ސްޕެލިންގ ބަލައިލެވޭނަމަ ކިހައި ރަނގަޅުވީސް ހެއްޔެވެ؟ މިއިން ކަމެއް ނުކޮށް ތިބެފައި ތިކަހަލަ ބޮޑުގުޅަ ހެދީމާ ހަމަ ހިނި އަންނަނީއެވެ.
comment ހަސަނު
9 year 2 month ago
ވައިބަރޭ... މިޒަމާނުގާ މީހުން ބޭނުންކުރަނީ ޓުވިޓާ އާ ފޭސް ބުކް.. ވައިބަރު ބޭނުން ކުރަނީ މަދު ފަހަރަކު
comment ފަޒޫ
9 year 2 month ago
ވަރަށް ފުރިހަމަ.